ހުޅުމާލޭގައި ޕާކްކޮށްފައިހުރި ސައިކަލެއް ބަލައިފާސްކޮށް ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން ބުނީ މިމަހުގެ 15 ވަނަ ދުވަހު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ފްލެޓް 53 ކައިރީގައި ޕާކްކޮށްފައިހުރި ސައިކަލެއް ބަލައިފާސްކުރިއިރު، ސައިކަލް މަޑިދަށުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅާއި ރަބަރު ޕެކެޓަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި 15 ދަޅާއި ޖޫސްޕެޓީ ކޮތަޅެއްގެ އިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.
މިމައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާއިރު މިމައްސަލަ ހުޅުމާލެ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.