ދިވެހި ނެޝަނަކް އެކްޝަން (ޑީއެންއޭ) ވޫޖޫދު ވެއްޖެކަން ސަރުކާރަށް މިހާރު އެނގިވަޑައިގެންނަވާނެ ކަމަށާއި ސަރުކާރުން ދެން ކުޅުއްވަންޖެހޭނީ ޑިފެންސަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޢުމަރު މިހެން ވިދާޅުވީ އުތުރު ތިލަފަޅު "އެއްބަސްވުން ލީކުވި" މައްސަލަ ހޫނޫވެފައިވަނިކޮށްނެވެ. ސަރުކާރުން ވިދާޅުވެފައިވަނީ އެއީ އަސްލެއްނެތް ދޮގު ބަޔާނެއް ކަމަށެވެ. އެފަދަ ދޮގު ޚަބަރު ފަތުރާ މައްސަލަ ބަލައިނުގަނެވޭނެ ކަމަށް ޑިފެންސް މިނިސްޓްރީންނާއި ޑިފެންސް މިނިސްޓަރ ވެސް ވަނީ ވިދާޅުވެފައެވެ. މިނިސްޓްރީން މިހެން ވިދާޅުވުމުން ގިނަ މީހުން ބުނަމުންދަނީ އެއީ ދޮގެއް ކަމަށްވާނަމަ އަސްލު އެއްބަސްވުން ހާމަ ކުރުމަށެވެ.

މިކަމާ ގުޅިގެން އުމަރު ވިދާޅުވީ އެ އެއްބަސްވުމަކީ ސޮއިކުރަން އިންޑިއާއިން ރާއްޖެއަށް ފޮނުވި އެއްބަސްވުން ކަމަށެވެ. އެހެންނަމަވެސް އެއްބަސްވުމުގައި ސޮއި ކުރެއްވުމުގެ ކުރިން ބައެއް ބައިތަކަށް ބަދަލު ގެންނެވި ކަމެއް ނުވަތަ ނޫންކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. "އެއްބަސްވުން ލީކުވުމުން ސަރުކާރުން ވަގުތުން ކުޅުއްވަން ފެއްޓެވީ ޑިފެންސަށް. ޑީއެންއޭ އަތުވެއްޖެކަން މިހާރުވެސް ސަރުކާރަށް އެނގިވަޑައިގަންނަވާނެ،" ޢުމަރު ވިދާޅުވިއެވެ.

މި އެއްބަސްވުން ޢުމަރު ލީކު ކޮށްލުމުން އެއީ އަސްލެއްނެތް އެއްޗެއްކަމަށް ބުނެ އޭނ ހައްޔަރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވަނީ ގޮވާލައްވައިފައެވެ.