އިމަޖެންސީ ބޭނުމަށް ޗައިނާގައި އިތުރު ވެކްސިނެއް ބޭނުންކުރުމުގެ ހުއްދަ ޗައިނާގެ ކަމާބެހޭ އިދާރާއިން ދީފިއެވެ.
މިއީ، ޗައިނާގައި ތަރައްގީކޮށްފައިވާ ކޮވިޑް-19 ވެކްސިންތަކުގެ ތެރެއިން އިމަޖެންސީ ބޭނުމަށް ބޭނުން ކުރުމުގެ ހުއްދަދިން 4 ވަނަ ވެކްސިނެވެ.
ޗައިނާއިން އެންމެފަހުން ހުއްދަދިން ވެކްސިނަކީ، ޗައިނާގެ ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ވެރިޔާ ގާއޮ ފޫ އިސްވެ ހުންނަވައި ސައިންސްވެރިންގެ ޓީމަކުން ތަރައްގީކޮށްފައިވާ ވެކްސިނެކެވެ.
މި ވެކްސިން ތަރައްގީ ކޮށްފައިވަނީ އަންހުއި ޒީފެއި ލޮންގްކޮމް ބަޔޯފާމަޝޫޓިކަލްއާއި، ޗައިނީޒް އެކަޑެމީ އޮފް ސައިންސަސް ގުޅިގެންނެވެ.
މި ވެކްސިނަށް ހުއްދަ ދީފައިވާކަން ހާމަކުރީ، ޗައިނީޒް އެކަޑެމީ އޮފް ސައިންސަސް އިންސްޓިޓިއުޓް އޮފް މައިކްރޯބަޔޮލޮޖީން ނެރުނު ބަޔާނެއްގައެވެ.
މިވެކްސިންގެ ކްލިނިކަލް ޓްރައިލްސްގެ ފޭސް އެކެއް އަދި ފޭސް ދޭއް ނިންމާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ.
މި ވެކްސިންގެ އެންމެ ފަހު މަރްހަލާގެ ކްލިނިކަލް ޓްރައިލްސް އުޒްބަކިސްތާން، ޕާކިސްތާން އަދި އިންޑޮނޭޝިޔާގައި މިހާރުވެސް ކުރިއަށް އެބަދާ ކަމަށް ޗައިނީޒް އެކަޑެމީ އޮފް ސައިންސަސް އިންސްޓިޓިއުޓް އޮފް މައިކްރޯބަޔޮލޮޖީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ޗައިނާގެ ކަމާބެހޭ އިދާރާއިން އެންމެފަހުން ހުއްދަދިން ވެކްސިންގެ ރައްކާތެރިކަމާއި އަދި އެފިކަސީއާބެހޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވާއިރު، މި ވެކްސިން އިމަޖެންސީ ބޭނުމަށް އުޒްބަކިސްތާނުގައި ބޭނުން ކުރުމުގެ ހުއްދަ އެގައުމުގެ ކަމާބެހޭ އިދާރާއިން މާޗްމަހުގެ 1 ވަނަ ދުވަހުވަނީ ދީފައެވެ.
ވެކްސިން ތަރައްގީކުރި ކުންފުނިން ބުނެފައިވަނީ، ކްލިނިކަލް ޓްރައިލްސްގެ މައުލޫމާތު މިވަގުތަށް އަދި އާންމު ނުކުރި ކަމުގައިވިޔަސް، ކަމާބެހޭ އިދާރާތަކާ އެ މައުލޫމާތުތައް ހިއްސާކުރަމުން ގެންދާ ކަމަށެވެ.
ޗައިނާގެ ކުންފުނިތަކުން ތަރައްގީކުރި 3 ވެކްސިނެއް ބޭނުންކޮށްގެން އެގައުމުގެ ރައްޔިތުންނަށް މީގެ އެތައް މަހެއްކުރިން ވެކްސިން ޖަހަން ފަށާފައިވާއިރު، ވެކްސިން ޖެހުން ކުރިއަށްދަނީ ވަރަށް ސްލޯކޮށް ކަމަށް ވެއެވެ.
4 ވަނަ ވެކްސިނަކަށް ހުއްދަދިންއިރު، އެގައުމުގެ އާބާދީގައި ހިމެނޭ 1.4 ބިލިއަން މީހުންގެ ތެރެއިން ޗައިނާއިން އެންމެ ފުރަތަމަ ވެކްސިން ދެމުން ގެންދަނީ ހެލްތުކެއަރ ވޯކަރުންނަށާއި، ކަސްޓަމްސްއާއި، ބޯޑަރު ބަލަހައްޓާ މީހުންނާއި، ސަރުކާރުން ކަނޑައެޅި ވަކި ސިނާއަތްތަކެއްގެ މީހުންނަށެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައި އުމުރުން ދުވަސްވީ މީހުންނާއި، ހައިރިސްކް އެހެން ގްރޫޕްތަކުގެ މީހުންނަށް އިސްކަން ދީގެން ވެކްސިން ޖަހަމުންދާއިރު، ޗައިނާ ސަރުކާރުން އިސްކަންދޭ ލިސްޓުގައި އެ ގްރޫޕްތައް އަދި ނުހިމެނެއެވެ.