ކެނެޑާއިން ވަނީ އައު އިންޑޯޕެސިފިކް ޕޮލިސީއެއް އެކުލަވާލާފައެވެ. ޗައިނާއާއި ކެނެޑާ ދުރުވަމުންދާކަމުގެ ހެކިތައް ދަނީ ފެންނަމުންނެވެ. ޖަޕާނުގެ އައު ބޮޑު ވަޒީރު، ސޫގާ ޔޮޝިހިޑޭއާ ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯގެ މަޝްވަރާތަކާ ގުޅިގެން ހާމަކޮށްފައިވާ ބަޔާންތަކުންވެސް މިކަން ސާފުވެއެވެ.
އެމެރިކާއިން ދަނީ އިސްވެ އޮވެގެން ޗައިނާއާ ދެކޮޅަށް ކޮއެލިޝައެއްވެސް އެކުލަވާލަމުންނެވެ. މި ވަގުތު އަދި މިގައި ހިމެނޭ ހަތަރު ގައުމަކީ، އިންޑިއާއާއި އޮސްޓްރޭލިއާއާއި ޖަޕާނާއި އެމެރިކާއެވެ.
ޖަޕާނާއި ކެނެޑާގެ ބޮޑުވަޒީރުން ކުރައްވާފައިވާ މަޝްވަރާތަކުންވެސް އެނގޭ ގޮތުގައި ދެ ގައުމުންވެސް ބާރުއަޅަނީ އިންޑިއާ ކަނޑާއި ޕެސިފިކް ދަތުރުފަތުރުގެ މިނިވަންކަމަށް ހުޅުވާފައި ބޭއްވުމަށެވެ.
ކެނެޑާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތން ކެނެޑާއިން ދަނީ އެގައުމުގެ އިންޑޯ ޕެސިފިކް ޕޮލިސީ އިޢްލާން ކުރުމަށް ތައްޔާރު ވަމުންނެވެ.
ކެނެޑާގެ ޚިޔާލު ހޯދުންތައް ދައްކާގޮތުން ރައްޔިތުން ބޭނުން ވަނީ ކެނެޑާ ސަރުކާރުން އިންސާނީ ހައްގުތަކަށް ބާރުއަޅައި، ބެއިޖިންގއާ ދެކޮޅަށް ހަރުކަށި ސިޔާސަތެއް ގެންގުޅުމަށެވެ.
ކެނެޑާގެ އަންގަސް ރީޑް އިންސްޓިއުޓުން ތައްޔާރުކުރި ޚިޔާލު ހޯދުމަކުން ދައްކަނީ ޗައިނާ މުދާތައް ބޯއިކޮޓް ކުރަން 81 އިންސައްތަ މީހުން ބޭނުންވާ ކަމަށެވެ. އަދި 93 އިންސައްތަ މީހުން ބުނެފައިވަނީ އިންސާނީ ހައްގުތަކުގެ މައްސަލާގައި ޗައިނާއަށް އިތުބާރެއް ނުކުރެވޭނެ ކަމަށެވެ.
ކެނެޑާއިން ވަނީ އިންޑިއާއާއެކު ވެސް މިފަހަކަށް އައިސް މަޝްވަރާ ކުރާ މިންވަރު އިތުރު ކޮށްފައެވެ.
އާދަޔާ ޚިލާފު ބަދަލެއްގައި މިދިޔަ ހަފްތާގައި ކެނެޑާގެ މަނަވަރަކުން ވަނީ ދެކުނު ޗައިނާ ކަނޑުން ޓައިވާން ކަނޑު އޮޅިއަށް ވަދެފައެވެ. މިއީ ޗައިނާ ނުރުހޭނެ އަމަލެއް ކަން ޔަގީނެވެ.
ޗައިނާއައި ކެނެޑާއާ ދެމެދު ގުޅުން ގޯސްވާން ފެށީ ވެންކޫވަރގައި ވާވޭގެ ފައިނޭންޝަލް މެނޭޖަރެއްކަމަށްވާ މެންގް ވެންޒޯ 2018ގައި ކެނެޑާއިން ހައްޔަރުކުރި ހިސާބުން ފެށިގެންނެވެ. އަދި އޭގެ ބަދަލުގައި ފަހުން ޗައިނާއިން ވަނީ ކެނެޑާގެ ދެމީހަކު ހައްޔަރުކޮށްފައެވެ. މީގައި ކެނެޑާގެ ކުރީގެ ޑިޕްލޮމޭޓަކުވެސް ހިމެނެއެވެ. ކެނެޑާއިން މިކަން ސިފަކުރީ ޗައިނާގެ ހޮސްޓެޖް ޑިޕްލޮމެސީގެ ގޮތުގައެވެ.