ފަންސަވީސް ވަނަބައި

"ވަރަށް ހަނދާންވާނެ.." ލަމްހާ އައިކާގެ ގައިގައި ބައްދާލަމުން ބުނެލިއެވެ.

"އަހަރެންވެސް.." އައިކާ އެހެން ބުނެލިއިރު އޭނާގެ ދެލޮލުން ކަރުނަތައް އޮހިގެންފިއެވެ. ލަމްހާ ވަރަށް އޯގާތެރިކަމާއެކު އައިކާގެ ދެލޯ ފޮހެލައިދިނުމަށްފަހު އޭނާގެ އަތަށް ގަނޑުކޮޅެއް ލައިދިނެވެ. އެއީ އޭނާ ދާންވީ އެޑްރެސް ލިޔެފައިވާ ގަނޑުކޮޅެވެ. ގަދަކަމުން ހިނިތުންވުމެއް ވެރިކުރުވަން މަސައްކަތްކުރަމުން އައިކާ ފޮށި ހިފައިގެން ނުކުންނަމުން ޔޫޝައުއަށް ބަލާލިއެވެ. އޭރު ޔޫޝައުވެސް އިނީ އައިކާއާއި ދިމާ ބަލާށެވެ. ނަމަވެސް އައިކާ ބަލާލުމާއެކު އޭނާ ދުރަށް މޫނު އަނބުރާލިއެވެ. އެވަގުތު އައިކާއަށް އިތުރަށް ކެތްނުވެގެން އަވަސްއަވަހަށް ގެއިން ނުކުތެވެ.

"ޔޫޝައު ކިހިނެއް ތިހެދީ؟ އަހަރެން އެހާވަރަށް ބުނީމަވެސް.."

"އަހަރެންނަކަށް ޤަބޫލެއް ނުކުރެވޭ.. އޭނަ ދާން ދޫކޮށްލާ.." ޔޫޝައު ނުރުހިފައި ބުނެލިއެވެ.

"ޔޫ! ވިސްނާލަބަލަ.. އޭނަ އެއިނީ ޔޫގެ ދަރިއަކަށް ބަލިވެއޭ.. އޭނަ ވިހަންދެން ޔޫ އޭނަ ބަލަންޖެހޭނެއޭ.. އަނެއްކޮޅުން އެ ދަރިފުޅުގެ ޙައްޤުގަ ނަމަވެސް އޭނައަށް އަޅާލަން ޖެހޭނެ މިހާރު.. އަދި ތިގޮތަށް އޭނަ ދޫކޮށްލީމަ އޭނަގެ މައިންބަފައިން ޔޫއަށް ކުރި އިތުބާރު ކޮބާ؟ ތިދެމީހުން ދެމެދުގަ ޖެހޭ މައްސަލައެއްގަ އޭނަ ގެއިން ނެރެލީމަ އޭނަ ދަނިކޮށް އޭނައަށް ގޮތެއް ވެއްޖެއްޔާ ކާކު ޒިންމާވާނީ؟ އަދި އޭނަ އެގޮތަށް ދޫކޮށްލީމަ އެދަރިފުޅަށް ދެރަގޮތެއް ވެއްޖެއްޔާ ޔޫއަށް އަމިއްލަ ނަފްސަށް މާފް ކުރެވޭނެތަ؟" ލަމްހާ ބެލީ ޔޫޝައުއަށް ވިސްނައިދެވޭތޯއެވެ. ނަމަވެސް ޔޫޝައުއަށް މިވަގުތު އެއްވެސް އެއްޗެއް ނުވިސްނޭނެކަން އޭނާއަށް އެނގެއެވެ. އެހެންކަމުން އޭނާ އިތުރަށް އެވާހަކަ ނުދައްކާ ހުއްޓާލިއެވެ. އަދި ޔޫޝައުއަށް ވިސްނިގެން އައިކާ މިގެއަށް ގެންނާނެކަމުގައި އޭނާ ޔަޤީންކުރެއެވެ.

އައިކާ ގެއިން ނުކުތްއިރު ޓެކްސީއެއް ދޮރުމަތީގައި މަޑުކޮށްގެން އޮތެވެ. މި ދަންވަރުގެ ވަގުތުގައި މަގުމަތިން ޓެކްސީއެއް ހޯދުން ފަސޭހަ ނުވާނެތީ ލަމްހާ އެއޮތީ އޭނާއަށް ޓެކްސީއެއްވެސް ހޯދައިދީފައެވެ. އޭނާ ހިތާހިތުން ޓެކްސީއަށް އަރައި ދާންވީ އެޑްރެސް ބުނެލިއެވެ. ދިހަ ވަރަކަށް މިނެޓުގެ ދަތުރަކަށްފަހު ލަމްހާ ބުނި އެޑްރެހަށް ދެވުނެވެ. އައިކާ ޓެކްސީއަށް ލާރި ދީފައި ގޮސް ދޮރުގައި ޓަކި ޖަހާލިއެވެ. އިރުކޮޅެއްވެސް ނުވެ ނަޝްވާ ދޮރު ހުޅުވާލިއެވެ.

"އައިކާ!" ނަޝްވާއަށް ހައިރާންވެފައި ބުނެވުނެވެ.

"ނަޝް!" އައިކާއަށްވެސްވީ ހަމަ ނަޝްވާއަށް ވީފަދަ ގޮތެކެވެ. އެއީ މާޒްގެ ދުރުތާ ތިމާގެ މީހެއްގެ ދަރިއެކެވެ.

"ވަދޭ އެތެރެއަށް.." ނަޝްވާ އަވަހަށް އައިކާ އެތެރެއަށް ވެއްދިއެވެ.

"އައިކާ! އައިކާ ކިހިނެއް ލަމްހާ ދަންނަނީ؟ ކިހިނެއްވީ އަސްލު؟" ނަޝްވާ ފައްޗަކަށް ސުވާލުތައް އަމުނާލިއެވެ.

"އެއީ އަހަރެންގެ ފިރިމީހާގެ ދޮށީ އަނބި.. ވީގޮތަކީ.." އައިކާ ވީ ހުރިހާ ކަމެއް ނަޝްވާއަށް ކިޔައިދިނެވެ. ނަޝްވާއަކީ އޭނާއަށް އިތުބާރު ކުރެވޭފަދަ މީހަކަށް ވާތީއެވެ.

"ތިވީ ހާދަ ދެރަ ގޮތެކޭ.. އައިކާ ބޭނުން ދުވަހެއް ވަންދެން މިގޭގަ ހުރެވޭނެ.. އަހަރެން އައިކާއަށް އެހީވާނަން.." ނަޝްވާ އޯގާތެރިކަމާއެކު ބުނެލިއެވެ. ހިތްދަތިވެފައި އިން ވަގުތެއްގައި ނަޝްވާގެ އޯގާތެރިކަމާއި ދިން ހިތްވަރުގެ ސަބަބުން ކުރި އަސަރެއްގެ ބޮޑުކަމުން އައިކާއަށް އިތުރަށް ރޮވުނީއެވެ.

"ނުރޮއި.. ހިނގާ ކޮޓަރިއަށް.. އަހަރެން އައިކާއަށް އެހީތެރިވެދޭނަން.. އައިކާ މިގެއަށް އެއްވެސް ކުއްޔެއް ދައްކާނެ ކަމެއްނެތް.." ނަޝްވާ އެހެން ބުނެލުމުން އައިކާ ނަޝްވާއަށް ބަލާލިއެވެ.

"އަހަރެން ބޭނުމީ ރަށަށް ދާން.. މާދަމާ ރަށަށް ފުރާ ދޯންޏެއް ނޫނީ ލޯންޗެއް އޮތްތޯ ބަލާލަދީ.. އަހަރެން މިހާރު ބޮޑަށް ހިތްހަމަޖެހޭނީ މަންމަމެންގެ ކައިރީ ހުރެވުނީމަ.." އައިކާ ބުންޏެވެ.

"މައްސަލައެއް ނެތް.. އައިކާ ހިތްހަމަޖެހޭ ގޮތަކަށް އަހަރެން ތިކަންތައް ކޮށްދޭނަން.." ނަޝްވާ ހީލަމުން ބުނެލިއެވެ. އަދި އައިކާއަށް ކޮޓަރި ދައްކާފައި އޭނާ އޭނާގެ ކޮޓަރިއަށް ދިޔައެވެ.

އައިކާ ކޮޓަރިއަށް ވަދެ ތަޅުލާފައި ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. މާބޮޑު ކޮޓަރިއެއް ނޫންނަމަވެސް އާދައިގެ ކުޑަ ކޮޓަރިއަކަށްވުރެ ބޮޑެވެ. އޭނާ އެކޮޓަރި ފެނިފައި ހަނދާންވީ އޭނާ ރަށުގައި އުޅުނުއިރު އޭނާ އުޅުނު ކޮޓަރިއެވެ. އެކޮޓަރިއާ ދާދި އެއްވަރުގެ ކޮޓަރިއެކެވެ. ތަފާތަކީ އޭނާގެ ކޮޓަރީގައި ނެތް ރީތި ފަރުނީޗަރު އެކޮޓަރީގައި ހުރިކަމެވެ. އައިކާ ގޮސް އެނދުގައި އޮށޯވެލިތަނާ ކޮޓަރި ދޮރުގައި ޓަކި ޖަހާލި އަޑުއިވުނެވެ. އައިކާ ކޮޓަރި ދޮރު ހުޅުވާލިއިރު ނަޝްވާ ހުރީ ކިރުތަށްޓެއް ހިފައިގެންނެވެ.

"ނިދަން އޮށޯވެފަވެސް ހިތަށްއެރީ އައިކާ ބަނޑުހައިވެފަ ހުރެދާނެޔޭ.. މާބަނޑު ދުވަސްވަރު ގިނަގިނައިން ފައިދާހުރި އެއްޗެހި ކައިބޮއި ހަދަންވާނެ.. އަން.. މި ބޯލާ.. މިގޭގަ އުޅެނީ އަހަރެންނާ ދަރިފުޅު އެކަނި.. ފިރިމީހާގެ އާއިލާ އެކަކުވެސް ނެތް.. ފިރިމީހާ ނިޔާވީމަ މިހާރު އަހަރެމެން ދެމައިން އެކަނި މިއުޅެނީ.. އެހެންވެ ކާއެއްޗެހި އިތުރެއް ނުވޭ ދުވަހަކުވެސް.. ކުރިން ނޭނގޭތީ އައިކާއާ ލައިގެން އެއްޗެއް ހަދާކަށް ނޭނގޭނެއެއްނު.." ނަޝްވާ ވަންނަން ތަން ދެއްކުމުން ނަޝްވާ އެތެރެއަށް ވަންނަމުން ތަށި ދިއްކޮށްލިއެވެ. ބަނޑުހައި ނުވިނަމަވެސް ނަޝްވާ އަމިއްލައަށް ފެނިގެން އެ ގެނައުމުން އެ ނުބޮއި ނަޝްވާގެ އަތަށް ދޭކަށް އައިކާއަކަށް ނުކެރުނެވެ. ދެރަވެފައި އިންނަމަވެސް ހިތްވަރުކޮށްލާފައި އޭނާ ކިރުތަށި ބޮއި ހުސްކޮށްލިއެވެ.

"މިހާރު ކިތައް މަސްތަ؟" އައިކާގެ ބަނޑަށް ބަލާލަމުން ނަޝްވާ އަހާލިއެވެ.

"އަށްމަސް ވަނީ.." އައިކާ ބުނެލިއެވެ.

"މިހާރު ވަރަށް އުނދަގޫވޭ ދޯ ނިދަން.." ނަޝްވާ އެހެން އަހާލުމުން އައިކާ ބޯޖަހާލިއެވެ.

"ރިއްސާތަ؟"

"ބައެއްފަހަރު.. އެކަމް އެހާ ބޮޑަކަށް ނުރިއްސާ.."

"ރިއްސަންޏާ އަހަރެންނަށް ގުޅާލައްޗޭ.. ގެނޭ ފޯނު އަހަރެންގެ ނަންބަރު ސޭވްކޮށްލާނަން.." ނަޝްވާ އެހެން ބުނުމުން އައިކާ އޭނާގެ ފޯނު ނަޝްވާއަށް ދިއްކޮށްލިއެވެ. ނަޝްވާ އޭނާގެ ނަންބަރު ސޭވްކޮށްލާފައި އައިކާއަށް ފޯނު ދިނެވެ.

"ދެން ނިދާލެވޭތޯ ބަލާ.. މާދަމާ އަހަރެން ބަލާނަން ރަށަށް ފުރާ އެއްޗެއް އޮތްތޯ.." ނަޝްވާ އެހެން ބުނެލުމުން އައިކާ ބޯޖަހާލިއެވެ. ނަޝްވާ ނުކުތުމުން އައިކާ ގޮސް ކޮޓަރި ތަޅުލާފައި އައިސް ނިދަން އޮށޯތެވެ.

ޖެހިގެން އައި ދުވަހުގެ މެންދުރުގެ އެންމެ އަވި ބާރު ވަގުތެވެ. މާޒް އޮތީ ބަނދަރުގައި ހުރި ހޮޅުއަށީގައެވެ. އެތާނގައިވާ ބޮޑެތި ހިރުނދު ގަސްތަކުން މުޅި ހޮޅުއަށްޓަށް ވަނީ ހިޔާ އަޅާފައެވެ. މެންދުރުގެ ހޫނުގަދަ ވަގުތަށްވީ ނަމަވެސް ކަނޑުން އަންނަ ވައިރޯޅިތައް އެއްވެސް ހުރަހެއް ނެތި ގައިގައި ބީހިލާއިރު ނުހަނު އަރާމުވެއެވެ. ލޮލުގައި އަވި އައިނު އަޅާލާފައިވާތީ މާޒް އޮތީ ހޭލާ ކަމެއް ނޭނގެއެވެ.

ހޮޅުއަށީގައި އަރިއަކަށް އޮތްއިރު އޭނާގެ ވިސްނުންތައް ގުޅިފައިވަނީ އައިކާއާއެވެ. އައިކާ މާލެ ކިޔަވަން ދިޔަގޮތަށް ރަށަށް ނައިސް ދެއަހަރު ވެފައި ރަށަށް އައީ ލީންގެ ކައިވެންޏަށެވެ. އެފަހަރުވެސް އައިސް ދެދުވަސް ނުވެ އައިކާ މާލެ ދިޔައީ ކީއްވެ ހެއްޔެވެ؟ އެންމެ ފަހަރަކުވެސް އައިކާ އޭނާގެ ހާލު ބަލައެއްނުލިއެވެ. ނުވިތާކަށް އޭނާ ފެންނަ ހިސާބަށްވެސް ނައިސް ވޭތޯ އައިކާ މަސައްކަތްކުރިކަން އޭނާއަށް އެނގެއެވެ. އައިކާ އޭނާދެކެ ހަމަ އެހާ ރުޅިއަންނަނީ ހެއްޔެވެ؟ އައިކާ އޭނާދެކެ އެހާ ރުޅިއަންނަން ޖެހޭ ސަބަބަކީ ކޮބައިހެއްޔެވެ؟ އޭނާ އައިކާއަކަށް އެއްވެސް ގެއްލުމެއް ނުދެއެވެ. އަދި ދެރައެއް ލިބޭކަށްވެސް ނޭދެއެވެ. ވީއިރު އައިކާ އޭނާދެކެ ރުޅިއައުން ޙައްޤު ހެއްޔެވެ؟ މާޒް ހިތަށް އަރަމުން ދިޔައެވެ.

"އަހަރެން ހަމަ އައިކާގެ މަތިން ހަނދާން ނައްތާލަންވީތަ؟ އައިކާ ހަމަ އަހަރެންނަކަށް ނުލިބޭނެތަ؟ އަހަރެންގެ މި މޮޔަ ހިތް އެނޫން ކުއްޖަކަށް ނުލެނބެނީ ކީއްވެތަ؟ ލޯތްބަކީ ހަމަ މިހާ ބާރުގަދަ އެއްޗެއްތަ؟ މިއީ ލޯބިތަ؟ ނޫނީ.." މާޒްގެ ހިތަށްއަރަމުންދިޔަ ތަފާތު އެއްޗެހިތަކުން އޭނާގެ ބޯ ހާސްވާގޮތްވިއެވެ. އޭނާ ގެއަށް ދާން ތެދުވިތަނާ އޭނާގެ ފޯނު ރިންގުވިއެވެ. އޭނާ ފޯނުގެ ސްކްރީންއަށް ބަލާލިއިރު ގުޅަނީ ނަޝްވާއެވެ. ދެޚިޔާލެއްގައި ހުރެފައި އޭނާ ފޯނު ނެގީ ނަޝްވާއާ ވާހަކަ ދައްކާނުލެވޭތާ ގިނަ ދުވަސްވެފައި ވާތީއެވެ.

"ހެލޯ! ހާދަ ދުވަހެއް ކޮށްލާފަ.. އަނެއްކާ ކިހިނެއްވީބާ؟" މާޒް ސަމާސާ ރާގަކަށް އަހާލިއެވެ.

"އައްދޭ! އަހަރެންނަށް ކަމަކު ނޫނީ މާޒްއަށް ނުގުޅޭނީތަ؟" ނަޝްވާވެސް މާޒްގެ އެ ސަމާސާގައި ބައިވެރިވެލިއެވެ.

"ނޫނޭ.. އެކަމް ހަމަ ހީވަނީ އެހެން.. އޯކޭ މައްސަލައެއް ނެތް.. ނަޝް ކިހިނެއްތަ؟" މާޒް އަހާލިއެވެ.

"ރަނގަޅެއް ނޫން.. އެކަމް ވަރަށް ރަނގަޅު.. ހެހެހެ.. މާޒް ކިހިނެއް؟" ނަޝްވާ އަހާލިއެވެ.

"އެކަހަލަ ގޮތެއް.. ކޮބާ ނީރާ؟ މިހާރު ހާދަ ދުވަހެއް ވެއްޖޭ ނުފެންނަތާ.. ނިކަން އައިސްބަލަ އެމަންޖެ ގޮވައިގެން ރަށަށް.." މާޒް ހިނިތުންވެލިއެވެ.

"ނިދާފަ އޮތީ.. ދާނަން ވަރަށް އަވަހަށް.. އެބަ ހިތަށްއަރާ ރަށަށް އެއްކޮށް ބަދަލުވާންވެސް.. މިގެ ކުއްޔަށް ދީފަ.. އެކަނިވީމަ ވަރަށް ދަތިވާނެއެއްނު.." ނަޝްވާ ބުންޏެވެ.

"ރަނގަޅު ވަޒީފާއަކަށް ދާންވީނު.. އޭރުން ހަމަޖެހިލައިގެން އުޅެލެވޭވަރު ވާނެ.. މާލޭގަ ހުރެގެން ދަރިފުޅަށް ރަނގަޅަށް ކިޔަވައިދެވޭނީ.." މާޒް އެހެން ބުނެލުމުން ނަޝްވާވެސް އެކަމާ ތާއީދުކުރިއެވެ.

"އާނ.. ތީވެސް ތެދެއް.. އެކަމް ހަމަ ކުރިން ބުނިހެން އެކަނިވީމަ.. އަހަރެން ބޭނުމެއްނުވޭ ނީރާ ބަލަހައްޓަން ދުރު މީހަކު ގެންނާކަށް.. މިބުނީ ބޭރު މީހެއް.. ދެން އާއިލާ މީހަކު ނެތިއްޔާ އަސްލު ހަޤީޤަތުގަ ކުދިން ހަވާލުކޮށްފަ ދާން ޖެހިލުންވޭ.. އެއީ މިހާރުގެ ހާލަތަށް ބަލާފަ.. އަބަދު ތިބޭނީ ފޯނުގަ.. ނޭނގޭނެ ތިމާ މީހާ ގަޔަށް ވަޅި ޖެހިޔަސް.." ނަޝްވާ އެހެން ބުނެލުމުން މާޒްވެސް ތީ ތެދެކޭ ބުނެލިއެވެ.

"އަހަރެން ހިނގައިދާނަން ނީރާ ބަލަން.." ސަމާސާ ރާގެއްގައި މާޒް ބުނެލިއެވެ.

"އެހެންވިއްޔާ ފުރަތަމަ ކަމަކަށް ޖެހޭނީ އަހަރެމެން މެރީކުރަން.. ހެހެހެ.." ބާރަށް ހީނގަންނަމުން ނަޝްވާ ބުނެލިއެވެ.

"އެޔޯ؟ ފެމިލީއެއްނު.. އޯކޭވާނެ.."

"ފެމިލީވިޔަސް ކައިވެނި ހަލާލުވެއެއްނު.. އެހެންވީމަ ދެމީހުން އެއްގެއެއްގަ އުޅުނީމަ މާ ރީތި އަޑުތަކެއް ނާރާނެ.. އޭރުން ލަދުގަންނަން ޖެހޭނީ ހަމަ އަހަރެމެން ދެމީހުންނާ އާއިލާ ދޯ.." ނަޝްވާ އެހެން ބުނެލުމުން މާޒް ހީލިއެވެ.

"އޯކޭ ލީވް އިޓް!" މާޒް ބުނެލިއެވެ.

"އަސްލު މި ގުޅާލީ ވަރަށް މުހިންމު ވާހަކައެއް ބުނާށޭ.." ނަޝްވާ ސީރިއަސްވެލިއެވެ.

"އެއީ އަނެއްކާ ކޮން ވާހަކައެއް؟" މާޒްވެސް ސީރިއަސްވިއެވެ.

"މީ.. އައިކާ.. އައިކާ.."

"ނަޝް! އިކާއަށް ކިހިނެއްވީ؟ އޭނަ ރަނގަޅުތަ؟ އޭނަ ކޮބާ؟" މާޒްއަށް ހާސްވެފައި އެއްފަހަރާ ސުވާލުތައް ކޮށްލެވުނެވެ.

"މާޒް! ހަމަޖެހިބަލަ.. އަހަރެން މި ދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާބަލަ.."

"އޯކޭ.. ކިޔާބަލަ އެހާ ވާހަކަ ގިނަނުކޮށް.. އަހަރެން އެބަ ވަރަށް ހާސްވޭ.." މާޒްއަށް ބުނެވުނެވެ.

"މާޒް! ޔޫޝައު އައިކާ ވަރިކޮށްފި.. އޭނަ މިއަދު އެގާރަ ގަޑި ބައިގެ ލޯންޗުން ރަށަށް ފުރައިފި.." ނަޝްވާ ދިން ޚަބަރަކުން މާޒްއަށް ލިބުނީ ޝޮކެކެވެ.

"ވަޓް!؟ އާރ ޔޫ ސީރިއަސް!؟" މާޒްއަށް ޤަބޫލު ނުކުރެވިފައި އަހާލެވުނެވެ.

"ޔެސް.. ހަންޑްރެޑް ފަސެންޓް.. ރޭގަ އައިކާ ހުރީވެސް އަހަރެންގެ ކައިރީ އަހަރެންގެ ގޭގަ.." ނަޝްވާ ޔަޤީންކޮށްދިނެވެ.

"އެކަމަކު ކީއްވެ؟ ޔޫޝައުއަކީ ހާދަ ނުލަފާ.."

"ނޫން.. އޭނައަކީ ވަރަށް ރަނގަޅު މީހެއް.. އެއީ ވަރަށް ބޮޑު މިސްއަންޑަސްޓޭންޑިންއެއް.. މާޒް ނަމަވެސް ވާނީ ހަމަ އެހެން.. ޤަބޫލުކުރަން ދަތިވާނެ.." ނަޝްވާ ބުންޏެވެ.

"ސާފުކޮށް ކިޔައިދީބަލަ.." މާޒް އެހެން ބުނެލުމުން އައިކާ ނަޝްވާއަށް ކިޔައިދިންގޮތަށް ނަޝްވާ މާޒްއަށް ކިޔައިދިނެވެ.

"އަހަރެންނަމަ ޤަބޫލެއް ނުކުރާނަން.. ހަމަލޮލަށް ހުރިހާ ކަމެއް ހިނގިތަން ނުފެންނަނީސް އަހަރެން ޤަބޫލެއް ނުކުރާނަން.." މާޒް ޔަޤީންކަމާއެކު ބުންޏެވެ.

"އޯކޭ.. މާޒް ތިބުނި ބަހުގެ އެއްވެސް އިތުބާރެއް ނެތްކަން އަހަރެން ސާބިތުކޮށްދީފާނަން.. މާޒްގެ ފުރަތަމަ ލޯތްބަކީ ނާޒްއެއްނު.. މާޒް ހިތުން ވަރަށް ސިއްރުންނެއްނު ދޯ އުޅުނީ.. އެކަމް މީ ދުވާލުކަން ޔަޤީންވާހެން އަހަރެންނަށް އެކަން އޮތީ ޔަޤީންވެފަ.. މާޒް އޭނައަށް ބަލާލާ ގޮތުންނާ އޭނައޭ ކިޔައިގެން މީހަކު އެއްޗެކޭ ބުނާއިރަށް މާޒްއަށް ވާގޮތްގޮތުން އަހަރެންނަށް އެކަން ޔަޤީންވީ.. އެކަމް އޭރަކު ޤަބޫލެއް ނުކުރަމެއްނު ދޯ އޭނައަކީ ބަ*އެކޭ ބުންޏަސް.. އެހެން ބުނާ މީހެއްދެކެ ރުޅިވެސް އަންނަމެއްނު.. އެކަމް މާޒް އެކަން ޤަބޫލުކުރީ ކިހިނެއް؟ ހަމައެކަނި ކިސްއެއް ކޮށްލިތަން ފެނިގެން.. އިތުރު ކަމެއް ކުރިތަން ދުށިންތަ؟ ނުދެކެމެއްނު ދޯ؟" ނަޝްވާ މާޒްގެ އަނގަ ބަންދުކޮށްލިއެވެ. ނަޝްވާއަށް އެ ހުރިހާ ކަމެއް އެނގުނީ ކިހިނެއްބާއޭ އޭނާގެ ހިތަށްއެރިއެވެ.

"ކިހިނެއް ނަޝްއަށް ތިހުރިހާ ކަމެއް އެނގުނީ؟" މާޒް ހައިރާންވެފައި އަހާލިއެވެ.

"ބަލާ މީހަކަށް އެނގޭނެ ދޯ.." ނަޝްވާ ބުނެލިއެވެ.

"ކީއްކުރަން ފާރަލަނީ؟" ހިތްހަމަނުޖެހިފައި މާޒް ބުނެލިއެވެ.

"އަހަރެން މާޒްދެކެ ލޯބިވާތީ.." ނަޝްވާގެ އެ ޖުމްލައާއެކު މާޒްއަށް ހުއްޓުން އެރިއެވެ.

"ވަޓް؟ އާރ ޔޫ ކިޑިންގ މީ؟"

"ނޯ.. އައިމް ސީރިއަސް.. އަހަރެން އަބަދުވެސް މާޒްދެކެ ލޯބިވޭ.. އެކަމް މާޒް ނާޒްއާހެދި އުޅޭކަން އެނގުނީމަ އަހަރެން ވަރަށް ދެރަވި.. އަހަރެން.." ނަޝްވާގެ ޖުމްލަ ފުރިހަމަ ނުވަނީސް މާޒް ފޯނު ކަނޑާލިއެވެ.

"އޯހ މައި ގޯޑް!! ޝީ ލަވްސް މީ؟ ނޯ ނޯ.. އައި ކާންޓް ޑޫ ދިސް.. އައި ކާންޓް ޑޫ.." މާޒް ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ފަޅަށް ވަތް ލޯންޗެވެ. ވާހަކައިގެ ތެރެއަށް ގެއްލިފައި ހުރެވުނުލެއް ބޮޑުކަމުން ލޯންޗުގެ އިންޖީނު އަޑުވެސް އޭނާއަށް ނީވުނީއެވެ.

ގެއަށް ދާން ހިނގައިގަނެފައިވެސް އޭނާ ހޮޅުއަށީގައި މަޑުކޮށްލީ ނަޝްވާ އެ ލޯންޗުން އައިކާ އަންނަ ވާހަކަ ބުނެފައި އޮތީމައެވެ. ނަމަވެސް އައިކާއަށް އޭނާ އައިކާއަށް ބަލަން ހުރިތަން ފެނިއްޖެނަމަ އައިކާގެ ރުޅިވެރި ނަޒަރު އޭނާއަށް އަމާޒުވާނެކަން އޭނާއަށް އެނގެއެވެ. އެހެންކަމުން އޭނާ އަވިއައިނު ލޮލަށް ހެޔޮވަރު ކޮށްލަމުން ހޮޅުއަށީގައި އޮށޯވެ ހަމަޖެހިލިއެވެ. މިހާރު އޭނާ ފެންނަ މީހަކަށް ހީވާނީ އޭނާ އެއޮތީ ނިދާފައިހެންނެވެ. އޭނާގެ ދެލޯ ހުއްޓިފައި ހުރީ ލޯންޗުގެ ކުރީކޮޅަށެވެ.

އިރުކޮޅެއްވީތަނާ އައިކާ ލޯންޗުން ފައިބައިފިއެވެ. އައިކާގެ އަށްމަހުގެ ބަނޑު ފެނުމުން އެއްވެސް އިޚްތިޔާރަކާއިނުލާ މާޒްއަށް ކޮޅަށް ތެދުވެވުނެވެ. އައިކާ ބަލިވެ އިންކަމެއް އޭނާ ނުދެނަހުއްޓެވެ. އޭނާއަށް ޔޫޝައުދެކެ އިންތިހާއަށް ރުޅިއާދެވުނެވެ. އޭނާ އައިކާ ވަރިކޮށް ގެއިން ނެރެ އެއްލާލިއިރު އޭނާގެ ދެލޯ ހުރީ އަނދިރިވެފައި ހެއްޔެވެ؟ އޭނާއަށް އައިކާ އިން ހާލު ނުފެންނަނީ ހެއްޔެވެ؟ އޭނާގެ ދަރިއެއް ބަނޑުތެރޭގައި ބާއްވައިގެން އައިކާ އެ އުފުލަމުންދާ ބުރަ އޭނާއަށް ކުޑަކޮށްވެސް އަންދާޒާކޮށްނުލެވެނީ ހެއްޔެވެ؟ އައިކާއަށް އެހާލުގައި އިންދާ އައިކާއަށް އިތުރު ނިކަމެތިކަމެއް ދިންއިރު އޭނާގެ ހިތަށް ހަމަ އެކައްޗެއްވެސް ނޭރީ ހެއްޔެވެ؟ މާޒް ހިތާހިތުން ޔޫޝައުއާ ދިމާއަށް އެތިވަރު ގޮވިއެވެ.

އައިކާ އަތިރިމަތީގައި ހުރީ ފޮށިތައް ބާލަންދެނެވެ. އޭނާގެ ފޮށި ލިބުމުން އޭނާ ފޮށި ދަމަމުން ގެއާ ދިމާއަށް ހިނގައިގަތެވެ. އޭނާ ގެއަށް ދާއިރަށް މަންމަމެންގެ ސުވާލުތައް ކުރިމަތިވާނެކަން އޭނާއަށް އެނގެއެވެ. އެ ސުވާލުތަކަށް އޭނާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ޔޫޝައު އޭނާ ވަރިކޮށްލީއޭ ބުނުމުން އެމީހުން ހިތަށް އަރާނީ ކީކޭ ހެއްޔެވެ؟ އެމީހުންގެ ހިތުގައި ޔޫޝައުއާމެދު ނަފުރަތު އުފެދޭނެކަން ގައިމެވެ. އެކަން އެހެންވާކަށް އޭނާ ބޭނުމެއްނޫނެވެ. ސަނާމެންނަށް ދޭނެ ޖަވާބަކާއިމެދު ވިސްނަމުން އޭނާއަށް މާޒްގެ ކުރިމަތިން ހުރަސްކުރެވުނުއިރުވެސް އޭނާއަށް ނޭނގުނެވެ.

މާޒްއަށް އޭނާގެ ހިތާއި ދިމާލުން މޭގައި ފިރުމާލެވުނީ ހިތަށް ލިބުނު އަރާމަކުންނެވެ. ގާތްގަނޑަކަށް އަހަރެން ވާންވެފައި ވަނިކޮށް އައިކާ ފެނުނުއިރު އައިކާ އެހުރީ ވިހަން ކައިރިވެފައެވެ. ރޫފަ ރަނގަޅުވެލައި ބޮޑު ބަނޑަކާއެކު އައިކާ ފެންނައިރު ނުހަނު ލޯތްބެވެ. ކުރިއަށްވުރެވެސް އައިކާގެ ހަންގަނޑު ދޮންވެފައި އޮމާންކަން މާޒްއަށް ފާހަގަކުރެވުނެވެ. އައިކާއަށް އޭނާ ނުފެނުނުކަން ނަސީބެކޭ މާޒްގެ ހިތަށްއެރިއެވެ. އައިކާ ވަކި ހިސާބަކަށް ގޮސްފައި ހުއްޓުނީ ވަރުބަލިވެގެންނެވެ. ބޮޑުމަގުގެ ދެތިން ތަނަކަށް އައިކާ މަޑުކުރުމުން މާޒްގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. އައިކާ އޭނާއަށް ކިތަންމެ ނަފުރަތު ކުރިޔަސް އޭނާ އައިކާއަށް އެހީވާން ބޭނުމެވެ. ލޯބިދޭން ބޭނުމެވެ. އައިކާއަށް އެހީވާން ހިތުލައިގެން އޭނާ ގޮސް އައިކާއާ އަރާ ހަމަކުރިއެވެ.

"ގެނޭ އަހަރެން ތި ގެޔާ ހަމައަށް ގެންގޮސްދޭނަން.." މާޒްގެ އަޑަށް އައިކާ ބަލާލިއެވެ. މާޒްގެ މޫނުމަތީގައިވާ ހިނިތުންވުން ފެނުމުން އައިކާގެ އެތެރެހަށީގައި ރޯވެގަތެވެ.