މިއަހަރުގެ މުދަލު ޒަކާތުގެ ފައިސާ މިއަދުން ފެށިގެން ބަހަންފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 1442 ވަނަ އަހަރު ރިވިއުކުރި ފަޤީރުންނާއި މިސްކީނުންގެ ލިސްޓުގައި ތިބި މީހުންގެ އެކައުންޓްތަކަށް މިއަދުން ފެށިގެން ފައިސާ ޖަމާކުރުމުގެ މަސައްކަތް ފަށާފައިވާއިރު ފަޤީރުންނާއި މިސްކީނުންގެ ލިސްޓުގައި މިވަގުތު 11514 މީހުން ތިބިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ މުދަލު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ ބޮލަކަށް 2000 ރުފިޔާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން އެންމެ ފަހުން އެކުލަވާލި ފަޤީރުންގެ ލިސްޓުގައި ރަޖިސްޓްރީވެފައި ތިބީ 8764 މީހުންނެވެ. އެހެންނަމަވެސް އަލުން ފަޤީރުންގެ ލިސްޓުގައި ރަޖިސްޓރީވުމަށް ހުޅުވާލި ފުރުޞަތުގައި ޚާއްސަކޮށް ކޯވިޑް 19 އާ ގުޅިގެން ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން އަލަށް މި ލިސްޓުގައި 2750 މީހުން ވަނީ ރަޖިސްޓްރީވެފައެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަދުވަހުން ފެށިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބުގެ ގޮތުގައި ހަމަޖައްސާފައިވަނީ ހަތަރުހާސް ހަސަތޭކަ ހަތްދިހަ ހަ ރުފިޔާ ހަތްދިހަ ލާރިއެވެ.

މުދަލު ޒަކާތް މިހާރު ބަލައިގަންނަމުން ގެންދަނީ ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ.