މާލޭގެ ސްކޫލްތަކުގައި މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް އެއް މަސްދުވަހަށްފަހު ކިޔަވައިދޭން ފަށައިފިއެވެ. މިއަދު މާލެ ސިޓީގެ ސްކޫލްތައް ހުޅުވާ ކިޔަވައިދޭން ފަށާފައިވަނީ ގްރޭޑް 9 އިން 12 ގެ ދަރިވަރުންނަށެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކިޔެވުން މެދުކަނޑާލުމަށްފަހު އަލުން ކިޔަވައިދޭން ފަށާފައިވަނީ ޖުލައި މަހުގެ 1 ވަނަ ދުވަހުއެވެ. އޭރު އަތޮޅުތަކުގައި ގްރޭޑް 1 އިން ފެށިގެން 12 ދަރިވަރުންނަށް ކިޔަވައިދެމުން ގެންދެއެވެ. މާލޭގައި ކިޔަވއިދެމުން އައިސްފައިވަނީ ގްރެޑް 9 އިން 12އަށެވެ.

އެހެންނަމަވެސް ކޯވިޑް-19 މާލޭގައި ފެތުރުން އިތުރުވަމުން އަންނާތީ ސްކޫލްތައް ހުޅުވައިގެން ކިޔަވާ ނުދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމާ މާލެ ސިޓީގެ ސްކޫލްތަކުގެ ކިޔެވުން މިޑް ޓާރމްއަށް ފަހު ފަށާފައެއް ނުވެއެވެ. މި ނިންމުންތައް ނިންމާފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއާއި ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކުގައެވެ.

ސްކޫލްތަކުގައި މިހާރު ކިޔަވައިދެމުންދަނީ ކޮންމެ ކީ ސްޓޭޖަކަށް ހަތަރު ގަޑިއިރުކަނޑައަޅައިގެންނެވެ. އަދި އެ ވަގުތުތަކުގައި އެންމެ ގިނައިން ވެސް ކިޔަވައިދެވޭނީ ހަތަރު މާއްދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. ކޮންމެ މާއްދާއެއް ކިޔަވައިދިނުމަށް ކަނޑައަޅާފައިވަނީ 45 މިނެޓެވެ. އަދި ބާކީ ހުރި ވަގުތުތައް ހަމަޖައްސާފައި ވަނީ ސިއްޙީ އެސެސްމަންޓުތައް ހެދުމާއި އެސެމްބްލީ އާއި އަތް ދޮވުން ފަދަ ކަންކަމަށެވެ.