(ދެން އެ ހަނދުވަރުން ލިބޭނެ އުފަލެއް ނެތެވެ.)
ނިރު، ޝާހީން މުޙައްމަދު
ހަތަރު ވަނަ ބައި
އެތެރެއަށް ވަދެގެން އަންނަ އަޔާޒުއަށް އިފާ ބަލަން އިނީ ކަތި ނަޒަރަކުންނެވެ. އެހެންނަމަވެސް އެތާ މީހަކު އިންކަމެއް އަޔާޒުއަށް ނުވެސް އެނގޭކަހަލައެވެ. އަޔާޒުގެ މިފަދަ ފަރުވާކުޑަކަމުންނާއި އިފާއާ މެދު ބަހައްޓާ ދުރުކަމުން އިފާގެ ހިތުގައި ޖެހެއެވެ. ދެރަވެއެވެ. އިފާ އެ ގޭގައި އުޅޭތީ އަޔާޒު ހިތްހަމަ ނުޖެހެނީއޭ ވެސް ބައެއް ފަހަރު އިފާ ހިތަށް އަރައެވެ.
ރިސޯޓެއްގައި މަސައްކަތް ކުރަމުން އައި އަޔާޒު ކޮވިޑްގެ ސަބަބުން ވަޒީފާއަށް ނުގޮސް ރަށުގައި މަޑުކުރީއެވެ. ރިސޯޓުގައި އަޔާޒަކީ މެނޭޖަރަކަށް ވިޔަސް ކޮވިޑްގެ ބިރާހެދި ޗުއްޓީއަށް އައި ގޮތަށް އަދިވެސް އަޔާޒު އެ އުޅެނީ ރަށުގައެވެ. އެހެންނަމަވެސް ދިރިއުޅުމަށް ލާރި ހޯދަން ކޮންމެވެސް ކަމެއް ކުރަން ޖެހޭނެކަމަށް އަޔާޒު ގަބޫލުކުރެއެވެ.
ރަށުގައި ހުރެގެން ވެސް ކުރެވޭނެ ކިތަންމެ ކަމެއް އެބަހުއްޓެވެ. ހަލާލު ގޮތުގައި ފައިސާ ލިބޭނެ ކިތަންމެ ކަމެކެވެ. އެ ރަށަކީ މަސްވެރި ރަށެކެވެ. ކޮންމެވެސް ވަރަކަށް ދަނޑު ހައްދައިގެން ވެސް މީހުން އާމްދަނީ ހޯދައެވެ. އަޔާޒު ޚިޔާރު ކުރީ މަސްވެރިކަމެވެ. މަސްވެރިކަން ވީމާ އެންމެ ހަފުތާއަކުން ވެސް ބޮޑު ޢަދަދެއް ލިބިދާނެއެވެ. ނުވަތަ މާ ބޮޑު އެއްޗެއް ނުލިބ ވެސް ހިނގައިދާނެއެވެ. އެކަމަކު ވެސް މަސްވެރިކަމަކީ އަޔާޒު ވެސް ކުރާހިތްވާކަމަށް ވާތީ ތިމާގެ މީހެއްގެ ދޯނިން މަހަށް ދާންފެށިއެވެ.
ކަނޑުމަތީ އުޅެން ފެށުމުން ހަންގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަކަން އަޔާޒަށް ވެސް އެނގެއެވެ. މޫނާއި އަތާއި ކަކުލު ހުޅުން ތިރީގެ ފެންނަން ހުންނަ ހިސާބުގެ ހަންގަނޑު ޓޭން ވެލާ ކުލަ ބަދަލު ވިޔަސް އަޔާޒުގެ ފަރުވާލެއް ނެތެވެ. އެ އައި ބަދަލުން އަޔާޒު މާބޮޑަށް ރީއްޗޭ ދިމާވާ ބައެއް އަންހެން ކުދިން ސަމާސަޔަކަށް އަޔާޒާ ދިމާއަށް ބުނެ ވެސް ލައެވެ. އެހެންނަމަވެސް އަޔާޒުގެ ލޮލުގައި އަޅައިގަތީ ފަރުއީންއެވެ. ރަށުގެ އެތައް ކުދިންނެއް ރޮއްވާލުމަށްފަހު ފަރުއީންގެ ލޯބި އަޔާޒު ގަބޫލުކުރީ ގޭ މީހުންގެ ވެސް ނުރުހުމުގައެވެ. އެހެންވިޔަސް އަޔާޒަކަށް މައްސަލައެއް ނެތެވެ. ފަހުން ގޭ މީހުން އޯކޭ ވެދާނެއެވެ. އަޔާޒު ބޭނުމީ ފަރުއީންގެ ލޯތްބެވެ. އެވަރުން އަޔާޒަށް މާބޮޑަށް ވެސް ފުދެއެވެ.
އެއްދުވަހެއްގެ ހެނދުނެވެ. އިފާ ހުރީ ޝައިބާ ރޮށި ދަމަން ހުރި އިރު ރޮށި ފިހެދޭން އުނދުން ކައިރީގައެވެ. ދެ ރަޙުމަތްތެރިން ދައްކަމުން ދިޔައީ އިއްޒާގެ ލޯބި ލޯބި ޙަރަކާތްތަކުގެ ވާހަކައެވެ. މައުޟޫއު ބަދަލުކުރީ ޝައިބާއެވެ.
"ހަނދާން ނެތިފައޭ މިހިރީ ....! މަންމަގާތަށް އެ ރަށަށް ދާން .... ތިއްތިބެ ބުނި މެންދުރު ފުރާނީއޭ! އިފާ އަދި އެރަށަކަށް ނުދަމެންނު! އަހަރެން ވެސް މި ހުންނަނީ މަންމަ ދެކޭހިތްވެފަ! ދާންވާނެދޯ އިފާ ވެސް!"
ކުއްލިއަކަށް ކަމެއް ހަނދާންވުމުން ގެންނަ ފަދަ ޙަރަކާތެއް ގެންނަމުން ޝައިބާ ވާހަކަ ދެއްކިއެވެ.
ޝައިބާގެ މަންމަ ހައްވަ ދިރިއުޅެނީ މީހަކާ އިނދެގެން ކައިރި އެހެން ރަށެއްގައެވެ. ޝައިބާގެ ބައްޕަ ނިޔާވުމުން ވަރަށް ދުވަހު ހުހަށް ހުރުމަށްފަހު ހައްވަ މީހަކާ އިނީ ޝައިބާގެ އުމުރުން ފަނަރަ އަހަރަށް އޮއްވައެވެ. އޭރު އަޔާޒަށް އަށާރަ ފުރިއްޖެއެވެ. ހައްވަގެ މިހާރުގެ ފިރިމީހާއަށް ހައްވަ ވިހެއީ ދެކުދިންނެވެ. އޭގެތެރެއިން އެއްކުއްޖަކު ޅަފަތުގައި ނިޔައުވީއެވެ. ފަޒުލާ އެއީ ހައްވަގެ މި ބަފައިގެ ކުއްޖެކެވެ.
އިފާއާއި ހައްވައާ ކުރިންވެސް ދެ ފަހަރަކު ދިމާވިއެވެ. އެއީ ޝައިބާ މާލޭގައި ކިޔަވަން އުޅުނު އިރެވެ. އެހެންނަމަވެސް މި ފަހަރު ޝައިބާ ގާތަށް އިފާ އައި އިރު ހައްވަ ވެސް ހުރީ ޝައިބާ ގާތު މި ރަށުގައެވެ. ޝައިބާ ވިހަންވާއިރަށް އައިގޮތަށް މަހެއްވެ ޝައިބާ ގަދަވަންދެން ހައްވަ މި ރަށުގައި މަޑުކުރިއެވެ. އިފާ އައިތާ ހަފުތާއެއް ވީފަހުން ހައްވަ ފުރައިގެން ދިޔައީއެވެ.
"ތީ ވަރަށް ރަނގަޅު ދަތުރެއް! އަސްލު އަހަރެން ވަރަށް އަނބުރާ އިނގޭ! އެކަމަކުވެސް ދާން ބޭނުން!"
އިފާ ޝައުގުވެރިކަން ފާޅުކުރުމުން ޝައިބާ ވަރަށް އުފާވިއެވެ.
"ޝަނޫން ދާނެތަ! "
އިފާ ބޭނުންވީ ޝައިބާ ފިރިމީހާ ދަތުރުގައި ބައިވެރިވޭތޯ ޔަގީން ކުރުމެވެ.
"އޭނަ ބަހައްޓާފަ މަ ކިހިނެއް ދާނީ! މަ ވެސް އެހާ ވަރަށް އަނބުރާވިއްޔާ!"
ދެން ދެމީހުން ހޮޑުލާލާ ތިބޭނީ! "
އިފާ ބުނި އެއްޗަކުން ދެމީހުންނަށް އެއްފަހަރާ ހީނގަނެވިއްޖެއެވެ. ޝަނޫން އައިސް ކާބަޔަށް ވަނީ ދެ ރަޙުމަތްތެރިން ހީނހީނ ތިއްބައެވެ.
"އައްދެ! ހާދަ ފޯރިއެއްގަ! ކިހާ ވަރަކުން ދާނެބާ!"
އިފާއާއި ޝައިބާ ހެމުން ހެމުން ލޯންޗާދިމާއަށް އަންނަތަން ބަލަންހުރި އަޔާޒު ވާހަކަދެއްކީ އިއްޒާ އުރާލައިގެން ހުރި ޝަނޫންއާއެވެ.
"ރަނގަޅަށް ވެއްޖިއްޔާ ތި ދެމީހުންވެސް ތިބޭނީ ދެމިފަ! ލައިގެން މިހިރަ އެއްޗެހި ސަލާމަތް ވެއްޖިއްޔާ ކިތަންމެހާވެސް ރަނގަޅު!"
ޝަނޫން ވެސް އަޔާޒާ ބައިވެރި ވެލިއެވެ. އޭރު އިފާ އާއި ޝައިބާ އައިސް އަޔާޒުމެނާ ހަމަ ކުރަނީއެވެ.
"ކީއްވެ މިތިބީ! އެންމެން އެތިބަ އަރާ ލޯންޗް ފުރެނީ! މި ދެމީހުން ހަމަ ޖެހިލައިގެން އެތަން ބަލަން! .. ދެންވެސް ނުތިބެ ހިނގާބަލަ!"
ޝައިބާ ހިފީ ޝަނޫން އަތުގައެވެ. އިއްޒާ އުރާލައިގެން ޝަނޫން ހިގަނއިގަތީ ގެނައި ދަތުރުމަތީ ދެ ދަބަސް އަޔާޒަށް ދައްކައިލަމުންނެވެ.
ލޯންޗަށް އަރާ އިށީންނަން ޝައިބާ ބޭނުންވީ އިފާ އާއި ކައިރީގައެވެ. އެހެންނަމަވެސް އޭރު މީހުން އަރާ ފުރިފައި އޮތުމުން އެހެން އެކަން ވާނެ ގޮތެއް ނުވިއެވެ. ޝައިބާ އާއި ޝަނޫންއަށް ޖެހިޖެހިގެން ދެ ސީޓް ލިބުނެވެ. އެކަމަކު އިފާއިންނަން ޖެހުނީ ވަކިން މެދު އުމުރުގެ ފިރިހެނަކާ ޖެހިގެންނެވެ. އެ ސީޓްގައި ނީށީންނަން އިފާ އެތައް އިރަކު މަޑުކުރިއެވެ. ސަބަބަކީ އެމީހާގެ ފުރަތަމަ ބަލައިލުމުން ވެސް އިފާއަށް ނުތަނަވަސްކަން އިހުސާސްވުމުންނެވެ.
އަޔާޒު ގޮސް އިށީނދެ ހަމަ ޖެހިލުމަށްފަހު ލޯންޗް ތެރެއަށް ނަޒަރު ހިންގައިލިއިރު ވެސް އިފާ ހުރި ގޮތަށް ކޮޅަށް ހުއްޓެވެ. އަރިމަތީ ހުރި ގޮނޑިއަށް ލެނގިލައިގެންނެވެ. އޭރު ލޯންޗްގެ ކެޕްޓަން ލޯންޗް ދުއްވާލަން ތައްޔާރު ވަނީއެވެ. ވާ މޮހާލާ އިންޖީން ސްޓާޓް ކުރަނީއެވެ.
އިފާގެ ނުތަނަވަސްވެފައިވާ މޫނަށް ބަލަމުން މީހަކު އައިސް އިފާ ކައިރީ ހުރި ސީޓްގައި އިށީންތަން ފެނުމުން އިފާއަށް ހޯދައި ލެވުނީ ހުހަށް އިތުރު ސީޓެއް ހުރިތޯއެވެ. އިފާ ހީކުރީ ސީޓްތައް ފުލްވީކަމަށެވެ. އެހެންނަމަވެސް އެއްސީޓް ހުހަށް ހުއްޓައި ފެނުމުން ކުރިއަށް ހިނގައިގަތްއިރު އެސީޓާ ޖެހިގެން އިށީނދެ އިނީ އަޔާޒުކަން އެނގުމުން ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. އިފާގެ މޫނުމަތި އަލިވެގެން ދިޔަތަން ފެނުމުން އިފާ ނީށީނދެ ހުރުމުން ކަންބޮޑުވެފައި ބަލަން އިން ޝައިބާއަށް ވެސް ހަމަ ޖެހުން ލިބުނެވެ.
ލޯންޗް ފުރަން ހަމަ ޖެހިފައިވާ ވަގުތަށްވުރެ ފަސްވަރަކަށް މިނިޓް ފަހުން ފުރައިފިއެވެ. ލޯންޗް ދުއްވައިލިއިރު ކަނޑު ފުދޭވަރަކަށް މަޑެވެ. އެހެންނަމަވެސް ދަތުރުގެ ވަކި ހިސާބަކުން އަދި ދިއްލާލާފަ އޮތަސް ވައިރޯޅި ބާރުވެއްޖެއެވެ. ނަތީޖާއެއްގެ ގޮތުން ކަނޑުގެ ހަލަބޮލިކަން ވެސް އިތުރުވެއްޖެއެވެ. އޭރު ދެތިން މީހަކު ހޮޑުލައިފިއެވެ. އިފާ އިނީ އަނބުރާވަރުން ލޯވެސް ހުޅުވާލަން ނުކެރިއެވެ. ބައެއްފަހަރު ރާޅުގެ ސަބަބުން ލޯންޗަށް އަންނަ ލޮޅުމާހެދި ބިރުން އަޔާޒުގެ އަތުގައި ބާރަކަށް ހިފެހެއްޓެވެ. އަނެއްބައި ފަހަރު ނިންޖާ ޖެހިގެން ގޮސް އިފާގެ ބޯ އަޔާޒުގެ ކޮނޑުމަތީ ބޭއްވެއެވެ. އިނދެވޭ ގޮތް ނަގައިގަނެވޭއިރަށް ހަށިގަނޑު ސީދާ ކޮށްލާ ދުރަށް ޖެހިލައެވެ.
އިފާގެ ފަރާތުން ފެންނަމުން މިދާ ބައެއްކަންކަމާހެދި އަޔާޒު ގާތަށް ހިނި ވެސް އާދެއެވެ. އެހެންނަމަވެސް އަޅާނުލާ އިންނަނީއެވެ. ފުރަތަމަ ފަހަރަށް އިފާ ހޮޑުލީ އެ ގޮތަށް ހަށިގަނޑު ސީދާ ކޮށްލާ ބޯ އަރިކޮށްލިތަނާއެވެ. ތެޅިގެންފާ ކުރިމަތީ ހުރި ސީޓްގެ ފަހަތުގައި އެލުވާފައި ހުރިތަނުން ބާޒާރުކޮތަޅެއް ނަގާ އިފާއަށް އެ ހުޅުވައިލެވުނީ ކިރިޔާއެވެ. އިފާ ހޮޑުލާން ފެށުމުން ނިތުގައި ހިފަހައްޓާއިދީ އިތުރަށް ބުރަކަށީގައި ފިރުމައިލަދީ ހެދީ އަޔާޒުއެވެ. ހޮޑުލާ ނިމުމުން އަޔާޒު އިށީނދެއިން ގޮޑިބަރީގެ އަރިމަތީ ބަހައްޓާފައި ހުރި ފެންކޭހުން ފެންފުޅިއެއް ނަގާ މަތި ކަނޑާލުމަށްފަހު އިފާއަށް ފެންފޮދެއް ބޯލާށޭ ބުނެ ފެން ދިނީ ވެސް އަޔާޒުއެވެ.
ދެވަނަ ފަހަރު އިފާ ހޮޑުލީ ދަތުރު ދިޔަ ރަށުގެ ނެރުން ލޯންޗް ވަންނަނިކޮށެވެ. ހޮޑުލާ ނިމިގެން ހަށިގަނޑު ދަމާލިއިރު ލޯންޗް ވާއައްސާ މީހުންފައިބަން ތައްޔާރުވަނީއެވެ. އެންމެން ފައިބާ ނިމެންދެން އިފާ އިނީ މަޑުކޮށްގެންނެވެ.
ހޮޑުލެވުނީ ދެފަހަރަށް ނަމަވެސް އިފާގެ ހަށިގަނޑުގައި އެއްވެސް ވަރެއް ނެތެވެ. ފަހަރެއްގައި ދަތުރުކުރާތީވެ ހެނދުނުއްސުރެ އެއްޗެއް ނުކައި ހުރުމުން މާ ބޮޑަށް ހަކަތަ ހުސްވީ ކަމަށް ވެދާނެއެވެ.
އެ ލޯންޗުން އެންމެ ފަހުން ފޭބި މީހަކީ އިފާއެވެ. އޭރު ޝަނޫން ހުރީ ކުޑަމީހާ އުރާލައިގެން ޝައިބާގެ އަތުގައި ހިފަހައްޓައިގެންނެވެ. ހީވާގޮތުން ޝައިބާ ވެސް ވަރަކަށް ހޮޑުލައިފިއެވެ. އަޔާޒު އުޅުނީ އެންމެންގެ ދަބަސްތައް ވަކިކުރުމުގައެވެ.
އިފާ ލޯންޗުން ފޭބުމުން ޝައިބާ ހިނގައިގަތީ ޝަނޫން އަތުން ދޫކޮށްލުމަށްފަހު އިފާއާ ދިމާއަށެވެ.
"ކިތައް ފަހަރު!"
އަތުގެ އިނގިލތަކުން އިޝާރާތް ކުރަމުން ޝައިބާ ސުވާލުކުރީ އިފާއާއެވެ. އިފާ ވެސް އެ ސުވާލު ޝައިބާއާ ކުރީ ދާދި އެކުއެކީގައެވެ.
ކަނާތުގެ އިނގިލަތަކުން ފަހެއް ދައްކާލަމުން ޝައިބާ ބުނީ ފަސްފަހަރު ހޮޑު ލެވުނު ކަމަށެވެ.
"ގޯހެއް ނޫން!"
އިފާގެ ރައްދު އަޑު އިވުމުން ޝައިބާ ބަލައިލީ ޙައިރާންކަމުގެ ބެލުމަކުން އިފާގެ މޫނަށެވެ.
"މަށަށް ވުރެ ގިނައިން އިފާ ހޮޑުލީތަ ތިހެން ތިބުނީ!"
"ނޫން! ނަސީބަކުން މަށަށް ލެވުނީ ދެ ފަހަރު!"
އިފާ ޖަވާބުދިނީ ޝައިބާގެ އޮޅަބޮށީގައި ހިފާ ކުރިއަށް ހިނގައިގަންނަމުންނެވެ.
"ޝައި ހޮޑުލައްވައިދޭން ނުލާހިކު ލޯބިވާ މީހަކު ކައިރިގަ އިނެއްނު! އެހެންވެ އެހެން ބުނީ!"
ދެ ރަޙުމަތްތެރިން ވާހަކާގައި ތިއްބާ ޝައިބާގެ މަންމަ އަންނަތަން ދުރުން ދައްކައިލިއެވެ. އެ ވަގުތު ޝަނޫން އަތުގައި އިން އިއްޒާ އަތުލަމުން ޝައިބާ ހިނގައިގަތީ މަންމައާ ދިމާއަށެވެ. މަންމަ ފެނުމުން އެ މޫނުމަތީގައި ހުރި ހުރިހާ ވަރުބަލިކަމެއް ފިލީކަންނޭނގެއެވެ. މޫނުމަތި އަލިވެ ވަރުޖެހިލާ ހިނިތުންވެވުނެވެ.
މަންމަ ދެކެލަން އެރަށަށް އައި ދަރިންނާއެކު ހައްވަ ކުރިއަށް ހިނގައިގަތީ މާމަ ދަރިފުޅު އުރާލާއިގެން ހުރެއެވެ. ޝަނޫންއާ އަޔާޒު ކުރީގައި ތިބެގެން ގެނައި ދަބަސްތައް ހިފައިގެން ހިނގާފައި ދިޔައެވެ.
އެރަށަކީ ގަސް ގިނަ ބިން ބޮޑު ރަށެކެވެ. ސައިކަލާ ކާރުތައް މަގުމަތިން ހުސްނުވެ ފެނެވެ. ޝައިބާމެންގެ ރަށާއަޅާބަލާއިރު އާބާދީ ޥެސް މާބޮޑެވެ. ދުއްވާލަން ދާނެ ތަންތަން ގިނައެވެ. ހިތްފަސޭހަ އަތިރިމަތިތަކެވެ. ރަށުގެ އެކި ހިސާބުތަކުގައި ޕާކުތަކެވެ. ހޭޅިފަށުގައި މީހުން ފައިބާން ބޭނުންކުރާ ފަންނުތަކުގައި ޖޯލިފަތިތަކާ ހޮޅުއަށިތަކެވެ. ބަޔަކު ދިރިއުޅެން ހިތްފަސޭހަ، ޚިދުމަތް ފަސޭހައިން ލިބެން ހުރި ރަށެކެވެ. ޝައިބާމެންގެ މަންމަ އުޅޭގެ ހުންނަނީ ރަށުތެރޭގެ ހިސާބުގަނޑެއްގައެވެ. އެހެންކަމުން އަތިރިމައްޗަށް ދާން ވިޔަސް ހިނގާފައި ދިއުން ފަސޭހައެއް ނޫނެވެ. ޝައިބާގެ ދޮންބައްޕަގެ އަތުގައި ސައިކަލެއް ހުންނާތީ ޝަނޫންއާ އަޔާޒު ތަންތަނަށް ދަނީ އެ ސައިކަލުގައެވެ. އިފާއަކަށް އަދި ޝައިބާއަކަށް ވެސް ސައިކަލު ދުއްވާކަށް ނޭނގެއެވެ. އެހެންކަމުން ދެވަނަ ސައިކަލެއް ލިބެން ދެ ދުވަސް ވަރު ވީއިރު ދެ އަންހެނުން ތިބެން ޖެހުނީ ގޭތެރޭގައެވެ.
އެއީ ޖުމާދަލްއޫލާމަހެއްގެ ދިހައެއް ހިސާބެވެ.
( ނުނިމޭ)