އަސީރުންގެ މައްސަލަތަކާ ބެހޭ އެމެރިކާގެ ޚާއްސަ މަންދޫބު އެޑަމް ބޮއެލާ ވަނީ ހަމާސްއާއެކު ބާއްވާފައިވާ މަޝްވަރާތައް ކާމިޔާބު ކަމަށް ވިދާޅުވެ މައުލޫމާތު ދެއްވާފައެވެ.

އިޒްރޭލުގެ ކާން ރޭޑިއޯއަށް ދެއްވި އިންޓަރވިއުގައި އޭނާ ވިދާޅުވީ، ހަމާސް އިން ހުށަހަޅާފައި ވަނީ، ހަނގުރާމަ ހުއްޓާލުމަށް، ފަސް އަހަރާއި ދިހަ އަހަރާ ދެމެދު ވަގުތެއް ކަމަށެވެ. އަދި ހުރިހައި ގައދީންނާއި އަސީރުން ދޫކޮށްލުމަށް ވެސް ހަމާސް އެއްބަސްވާ ކަމަށް ވިދާޅުވިއެވެ.

ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ބޮއެލާ ވަނީ ހަމާސްއާ އެކު އިތުރު ބައްދަލުވުންތައް ބޭއްވުމުގެ ފުރުސަތު އޮތް ކަމަށްވެސް ވިދާޅުވެފައެވެ.

އިތުރު ތަފްސީލެއް ނުދެއްވައި އޭނާ ވިދާޅުވީ، "ޣައްޒާއާ ބެހޭ ގޮތުންނާއި އަސީރުންނާ ގުޅޭ ގޮތުން ހަފްތާތަކެއްގެ ތެރޭގައި ކަންތައްތަކެއް ފެނިގެންދާނެ" ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމާސްއިން ބަދަލު ކުރާނީ ހަމައެކަނި އެމެރިކާގެ އަސީރުންނެއް ނޫނެވެ. ޒަޔަނިސްޓުންގެ އަސީރުންވެސް މިނިވަން ކުރާނެ ކަމަށް ވިދާޅުވިއެވެ.

ބޮއެލާގެ މިވާހަކަތައް ތަފްސީލުކޮށްދެއްވާފައި ވަނީ، ހަމާސްއާއެކު އެމެރިކާއިން ބާއްވާފައިވާ މަޝްވަރާތަކުން "އެއްވެސް ކުރިއެރުމެއް" ލިބިފައި ނުވާ ކަމަށް "އިސްރާއީލުގެ އޮފިޝަލަކު" ވިދާޅުވުމާ ގުޅިގެންނެވެ.

ސީއެންއެންއަށް ދެއްވި އިންޓަވިއުގައި ބޮއެލާ ވަނީ އެމެރިކާއިން ހަމާސްއާ އެކު ސީދާ މަޝްވަރާތައް ކުރިއަށް ގެންދިއުމާ ގުޅިގެން ޒަޔަނިސްޓުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކާ ބެހޭ ގޮތުންވެސް ވާހަކަ ދައްކަވާފައެވެ.

"އިޒްރޭލުގެ މީހުންނަށް ނުތަނަވަސްވާ ސަބަބު ވިސްނޭ ކަމަށާއި ނަމަވެސް އެމެރިކާއަކީ އިޒްރޭލުގެ އޭޖެންޓުންނެއް ނޫން" ކަމަށް އޭނާ ވިދާޅުވިއެވެ. އަދި "އެމެރިކާގެ އަމިއްލަ މަސްލަހަތުތަކެއް ވެސް އެބަހުރި" ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްވަރާތަކަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރުހުން ދެއްވާފައިވާ ވާހަކަތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފޮކްސް ނިއުސްއަށް ދިން އެހެން އިންޓަވިއުއެއްގައި ބޮއެލާ ވަނީ ހަމާސްއާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކާ ބެހޭ އިތުރު ތަފްސީލުތަކެއް ދެއްވާފަ އެވެ. އޭނާ އިތުރަށް ވިދާޅުވީ، ހަމާސްއިން ދިގު މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމަށް މަސައްކަތްކުރާކަމަށެވެ.

ޒަޔަނިސްޓު ބޮޑު ވަޒީރު ނަތަންޔާހޫއާ ގާތް ގުޅުމެއް އޮންނަ އިޒްރޭލުގެ މިނިސްޓަރު ރޮން ޑަރމަރ ވަނީ ހަމާސް އެމެރިކާގެ މަޝްވަރާތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، އޭނާ އާއި ބޮއެލާއާ ދެމެދު ހޫނު ޒުވާބެއް ހިނގިކަމަށް ބުނެ އެވާހަކަ ރިޕޯޓުކޮށްފައެވެ.

އެމެރިކާ މީހުން ބުނަނީ، ޒަޔަނިސްޓުން ސަރުކާރުން ބޮއުލާއާ މެދު ކަންތައް ކުރަމުންދާ ގޮތާ މެދު ހިތްހަމަ ނުޖެހޭ ކަމަށާއި، އެފަދަ މޭރުމަކުން ވާހަކަ ދެއްކުމަކީ ނުތަވަސްކަން އުފެދޭނެ ކަމެއް ކަމަށެވެ.