މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗި ރުބެން އެމޮރިމް, އެ ކްލަބުގެ ކެޕްޓަން ބްރޫނޯ ފާނަންޑޭޒްއަށް ތައުރީފުގެ ބަސްތަކެއް ރައްދުކޮށްފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭގައި 1-1 އިން އާސެނަލް އަތުން އެއްވަރުވި މެޗަށްފަހު ވާހަކަދައްކަމުން އެމޮރިމް ވަނީ ރޭގެ މެޗުގައި ޔުނައިޓެޑުގެ ހަމައެކަނި ލަނޑު ހިލޭ ޖެހުމަކުން ކާމިޔާބު ކުރި ބްރޫނޯއަށް ތައުރީފު ކޮށްފައެވެ.
"ޔުނައިޓެޑު އޭނާއަށް ބޭނުންވާ ކޮންމެ ވަގުތަކު ވެސް އޭނާގެ ފެންވަރު އޭނާ ދައްކާ. އޭނާ އަބަދު ވެސް ހުންނަނީ ބުނާ ތާކަށް ކުޅެން ތައްޔާރަށް. ޓީމުން ގޯލެއް ބޭނުންވާ ނަމަ އެކަން ވެސް ކުރަން ބްރޫނޯ ހުންނަނީ ތައްޔާރަށް." ޔުނައިޓެޑަށް ބްރޫނޯގެ މުހިއްމުކަން ފާހަގަކުރަމުން އެމޮރިމް ބުންޏެވެ.
ރޭގެ މެޗުން އެއްވަރުވި ޔުނައިޓެޑު މި ވަގުތު އޮތީ, ކުޅުނު 28 މެޗުން ލިބުމު 34 ޕޮއިންޓާއެކު އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ 14 ވަނައިގައެވެ.