ލިވަޕޫލްގެ ދަނޑު، އެންފީލްޑުގައި މިރޭ އެޓީމު ބަލިކޮށް ޗެމްޕިއަންސް ލީގް ކުއާޓާފައިނަލުން ޖާގަ ހޯދަން ތައްޔާރަށް އޮތް ކަމަށް ޕީއެސްޖީގެ ކޯޗް ލުއިސް އެންރީކޭ ބުނެފިއެވެ.

އެންރީކޭ ބުނީ ފުރަތަމަ ލެގުގައި ލިވަޕޫލް އަތުން 1-0 އިން އަމިއްލަ ދަނޑުގައި ބަލިވެފައި އޮތްނަމަވެސް، މިރޭ މޮޅުވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އެކަމަކު އާންމު ގޮތެއްގައި ލިވަޕޫލްގެ އެންފީލްޑަކީ މުޅި ޔޫރަޕުގައިވެސް މޮޅެއް ހޯދުން އެންމެ އުނދަގޫ ދަނޑުގައި ފާހަގަ ކޮށްލެވެއެވެ.

"ފުރަތަމަ ލެގުން ބަލިވެފައި އޮތަސް ޕީއެސްޖީއިން ކުޅޭނީ ޕީއެސްޖީގެ އަމިއްލަ ގޭމް. މިހާރު އޮތް ނަތީޖާއަށް ބަލާނަމަ އަހަރެމެން މިއޮތީ މުބާރާތުން ބޭރުވެފައި. އަހަރެމެންނަށް ކުރިއަށް ދެވެން އޮތީ މޮޅެއް ހޯދައިގެން" އެންރީކޭ ބުންޏެވެ.

ލިވަޕޫލް އާއި ޕީއެސްޖީ ބައްދަލު ކުރާ މިމެޗް ފަށާނީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 1:00 ގައެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ އެހެން މެޗުތަކަށް ބަލާއިރު ބާސެލޯނާ އާއި ބެންފީކާ މިރޭ 22:45 ގައި ބައްދަލު ކުރާ މެޗް ފާހަގަ ކޮށްލެވެއެވެ.