ޕާކިސްތާނުގެ ހަތިޔާރު އެޅި ބާޣީން ހައިޖެކްކުރި ރޭލުގައި ރަހީނުކުރި މީހުން ސަލާމަތް ކުރުމަށް ޕާކިސްތާނު ސިފައިން ވަނީ ފުރިހަމަ ބާރާއެކު އަސްކަރީ އޮޕަރޭޝަނެއް ފަށާފައެވެ. ސިފައިން ވަނީ މިހާތަނަށް 195 އަށް ވުރެ ގިނަ ފަސިންޖަރުން ރޭގަނޑުގެ ގަޑީގައި ސަލާމަތްކޮށްފަ އެވެ.

ސިފައިން ވަނީ ހަތިޔާރު އެޅި ބާޣީންނާ ދެމެދު ބަޑީގެ ހަމަލަތައް ބަދަލުކޮށް 30 ބާޣީން މަރާލާފަ އެވެ. ސަލާމަތްކުރި ފަސިންޖަރުންގެ ތެރޭގައި ދިހަވަރަކަށް އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. ސިފައިން ވަނީ ފީލްޑް ހަސްފަތާލެއްވެސް ގާއިމްކޮށްފައެވެ. އެމީހުން ފަރުވާއަށް ގެންގޮސްފައި ވަނީ އެ ހަސްފަތާލަށެވެ.

ބަލޫޗިސްތާން ލިބަރޭޝަން އާމީ ބާޣީ ޖަމާއަތުގެ މީހުންނާ ޕާކިސްތާނުގެ ސިފައިންނާ ދެމެދު ރޭވެސް ބަޑީގެ ހަމަލަތައް ބަދަލުކޮށްފައި ވެއެވެ.

މިހާތަނަށް އަދިވެސް ޖައްފަރު އެކްސްޕްރެސްގައި ބާކީ ތިބީ ކިތައް ރަހީނުން ކަމެއް ސާފެއް ނުވެ އެވެ. ހަމަލަތައް ބަދަލު ކުރުމުގެ ތެރޭގައި، ސިފައިންގެ 30 މީހަކު މަރުވެފައިވާ ކަމަށްވެ އެވެ.

އދއާއި ދުނިޔޭގެ ޤައުމުތަކުން ވަނީ މި ޓެރަރިސްޓް ހާދިސާ ކުށްވެރިކޮށްފައެވެ. އަވަށްޓެރިންގެ ތެރޭން އީރާނުން ބުނެފައި ވަނީ ޕާކިސްތާނުން މިކަމުގައި އެއްވެސް އެހީތެރިކަމެއް ބޭނުންވާ ނަމަ އެކަމުގައި އެހީތެރިވެ ދޭން ތައްޔާރަށް އޮތް ކަމަށެވެ.