ޕޯޓް ރެސިޑަންސްގެ އެޕާޓްމަންޓެއްގައި 11 މާރިޗު 2025 ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާ ހުއްޓުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ސީނަށް ފުރަތަމަ އިޖާބަދިން އެމް.ޕީ.އެލްގެ ސެކިއުރިޓީ ޑިޕާޓްމަންޓްގެ ދެ މުވައްޒަފުން ކަމަށްވާ މުޙައްމަދު އައިހަމް އަދި އަޙްމަދު އާތިފްއަށް އެކުންފުނިން ޝުކުރު އަދާކޮށްފިއެވެ.

މި ދެ މުވައްޒަފުންގެ ދެއްކި ހިތްވަރާއި، އަވަސް ހަރަކާތުގެ ސަބަބުން، އަލިފާންގަނޑު އިތުރަށް ފެތުރުނަނުދީ ކޮންޓުރޯލްވެ، އެ ހާދިސާގައި ބޮޑު ގެއްލުމެއް ކުރިމަތިވުމުގެ ކުރިން އަލިފާން ނިއްވާލެވުނެވެ.

އަލިފާނުގެ ހާދިސާގައި އައިހަމް އާއި އާތިފް ދެއްކި ހިތްވަރާއި ކުރި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކުންފުނީގެ މެނޭޖްމަންޓްއިން ވަނީ އެ ދެ މުވައްޒަފުންނާއި ބައްދަލުކޮށްފައެވެ. އަދި އެ ދެ މުވައްޒަފުން ކުރި އަގުހުރި ޚިދުމަތަށް ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުންނާއި ޕޯޓް ރެސިޑަންސްގައި ދިރިއުޅެމުންދާ ހުރިހާ ފަރާތެއްގެ ނަމުގައި ވަނީ ޝުކުރު އަދާކޮށްފައެވެ.

އަދި، މި އަލިފާން ނިއްވާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި ޕޯޓް ހިޔާ ކޮމެޓީގެ މެމްބަރ ނަވާޒް މުޙައްމަދު ސައީދާއި އެހެން ހުރިހާ މުވައްޒަފުންގެ ކުރި މަސައްކަތުގެ އަގު ވަޒަންކޮށް، މެނޭޖްމަންޓައި މުވައްޒަފުން އަދި ޕޯޓް ރެސިޑަންސްގައި ދިރިއުޅެމުންދާ ހުރިހާ ފަރާތެއްގެ ނަމުގައި ޝުކުރު އަދާކުރަމެވެ.

މި ކުންފުނީގެ ހުރިހާ މުވައްޒަފުންނަކީވެސް މި ފަދަ ނަމޫނާ މުވައްޒަފުންނަށްވުމަށް ކުންފުނިން ހިތްވަރުދެއެވެ.