ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16 އަށް އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްއަށް ދަތުރުކުރާ ޕީއެސްވީގެ ސަޕޯޓަރުންގެ ޓިކެޓަށް ފައިސާ ދައްކައިދޭނެ ކަމަށް އެ ކްލަބުން ހާމަކޮށްފިއެވެ.

ޕީއެސްވީގެ ސަޕޯޓަރުންނަށް ހިލޭ މެޗު ބަލަން ދެވޭނެ އިންތިޒާމު އެ ކްލަބުން ފަހިކޮށްދިން ސަބަބަކީ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި އާސެނަލް އަތުން 7-1 އިން ބަލިވެފައިވާތީ, ކުއާޓާ ފައިނަލަށް ދިއުމުގެ އެއް ވެސް ފުރުސަތެއް އެ ޓީމަށް ނެތީމައެވެ.

ޕީއެސްވީގެ މި އަމަލާ ބެހޭ ގޮތުން އެ ކްލަބުން ނެރުނު ބަޔާނުގައި ހާމަކުރި ގޮތުގައި, ފުރަތަމަ ލެގުގެ ދަށް ނަތީޖާއަށް ފަހު ދެވަނަ ލެގުގައި ސަޕޯޓަރުންގެ ފަރާތުން ލިބޭ ހިތްވަރު ޓީމަށް އިތުރަށް މުހިއްމު ކަމަށެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްއަށް ދަތުރުކުރާ ޕީއެސްވީ ހުރިހާ ސަޕޯޓަރުންގެ ޓިކެޓަށް ދެ ލައްކަ ޑޮލަރަށްވުރެ ބޮޑު އަދަދެއް އަރާނެއެވެ.