ކޮލަމްބިއާ ޔުނިވާސިޓީގެ ފަލަސްޠީނަށް ތާއީދު ކުރާ ސްޓޫޑެންޓް އެކްޓިވިސްޓުންނާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ފަހަތުގައި ހުރީ، ޒަޔަނިސްޓު ޔަހޫދީއެއްކަން ބޭޒާރު ވެއްޖެއެވެ. ފަލަސްތީނުގެ ދަރިވަރު މަހުމޫދު ޚަލީލް ހައްޔަރުކުރުމުގެ އަޑީގައިވެސް ހުރީ އެފަރާތް ކަން ވަނީ އެނގިފައެވެ. އެއީ، އެ ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ އިޒްރޭލްގެ ކުރީގެ ޖާސޫސީ އޮފިސަރެކެވެ.
މިންޓް ޕްރެސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސްކޫލް އޮފް އިންޓަނޭޝަނަލް އެންޑް ޕަބްލިކް އެފެއާޒްގެ ޑީން ޑރ.ކެރެން ޔެރްހީ-މިލޯ އަކީ އިޒްރޭލްގެ އަސްކަރީ ޖާސޫސީ ދާއިރާގެ ކުރީގެ އޮފިސަރެއްގެ މަގާމު އަދާކުރުމުގެ އިތުރުން އދ.ގައި ހުންނަ ޖޫސްގެ ގައުމުގެ މިޝަންގެ މެމްބަރެކެވެ.
އެކަޑަމިކް ދާއިރާއަށް ވަނުމުގެ ކުރިން ޔާރްހީ-މިލޯ ވަނީ އިޒްރޭލްގެ ނާޒީ ޒަޔަނިސްޓު ސިފައިންގެ އޮފިސަރެއްގެ އިތުރުން އިންޓެލިޖެންސް އެނަލިސްޓެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައެވެ. އޭނާއަކީ، ޢަރަބި ބަހަށް ފަރިތަ މީހެއް ކަމަށާއި އޭނާގެ ވަޒީފާގައި އަރަބި ދަރިވަރުން މޮނިޓާކޮށް ފާރަ ލުމަކީ ކުރަން ޖެހޭ ކަމެކެވެ.
ޖާސޫސީ ދުނިޔެ ދޫކޮށް އޭނާ ނިއުޔޯކުގައި ހުންނަ އދ.ގެ އިޒްރޭލް މިޝަންގެ ވަޒީފާއަށް އައެވެ. އަދި އެތާނގައި މަސައްކަތް ކުރި އިޒްރޭލުގެ ތަރުޖަމާނާއި ބައްދަލުވެ އޭނާއާ ކައިވެނި ކުރިއެވެ.
މިދިޔަ ހަފްތާގައި ޔާރްހީ-މިލޯ ވަނީ ކޮލަމްބިއާ ޔުނިވާސިޓީގައި ތަގްރީރު ކުރުމަށް އިޒްރޭލްގެ ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް އަށް ދައުވަތު ދީފައެވެ.
ފަލަސްތީނަށް ތާއީދުކުރާ މުޒާހަރާތަކުގައި ބައިވެރިވާ މީހުންނާ ދެކޮޅަށް އެމެރިކާ ސަރުކާރުން ފިޔަވަޅު އެޅުމަށް ބާރު އަޅާފައި ވަނީ ކްރާފްޓް ޗީޒް އުފައްދާ ކުންފުނީގެ ވެރިމީހާ އިންޑަސްޓްރިއަލް ސާދާގަރު ރޮބަޓް ކްރާފްޓް އެވެ. އޭނާއަކީ ކޮލަމްބިއާއަށް ގިނަ އަދަދަކަށް ފައިދޭ ފަރާތެކެވެ.
އަނެއްކޮޅުން އެމެރިކާގެ އާންމު ދިރިއުޅުމުގައި އިޒްރޭލްގެ އަސްކަރީ ޖާސޫސީ އޮފިޝަލުން މުހިއްމު މަގާމުތަކެއް އަދާކުރާކަން ވެސް މިންޓް ޕްރެސްއިން ވަނީ ކަށަވަރުކޮށްދީފަ އެވެ.
މީގެ ކުރިން އެ ނޫހުން ކުރި ތަހުގީގުތަކުން ވަނީ މައިކްރޮސޮފްޓް، ގޫގުލް، މެޓާ، އެމެޒޯން، އަދި ޓިކްޓޮކް ފަދަ ޓެކްނޮލޮޖީ އަދި ސޯޝަލް މީޑިއާގެ ބޮޑެތި ކުންފުނިތަކުގެ އިސް މަގާމުތައް އަދާކުރާ އިޒްރޭލްގެ ކުރީގެ ޖާސޫސުންގެ ފުޅާ ނެޓްވޯކްތައް ބޭޒާރުކޮށްފަ އެވެ.