ޕަފޯމަންސް އެންހޭންސިން ޑްރަގް ބޭނުންކުރި މައްސަލައެއްގައި ޕައުލް ޕޮގްބާއަށް ދިން 18 މަހުގެ ސަސްޕެންޝަން ހަމަވެއްޖެއެވެ.

ޑޯޕިން މައްސަލައިގައި ޕޮގްބާއަށް ކޯޓް އޮފް އާބިޓްރޭޝަން އޮފް ސްޕޯޓްސްއިން އެންމެ ފުރަތަމަ ދީފައިވަނީ 4 އަހަރުގެ ސަސްޕެންޝަނެކެވެ. ނަމަވެސް ޕޮގްބާ ވަނީ އެ މައްސަލަ އިސްތިއުނާފަށް ހުށައަޅާ, 18 މަހަށް އެ ސަސްޕެންޝަން ކުޑަކޮށްފައެވެ.

ފާއިތުވެދިޔަ އަންގާރަ ދުވަހަށް ޕޮގްބާގެ 18 މަހުގެ ސަސްޕެންޝަން ހަމަވުމާއެކު ޕޮގްބާއަށް ރަސްމީކޮށް ކްލަބަކަށް ސޮއިކުރެވޭނެއެވެ. އެމެރިކާގެ އެމްއެލްއެސްގެ ކްލަބުތަކުން އޭނާއަށް ފާރަލަމުން އަންނަ ކަމުގައިވިޔަސް ޕޮގްބާގެ އަމާޒު ހުރީ ޗެމްޕިއަންސް ލީގުގައި ނުވަތަ ޔޫރޮޕާ ލީގުގައި ކުޅޭ ޓީމަކަށް ސޮއިކުރުން ކަމަށް އޭނާއާއެކީ އުޅޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

ޑޯޕިންގެ މައްސަލައިގައި ޕޮގްބާ ސަސްޕެންޑް ކުރި ކަމުގައިވިޔަސް އޭނާގެ ކެރިއަރު މި ކަމުގެ ސަބަބުން ނުނިމޭނެ ކަމަށް ޕޮގްބާ ވަނީ އެތައް ފަހަރެއްގެ މަތިން ހާމަކޮށްފައެވެ. ޕޮގްބާގެ އަމާޒު މި ވަގުތު ހުރީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފްރާންސްގެ ސްކޮޑުގައި ހިމެނި, އެ ތަށި ފްރާންސަށް ތިންވަނަ ފަހަރަށް ކާމިޔާބު ކޮށްދިނުމަށް އެހީވުމެވެ.