އިންޑިއާ އާއި މޮރިޝަސްގެ ގުޅުން ވަރުގަދަކޮށް ސްޓްރެޓެޖިކް ޕާޓްނަޝިޕަކަށް މިއަދު އަޕްގްރޭޑްކޮށްފި އެވެ. އެގޮތުން ވިޔަފާރި އާއި ކަނޑުގެ ސަލާމަތާއި އެހެނިހެން ދާއިރާތަކުން އެއްބާރުލުން ބަދަހި ކުރުމަށް 8 އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފި އެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ސަލާމަތާއި ކުރިއެރުމަށް ސަމާލުކަންދީގެން ދުނިޔޭގެ ދެކުނު ބިތުގެ ތަރައްގީއަށް އެހީތެރިވުމުގެ ގޮތުން މަހާސަގަރުގެ ނަމުގައި އާ ޕްލޭނެއް ވެސް ހާމަކުރައްވާފަ އެވެ.
މޮރިޝިއަސްއާއެކު ސޮއިކޮށްފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ދެ ގައުމުގެ ދެމެދު ވިޔަފާރިއަށް ގައުމީ ފައިސާ ބޭނުންކުރުމާއި، ކަނޑުގެ މައުލޫމާތު ހިއްސާކުރުމާއި، މަނީ ލޯންޑަރިންއާ ދެކޮޅަށް މަސައްކަތްކުރުމާއި، ކުދި ވިޔަފާރިތަކަށް އެހީތެރިވުމުގެ އެއްބަސްވުން ހިމެނެއެވެ.
މޮރިޝަސްއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި މޯދީ ވަނީ އެގައުމުގެ ގައުމީ ދުވަސް ފާހަގަކުރުމުގައި ބައިވެރިވެވަޑައިގެންފައެވެ. އިންޑިއާގެ ސިފައިންނާއި ކަނޑުގެ ސިފައިންގެ ހަނގުރާމަ މަތީ މަނަވަރަކާއި ސްކައިޑައިވިން ޓީމެއް ވެސް ވަނީ މިހަރަކާތުގައި ބައިވެރިވެފަ އެވެ.
މޯދީ އާއި މޮރިޝަސްގެ ބޮޑުވަޒީރު ނަވިންޗަންދްރާ ރަމްގޫލާމް ވަނީ އެ ދެ ބޭފުޅުންގެ މަޝްވަރާގައި ޑިފެންސް އާއި މެރިޓައިމް ސެކިއުރިޓީއާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އަދި މޮރިޝަސްގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ރައްކާތެރިކުރުމަށް އެހީތެރިވުމަށް އިންޑިއާއިން ވަނީ ވައުދުވެފައެވެ.
މޮދީގެ މަހާސަގަރު މާރެސް ބިނާވެފައިވަނީ 2015 ވަނަ އަހަރުން ފެށިގެން އިންޑިއާއިން ކުރިން އަމަލު ކުރަމުން އައި ސާގަރު ނަޒަރިއްޔާގެ މައްޗަށް ބިނާކޮށް، ވިޔަފާރިއާއި، ދެމެހެއްޓެނިވި ކުރިއެރުމާއި، ޓެކްނޮލޮޖީއާއި ލޯނުތަކާއި ގްރާންޓްތަކުގެ ތެރެއިން ޝެއަރޑް ސެކިއުރިޓީ ޔަގީން ކުރުމުޖގެ މައްޗަށެވެ.
އިންޑިއާއިން ވަނީ މޮރިޝިއަސްގެ ޕާލަމެންޓަށް އާ އިމާރާތެއް އެޅުމަށާއި ކޯސްޓްގާޑް ސަޕޯޓާއި ފުލުހުންގެ އެކަޑަމީއެއް ގާއިމްކުރުމަށާއި ކަނޑުގެ އިންފޮމޭޝަން ސެންޓަރެއް ގާއިމް ކުރުން ފަދަ މަޝްރޫއުތަކުގައި އެހީތެރިވެދޭން ނިންމާފައެވެ. އަދި ޝިޕިންގ އާއި ނޫ އިގްތިސާދާއި ކަނޑުތައް ޗާޓް ކުރުމުގައި ވެސް އެއްބާރުލުން ދޭން ނިންމާފައި ވެއެވެ.
ދާދި ފަހުން އިނގިރޭސިވިލާތުން ހަވާލުކުރަން ނިންމި ޗާގޯސް އައިލެންޑްސްއާ ގުޅޭ ގޮތުން މޮރިޝަސް އިން ކުރާ ދައުވާތަކަށް އިންޑިއާ އިން ތާއީދު ކޮށްފައިވެ އެވެ.
އިންޑިއާ އިން ވަނީ މޮރިޝިއަސްގައި މެޓްރޯ ނިޒާމެއް ބިނާ ކުރުމަށާއި ސުޕްރީމް ކޯޓު އިމާރާތެއް އެޅުމަށާއި ބޯހިޔާވަހިކަމަށް އިމާރާތްތަކާއި ހޮސްޕިޓަލެއް އެޅުމުގައި އެހީތެރިވެދީ ފައެވެ. އަދި މޮރިޝަސްގައި ޔޫޕީއައި އާއި ރޫޕޭ ކާޑުގެ ހިދުމަތް ވެސް ތައާރަފްކޮށްފަ އެވެ.
މި ދަތުރުފުޅުގައި އިތުރަށް އަޓަލް ބިހާރީ ވަޖްޕޭއީގެ ނަމުގައި ޕަބްލިކް ސާވިސް އިންސްޓިޓިއުޓެއް ގާއިމް ކުރުމަށްވެސް އެއްބަސްވެފައި ވެއެވެ. އަދި އޭއައި އާއި ޑިޖިޓަލް އިންފްރާސްޓްރަކްޗާ އާއި މޮރިޝަސްގެ ރައްޔިތުންނަށް އިންޑިއާގައި ރޫހާނީ ފަތުރުވެރިކަން ތައާރަފް ކުރުމަްވެސް އެއްބަސްވެފައި ވެއެވެ.
އިންޑިއާ އާއި މޮރިޝަސް އާއި ދެމެދު ބަދަހި ގުޅުމެއް އޮންނައިރު، މޮރިޝަސްގެ 1.2 މިލިއަން މީހުންގެ ތެރެއިން %70 މީހުންނަކީ އިންޑިއާގެ ނަސްލުގެ މީހުންނެވެ. އިންޑިއާ އަކީ 2005 ވަނަ އަހަރުން ފެށިގެން އެގައުމުގެ ވިޔަފާރީގެ ބޮޑު ބައިވެރިއެކެވެ.