މެންޗެސްޓާ ޔުނައިޓެޑުގެ ޒުވާން ސްޓްރައިކަރު ރަސްމުސް ހޮއިލަންޑް ހުނަރާ މެދު ޝައްކު ނުކުރާ ކަމަށް އެ ކްލަބުގެ ލެޖެންޑެއް ކަމުގައިވާ ވޭން ރޫނީ ބުނެފިއެވެ.
ރޫނީ މިހެން ބުނެފައި މި ވަނީ ހޮއިލަންޑްގެ ފަރާތުން ފެންނަ ކުޅުމުގެ ފެންވަރު ދަށް ކަމަށް ބުނެ އެތައް ބަޔަކު އޭނާއަށް ފާޑު ކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ.
"ހޮއިލަންޑަކީ ހުނަރުވެރި އަދި އެހާމެ ގަދަޔަށް މަސައްކަތް ކުރާ ކުޅުންތެރިޔެއް. އަހަރެން ވަރަށް އިތުބާރުކުރަން އޭނާ ވަރަށް ނުރައްކާތެރި ސްޓްރައިކަރަކަށް ވާނެ ކަމާ މެދު. ޔުނައިޓެޑުގެ ސްޓްރައިކަރެއްގެ ފަރާތުން ގޯލު ނުފެންނަ ނަމަ މީހުންގެ ފާޑުކިޔުންތައް އަމާޒުވާނެ." ހޮއިލަންޑަށް އޭނާގެ އިތުބާރު އޮތް ކަން ހާމަކުރަމުން ރޫނީ ބުންޏެވެ.
ޔުނައިޓެޑުގެ ފަރާތުން މި ސީޒަނުގައި އާދަޔާހިލާފު ދަށް ކުޅުމެއް ފެންނަމުން އަންނައިރު އެ ކަމުގެ ސަބަބުން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވަމުން އަންނަ އެއް ކުޅުންތެރިޔަކީ ހޮއިލަންޑެވެ. ފާއިތުވެދިޔަ 20 މެޗުގައި އޭނާއަށް ގޯލެއް ކާމިޔާބު ކުރެވިފައިނުވާތީ ޔުނައިޓެޑުގެ ސަޕޯޓަރުންގެ ނުރުހުން އޭނާއަށް ވަނީ ރައްދުވެފައެވެ.