އެނދުގައި ދެ ލޯ ބޮޑުވެފައި އިން އަޝްބާއަށް ބަލާލުމާއެކު ޔަޒާ ކުރިއަށްޖެހިލައިފިއެވެ. އާދޭހުން ނުވިއްޔާ ދެން އިޚްތިޔާރުކުރަން އޮތީ އެހެން މަގެކެވެ.
"އާދޭސްކުރާކަށް ދެން ނެތީން. ދައްތަގެ އަމިއްލަ އަތުން ދައްތަގެ ދަރިފުޅުގެ ދިރިއުޅުން ހަލާކުކުރަން ބޭނުމިއްޔާ ތިޔަ ގޮތުގެ މަތީ ހުރޭ" ދޮރުމަތީ ހުރި ރުޤްބާއަށް ބަލާލުމެއްނެތި ނިކުންނަން ދަމުން ޔަޒާ ބުނެލިއެވެ.
އިތުރަށް ކިޔާނެ ކިތަންމެ އެއްޗެއް ހުރި ނަމަވެސް އޭނާ ނިކުމެގެން އައީއެވެ. އަޝްބާމެންގެ ގެއިން ނިކުމެގެން ގޯޅިއަކަށް އެޅުމާއެކު ޔަޒާ ޖެހުނީ އަޝަލްގެ ކުރިމައްޗަށެވެ. އިސްޖަހާލުމާއެކު އަވަސްއަވަހަށް ހިނގާފައި ދިޔަ އަޝަލްއަށް ހުއްޓެވުނީ ޔަޒާ ގޮވާލުމުންނެވެ.
"ވާހަކަ ދައްކާލެވިދާނެތަ؟" އަޝަލްގެ ނަޒަރު ޔަޒާއަށް ހުއްޓުމާއެކު އޭނާ ދެޚިޔާލެއްގައި ހުރި ފަދައެވެ. ދެން ފެނުނީ އަންނަން އިޝާރާތްކޮށްލުމާއެކު މަގު ކުރިއަށް ހިނގައިގަތް ތަނެވެ.
ޔުއާނާ ގެއަށް ލުމަށްފަހު އެނބުރި އޭނާގެ ގެއަށް އައީއްސުރެ އަޒިކިޔަލްއަށް ހަމަޖެހުމެއް ނުލިބެއެވެ. ހިތް ނުތަނަވަސްވަނީ އާދަޔާޚިލާފަށެވެ. މޭ ފިތޭހެން ހީވެ ނޭވާ ހާސްވަނީއެވެ. ވަކިވުމުގެ ސަލާން ދޮރުމަތީން ކުރިއިރު ޔުއާނާ އޭނާގެ ދެ ލޮލަށް ބަލާލި ގޮތަކީ މީގެ ފަސްއަހަރު ކުރީން ގެއިން ނިކުތުމުގެ ކުރީން އޭނާއަށް ޔުއާނާ ދިން ނަޒަރެވެ. ލޯބި އެ ދެ ލޮލުން ފާޅުވާކަން ކަށަވަރުވި ނަމަވެސް އެ ލޮލުގައިވި ވިދުން އަންގައިދިން އެހެނިހެން މަސްހުނި އިހްސާސްތައް އޭނާއަށް ތަރުޖަމާކުރަން ނޭނގޭކަން ޔަގީނެވެ.
ސިޓިންރޫމުގެ ދެ ފަރާތަށް ހިނގަމުން ދިޔަ އަޒިކިޔަލް ހިނގުން ހުއްޓާލުމަށްފަހު ބަލާލީ އެއްފަރާތުގައި ބަހައްޓާފައިހުރި ޔުއާނާގެ އަތްދަބަހެވެ. އެހާ އަވަހަށް ޔުއާނާގެ މޫނު ދުށުމަށް އެ ދަބަސް ސަބަބަކަށް ފުދެއެވެ.
އަތްދަބަސް ނެގުމާއެކު އަޒިކިޔަލް ހިނގައިގަތް ވަގުތު ހުޅުވިފައި އޮތް އަތްދަބަހުން އެއްޗެހިތަކެއް ބިންމައްޗަށް ވެއްޓިއްޖެއެވެ. އަވަސް ހަރަކާތަކާއެކު އަނބުރާ އެ ތަކެތި އަތްދަބަހަށް ލާންއުޅުނު ވަގުތު އަޒިކިޔަލްގެ ލޮލުގައި އަޅައިގަތީ އޭނާގެ މަންމަގެ ފޮޓޯއެކެވެ. އެ ފޮޓޯ ޔުއާނާގެ އަތްދަބަހަށް އަންނަންވީގޮތެއް ނޭނގިހުރެ އަޒިކިޔަލްއަށް ވިސްނާލެވުނެވެ.
އަތްދަބަސް ކުރިން ހުރިތާ ބެހެއްޓުމަށްފަހު އަޒިކިޔަލް ކޮޓަރިން ނިކުމެ ޖެހިގެން ހުރި ކޮޓަރީގެ ދޮރުގައި ޓަކިޖަހާލިއެވެ. އޭނާގެ ހިތް ޝައްކާއި ވަހުމުން ފުރެމުންދާއިރު އެ ޚިޔާލުތަކަށް އިތުރު ބާރެއް ލިބުނީ އާޒިފާ ދޮރު ހުޅުވާލުމާއެކު އަލަމާރި ދޮރުފަތުގައި މަދުވެފައިވާ ފޮޓޯގަނޑެވެ. އެގޮތަށް މެދުން ކަފާލައިފައިވާ މަންމަގެ ފޮޓޯއެއް އޭނާ ދުށް ހަމައެކަނި ތަނަކީ އެއީއެވެ. ޔަގީނުންވެސް އެ ފޮޓޯ ޔުއާނާގެ އަތްދަބަހަށް ފޯރާނީ އެންމެ ގޮތަކުންނެވެ.
"މަންމާ... މިގެއަށް މީހަކު އައީތަ؟" ހަމަޖެހެން މަސައްކަތްކުރަމުން އަޒިކިޔަލް އަހާލިއެވެ. އެއާއެކު އާޒިފާގެ މޫނުމައްޗަށް ވެރިވި އަސަރުތައް އަޒިކިޔަލްއަށް ނުހަނު ރަނގަޅަށް ދޭހަވިއެވެ.
"މަންމާ. އަޅުގަނޑު އުޅޭ ހާލު އެންމެ ކައިރީން ފެންނައިރު އިތުރަށް ތިހެން ހަދާނެއޭ ހިއެއްނުކުރަން." ހިތަށް ވެރިވަމުންދިޔަ ވަރުގަދަ ޖަޒުބާތުތަކުގައި ދުލުގެ ބާރު ހިނގައިދާނެކަމަށް ޓަކައި އަޒިކިޔަލް އަވަހަށް ނިކުތީއެވެ.
އަލުން ކޮޓަރިއަށް ވަދެ އަތްދަބަސް ހިފައިގެން އަޒިކިޔަލް ބާރުބާރަށް ނިކުތީ އާޒިފާގެ ގޮވުމަށް އިޖާބަދިނުމެއް ނެތިއެވެ.
ހޮސްޕިޓަލުން ދޫކޮށްލި ގޮތަށް ބޭރުގައި އުޅުމަށްފަހު އަލުން ގެއަށް ވަދެވުމާއެކު ޔުއާނާއަށް ވަރުބަލިކަން އިހްސާސްވާންފެށީ މާބޮޑަށެވެ. އެނދުގައި ޖައްސާލުމާއެކު ނިދޭނެއޭ ހިތަށްއެރި ނަމަވެސް ފިކުރުތަކުން ބަރާވެ ސިކުނޑީގެ މަސައްކަތްތަކަށް ބުރޫއަރައިފިއެވެ. މަންމަ ހޮސްޕިޓަލުގައި ދެއްކި ވާހަކަތައް ހަނދާންވުމާއެކު ޔުއާނާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ހިތަށް ބަރުވެފައިވާ މިންވަރުން ދެ ލޮލުން ކަރުނަ ވެސް ނުހިލޭހާ ހިތުގެ ހާލަތު ބޮޑެވެ.
މަޑުމަޑުން އެއްފަރާތަކަށް ފުރޮޅިލުމާއެކު ޔުއާނާއަށް ސިއްސައިގެން ގޮސް ތެދުވެވުނީ ކުއްލިއަކަށް ދޮރު ހުޅުވާލުމާށްފަހު ވަދެގެން އައި އަޒިކިޔަލް ފެނުމުންނެވެ. ދޮރު ލައްޕާ ތަޅުލުމަށްފަހު އަޒިކިޔަލް އައިލެއް ބާރުކަމުން ޔުއާނާގެ މެއަށް ވެސް ގޮތެއް ވެއްޖެއެވެ.
"އާނާ..."
"އަޒިކިޔަލް... މަންމަ ބޭރުގަ ހުރިތަ؟" ކަންބޮޑުވެފައި ޔުއާނާ ފުރަތަމަ ވެސް ކުރި ސުވާލުން އަޒިކިޔަލް ދައްކަން އުޅުނު ވާހަކަތައް ހަނދާން ނެތިއްޖެއެވެ.
"ނޫން. އާނާގެ ދޮންތަ ދޮރު ހުޅުވީ. ކިހިނެތްވީ؟" ބޯ ހޫރާލުމާއެކު ޔުއާނާ ކަމެއްނުވެއޭ ބުނެލިއެވެ.
"އަބަދު ވެސް..." އެނދުގައި އެއްފަރާތަކަށް ދެ ފައި ބާލައިގެން އިން ޔުއާނާގެ ކައިރިއަށް ތިރިވަމުން އަޒިކިޔަލްގެ އަނގައިން ނިކުތެވެ.
"ކީކޭ..." ތަޅުންގަނޑުމަތީ ކަކޫޖައްސައިގެން އިށީން އަޒިކިޔަލްއަށް ބަލާލަމުން ޔުއާނާ އަހާލީ މަޑު އަޑަކުންނެވެ.
"އަބަދު ވެސް އާނާ ބުނަނީ ތިހެން. ކަމެއްނުވެއޭ.. އެއްފަހަރު ވެސް އަހަންނާމެދު އާނާ ވިސްނަންތަ؟ އަހަރެންގެ އެކަނިވެރިކަމާމެދު ވިސްނަންތަ؟ އާނާއަށް ކަމެއްވީމަ އެކަމާމެދު މަޝްވަރާކުރުމެއް އެކަން ހިއްސާކުރުމެއް އާނާގެ ކިބައިގައި ހަރެއްނުލެއްވުނު." ޔުއާނާގެ ދެ އަތުގައި ހިފާ ފިއްތާލަމުން އަޒިކިޔަލް ބުނެލީ ޔުއާނާގެ މޫނަށް ބަލައިގެން އިނދެއެވެ.
"ގަބޫލުކުރަން އާނާގެ އިތުބާރު އެއްފަހަރު ގެއްލުވާލެވުނު ކަމަށް. އެކަަމަކު އެކަން ރަނގަޅުކުރަން މަސައްކަތްކުރާވަރު އާނާއަށް ނުފެނެޔޭ ހާދަ ހީވެޔޭ... އާނާ ބޭނުންވަނީ އަހަންނާ ދުރުގަ ހުންނަންތަ؟ ތި ދެ ލޮލުން ފެންނަނީ އަހަންނާ ދުރަށް އާނާ ދުވަން އުޅޭ ފަދަ އަސަރުތަކެއް." އަޒިކިޔަލްގެ ދެ ލޯ ޔުއާނާގެ ދެ ލޮލާއި ބައްދަލުވުމާއެކު އޭނާއަށް ހިންދިރުވާލެވުނީ އުނދަގުލުންނެވެ.
އަޒިކިޔަލްގެ އަތުތެރެއިން އަތް ނެގުމާއެކު ޔުއާނާ އެ ފިރިހެންވަންތަ މޫނުގައި އަތްޖައްސާލިއެވެ. ބޮޑުވައި އިނގިލިން ކޯތާފާތުގައި ބީހިލުމާއެކު އަޒިކިޔަލްއަށް އެ ދެ ލޮލަށް ބަލާލެވުނެވެ.
"ލޯބިން އެކަނި ފުދޭނަމަ އަހަރެމެން ދެމީހުންގެ ދިރިއުޅުން ހާދަ އޮމާންވީހޭ" ގުދުވެލުމާއެކު އަޒިކިޔަލްގެ ނިތްކުރިއަށް ބޮސްދެމުން ޔުއާނާ ބުނެލީ ހިނިތުންވެ ހުރެއެވެ. އެއާއެކު ޔުއާނާގެ އަތްތިލަ ނެގުމާއެކު އަޒިކިޔަލްއަށް ބަލާލެވުނީ ސިހުމުގެ ނަޒަރަކުންނެވެ.
"މާނައަކީ؟ އާނާ... މީ ކުޅޭ ކުޅިވަރެއްނޫން... ތިއީ އަހަރެންގެ އަނބިމީހާއޭ. ތި ލޯތްބާއި ނުލާ އަހަރެންގެ ދިރިއުޅުން ހަމައެއްނުޖެހޭނެ. ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް އަހަންނާ ދުރަށް ނުދާނަމޭ އާނާ ބުނީމެއްނު." ފަހު ޖުމްލައާއެކު އަޒިކިޔަލް ޔުއާނާގެ ކަކުލުގައި ނިތްކުރި ޖައްސާލިއެވެ.
ޔުއާނާއަށް ހީވީ އޭނާގެ މޭތެރޭ ހިތް ފިތެން އުޅޭހެންނެވެ. ވާހަކަދައްކަން ބޭނުންވެހުރެ އޭނާއަށް އަނގައިން ބަހެއް ބުނަން ދަތިވެއްޖެއެވެ. އަޒިކިޔަލްގެ ބުޅި އިސްތަށިގަނޑުގައި ފިރުމާލުމާއެކު ޔުއާނާއަށް ހިމޭނުން އިނދެވުނީއެވެ.
ދިހަވަރަކަށް މިނެޓުގެ މަޑު ހިނގުމަށްފަހު އަޝަލް ހުއްޓިލީ މީހުން މަދު ހިސާބެއްގައިހުރި ރެސްޓޯރެންޓެއްގައެވެ. އިރުއޮށްސެންދާ އެ ވަގުތު މީހުން މަދުވުން އެއީ ކާކުގެނަސީބެއް ކަމެއް ނޭނގެއެވެ. އެތެރެއިން ހުސް މޭޒެއްގައި ގޮސް އިށީނދެ ހަމަޖެހިލުމާއެކު ޔަޒާ ވާހަކަދައްކަންފެށިއެވެ.
"އެހެންވީމަ ބައްދަލުވެ ވާހަކަނުދައްކާކަށް ނޫން ދޯ ހުރީ" އަޝަލްގެ މޫނަށް ބަލަހައްޓައިގެން އިނދެ ޔަޒާ އަހާލިއެވެ. އިސްއުފުލާ ނުބަލަން އިންގޮތަކަށް އިނދެ އަޝަލް ހޫނ ލައްވާލީ ފަރުވާކުޑަ ގޮތަަކަށެވެ.
"އަހަރެން ވަރަށް އަވަހަށް ފުރަން.." އަޝަލްގެ މޫނުން ނަޒަރު ވަކިކޮށްނުލައި އިނދެ ޔަޒާ އަނެއްކާވެސް ބުނެލިއެވެ.
"އެނގޭ..." ހިމޭންކަމާއެކު އިސްޖަހައިގެން އިންގޮތަށް އިނދެ އަޝަލް ބުނެލިހާ ވެސް އެއްޗަކީ އެއީއެވެ.
"މީހަކާ އިންނަންށާ އެކީ މި ދަނީ" ޔަޒާ އިތުރުކޮށްލިއެވެ. ސިހިފައި ޔަޒާގެ އަލި މޫނަށް ބަލާލި އަޝަލްއަށް އެ ކަޅުކަންގަދަ ދެ ލޮލުން ފާޅުވި ވިދުވަރުން އުނދަގޫވެއްޖެއެވެ.
އަލުން އިސްތިރިކޮށްލި އަޝަލްގެ ކިބައިން ޔަޒާ އުންމީދުކުރިފަދަ އިޝާރާތެއް ނުފެނުނެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭނގި އިސްޖަހާލި ޔަޒާއަށް އަޝަލްގެ ޖުމްލައިން ދެ ބުމަ ގޮށްޖަހާލުމާއެކު ބަލާލެވުނެވެ.