ހުކުރު ދުވަހެއްގައި ޕީޕީއެމް އިން މާލޭގައި ބޭއްވި މުޒާހަރާ އަކާ ގުޅިގެން އެ ޕާޓީ 75،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް މިރޭ ވިދާޅުވީ އެ ޕާޓީ ޖޫރިމަނާ ކުރީ މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު މާލޭގައި ބޭއްވި މުޒާހަރާއާ ގުޅިގެން ކަމަށެވެ.

އެ މުޒާހަރާގައި ޕީޕީއެމް އިން ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާކަމުގެ ހެކި ފުލުހުން ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް ޖޫރިމަނާ ކުރީ އެ ޕާޓީއަށް އެ މައްސަލާގައި ޖަވާބުދާރީ ވުމުގެ ފުރުސަތު ދިނުމަށްފަހު އެވެ. ނަމަވެސް އެ ޕާޓީން ހުށަހެޅި ޖަވާބުގައި ވަނީ ކަމާ ނުގުޅޭ ވާހަކަތަކެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ވެސް ޕީޕީއެމްއާއި ޕީއެންސީ 75،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެ އެވެ.

އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް މުޒާހަރާ ކުރި މައްސަލާގައި ފުލުހުން ވެސް ދާދިފަހުން ވަނީ ޕީޕީއެމް ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފަ އެވެ.