(ދެން އެ ހަނދުވަރުން ލިބޭނެ އުފަލެއް ނެތެވެ.)

ލިޔުނީ: ނިރު، ޝާހީން މުޙައްމަދު

ހަތްވަނަ ބައި

"އެކަމަކު ދަރިފުޅާ! ކީއްކުރަން އިފާ ލައްވާ ތި ހުރިހާ މަސައްކަތެއް ކުރުވަނީ! އޭނަގެ މައިންބަފައިންނަށް އެނގިއްޖިއްޔާ ކީކޭ ބުނާނީ! އެއީ މާލޭގެ ޤަދަރުވެރިން. އަތްފައިދަށަށް ނޯކަރުން ލައިގެން އުޅޭ މީހުން!"

އިފާ އެ ގޭގެ މަސައްކަތް ކުރާ ވާހަކަ ބުނުމުން ހައްވަ އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހުނެވެ.

"އެއީ އިފާއަށް ފެނިގެން އިފާ އަމިއްލައިން ކުރާކަމެކޭ! ފުރަތަމަ ކޮޅު އަހަރެން ވަރަށް ދެކޮޅު ހެދިން. އަނެއްކޮޅުން އެހެން ކަމެއް ނެތި ހުންނަންވީމަ އިފާވެސް ވަރަށް ފޫހި ވެސް ވާނެ ދޯ! އެހެންވެ ފަހުން އަހަރެން އަޅާނުލީ ވެސް!.... މަންމަ އާދޭ ނަމާދުކޮށްލައިގެން ކާން!"

ޝައިބާ ބަދިގެއަށް ވަންނަމުން ގޮވީ އިފާއަށެވެ. ކާން އައުމަށެވެ.

އެރެއަކީ ކުޑަކޮށް ވިއްސާރަކޮށް އޮތް ރެއެކެވެ. ބޭރަށް ނިކުމެލަން އިފާ ވެސް ހުރީ ވަރަށް ބޭނުންވެފައެވެ. މި ދެ ތިން ދުވަހު އަޔާޒު ލޮލަށް ފެނުނީ ވެސް އެންމެ ފަހަރަކު އެވެ. އުޅޭތަނެއް ކުރާކަމެއް އިފާއަށް އެނގެނީކީ ނޫނެވެ. ކުރިން ނަމަ ކާންހަދާފަ ބެހެއްޓީމަ އައިސް ކާން އިންނަ ގަޑީގައި ކޮންމެވެސް ބަހަނާއެއް ދައްކާފަ އެތަނަށް އިފާއަށް ވަދެވެއެވެ. ފެންފޮދެއް ބޯލުމަށެވެ. ކޮފީއެއް ބޭނުންތޯ އަޔާޒު ކައިރިން އަހާލުމަށެވެ. ނޫނީ ހަމަ ދޮވެލާނެ ތައްޓެއް ނަމަވެސް ހުރިތޯއެވެ. އެކަމަކު މި ދުވަސްކޮޅު ........... އިފާއަށް ހޯދައިލެވުނީ ވަށައިގެންވާ މާޙައުލެވެ. ހީވަނީ އޭގެ ކޮންމެވެސް ހިސާބަކުން ދެކިލުމަށް ހިތް އެދޭ މީހާ ފެނިދާނެ ކަމުގެ އުންމީދެއް އޮތީހެންނެވެ.

އިފާގެ ނަޒަރު ވަށައިގެން އެނބުރިލާފަ އައިސް ދެން ހުއްޓުނީ ގޭގެ ބޭރުން މަގުމައްޗަށެވެ. ވަކި މަޤުސަދެއް ނެތި މަގުމައްޗަށް ނިކުމެލާ އަނެއްކާ ވެސް މަގުގެ ދެކޮޅަށް ބަލައިލެވުނެވެ. ދެން ވަކި މިސްރާބެއް ނެތި ހިނގައިގަނެވުނީ ކުރިއަށެވެ. ހަނދުމަހުގެ މެދުތެރެކަމުން ރީތިކޮށް އުޑުގައި ރަނިކަން ކުރަމުން ދިޔަ ހަނދުން ދުނިޔެއަށް އެޅިފައިވާ ހަނދުވަރުގެ އަލިން މުޅިކާއިނާތު ހުޅުދާންކޮށްލާފަ އޮތެވެ. އެހެންނަމަވެސް ހުޅަނގު ފަރާތް ފެންނަނީ ކޮންމެވެސް ވަރަކަށް ވިއްސާރަ ވިލާ ފެތުރިފައިވަނިކޮށެވެ. އިރުކޮޅެއްކުރިން ވާރޭ ވެހިލާފައި އޮތުމުން އެ ދޮންވެލި މަގުގައި ހުރި އަޑިތަންތަންކޮޅުގައި ކޮންމެވެސް ވަރަކަށް ފެން ހެދިލާފައި އޮތެވެ. ޖެހިލާ މަޑު ރޯޅީގައި ތެތް ފިނިކަން އެކުލެވިފައި ވެއެވެ.

މަޑު މަޑުހިނގުމެއްގައި ކުރިއަށް ހިނގާލާފަ ދިޔަ އިފާގެ ސަމާލުކަން އަތުލީ ޖިންސްގެ ޖީބުގައި އޮތް ފޯނެވެ. މަޑުމަޑުން ޖީބުން ފޯނު ނަގާ ބަލައިލި އިރު އެ ފޯނަކީ އިފާ ޖަވާބުދޭން ބޭނުންވާ ފޯނެއް ހެނެއް ހިއެއް ނުވެއެވެ. މި ގޮތަށް އަރީޝް އެންމެ ފަހުން ގުޅި ތިން ކޯލު ވެސް އިފާ ޖަވާބު ނުދީ ދޫކޮށްލީއެވެ. އެހެންވެ މިފަހަރު އަރީޝްގެ ފޯނަށް ޖަވާބު ދޭން އިފާ ބޭންނުވިއެވެ.

އެއީ ކުރު ކޯލެކެވެ. އާން، ހޫން، ނޫން އަކުން ނިންމައިލި ކޯލެކެވެ. އެންމެ ފަހުން އަރީޝް އެހީ މާލެ އަންނަ އިރެކެވެ. އިފާ ފުރިހަމަ ތަފުސީލް ޖަވާބެއް ދިން ހަމަ އެކަނި ސުވަލެވެ.

"މާލެ ދާނަން! އެކަމަކު އަދި ނޭނގެ ސީދާ ބުނާކަށް ކޮން ދުވަހަކު ކަމެއް!"

އަރީޝްގެ ސުވާލަށް ޖަވާބު ދިނުމަށްފަހު އިފާ ފޯނު ބޭއްވީއެވެ. އަދި ދެން ވާރޭކަނި ޖަހަން ފެށުމުން ހިނގުން ތަނކޮޅެއް ބާރުކޮށްލާފައި އެނބުރި އައިސް ގެއަށް ވަނީއެވެ.

އިފާ ކޮޓރިއަށް ވަނުމުގެ ކުރިން ޝައިބާ ކޮބައިތޯ ބަލައިލިއެވެ. ޝައިބާ އޮތީ އިއްޒާ ނިންދަވަން އޮށޯތްގޮތަށް އިއްޒާއާ އެކު ނިދިފައެވެ. އެހެންކަމުން އިފާ ވެސް ގޮސް ވަނީ ދެން ކޮޓަރިއަށެވެ. އޭރު އަދި އަޔާޒުގެ މަންމައެއް ނިދާކަށް ނުވަދެއެވެ. ކޮންމެވެސް ރައްޓެއްސެއްގެ ގެއަށް ދިޔައީ ކަމަށް ނިންމާ އިފާ އޮށޯތީ ނިދުމަށެވެ.

މާޙައުލުގެ ފިނިކަމާ ފަންކާގެ ފިނިކަން އެކުވުމުން ސިކުނޑިއަށް ލިބިފައިވާ ވަރުބަލިކަމާއެކު އިފާއަށް ވަރަށް އަވަހަށް ނިދިއްޖެއެވެ. އެހެންނަމަވެސް އިފާއަށް ފަތިސް ވުމުގެ މާކުރިން ހޭލެވިއްޖެއެވެ. އޭރު އަޔާޒުގެ މަންމަ ފުން ނިދީގައި އިފާއާ އެއް އެނދުގައި އެހެންނަމަވެސް ފުދޭވަރެއްގެ ދުރުމިނުގައި ރީތިކޮށް ނިދާލާފައި އޮތެވެ.

ހައްވަގެ މޫނަށް ބަލަން އިރުކޮޅަކު އިފާ އޮތްއިރު އަމިއްލަ މަންމަ މަތިން ވަރަށް ބޮޑަށް ހަނދާން ވިއެވެ. މަންމަ އިފާ ދެކޭހިތް ވަރަށް ބޮޑަށް ވާނެއޭ ހިތަށް އެރުމުން ލުއި ތަދެއް މޭގައި ހިނގައިލިއެވެ.

އަނެއްކާވެސް އޮތް ގޮތަށް ހައްވަގެ މޫނަށް ނަޒަރު ހުއްޓާލައިގެން އޮތް އިފާ ގެ ލޯ މެރެމުން މެރެމުންގޮސް ނިދުނީއެވެ.

އަޔާޒު އައިސް ކޮޓަރިއަށް ވަނީ އިފާ ފެންވަރައިގެން ނިކުމެ ރީތިވާން ހުއްޓައެވެ. އައި ގޮތަށް އައިސް އަޔާޒު އިށީނީ އިފާ ނިދާ އެނދުގައެވެ. ދެން އިފާއާ ވީ ފަރާތަށް އެނބުރި އިފާގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ. އޭރު އިފާއަށް ވެސް ހުރެވުނީ އަޔާޒުގެ މޫނަށް ބަލަހައްޓައިގެން ކަމުން ދެމީހުންގެ ނަޒަރު ބައްދަލުވެ އެ ނަޒަރުން ދެމީހުންނަށް ވެސް އަސަރުތަކެއް ކުރިއެވެ. އިފާގެ މޭގައި އުފެދުނު ފޮނި ފޮނި މިޔުޒިކީ ރާޅު ހަލުވި ދުވެލީގައި އިފާގެ މުޅި ޖިސްމަށް ތަޙުލީލު ވާން ނެގީ މަދު ސުކޫތުކޮޅެކެވެ. ހިތަށާ ސިކުނޑިއަށް އައި ލޮޅުމުގެ ސަބަބުން އިފާއަށް ތެޅިގަނެވުނެވެ. ދެން އެނބުރިލީ އަޔާޒަށް ފުރަގަސް ދެމުން ރީތިވާ މޭޒާ ދިމާއަށެވެ. އެހެން އިރުކޮޅަކު ހުރުމަށްފަހު އަޔާޒުގެ ޚަބަރެއް ނުވުމުން އަނެއްކާވެސް އިފާ ބަލައިލީ އަޔާޒަށެވެ. އެހެންނަމަވެސް އެ ބެލުން ގޮސް ހުއްޓުނީ އަޔާޒު އިށީނދެ އިން ހުސް ޖާގައަށެވެ. އަޔާޒު އިށީންތަނުގައި އެނދުގެ ބެޑްޝީޓްގައި ޖެހިފައި ހުރި ރޫތަކަށެވެ.

ލިބުނު ސިހުމުގައި އިފާއަށް ދުވެލާފަގޮސް އަޔާޒު އިންތަނުގައި އަތް ކާއްތާލެވުނެވެ.

އިފާއަށް ހޭލެވުނުއިރު ވެސް ކައިރީގައި އޮތް ބާލީސް މަތީ އިފާގެ އަތް އޮތީ ބޭއްވިފައެވެ. އަތުގެ އިނގިލިތައް ބާލީސް މަތީ ހިންގާލެވެނީއެވެ.

މި ފެނުނީ ހުވަފެނެއްކަން ޔަގީން ވުމުން އަތް ގެނެސް މޭމަތީ ބާއްވައިލިއެވެ. އެގޮތަށް އިރުކޮޅަކު ޙަރަކާތެއް ނެތި އިފާ އޮތެވެ. ފެނުނު ހުވަފެނާ މެދު ވިސްނާލުމަށެވެ. އަޔާޒު އިފާއާ ދިމާއަށް ބަލަހައްޓައިގެން އިން ގޮތް އިފާގެ ހިތުގައި ބިންވަޅު ނެގި ނިމިއްޖެއެވެ. އެ ތޫނު ނަޒަރެވެ. އެއީ އަޔާޒުގެ ފަރާތުން އެންމެ ފުރަތަމަ ވެސް އިފާއަށް ޚާއްސަ ކަމެއް ދެވުނު އަޔާޒުގެ ސިފައެވެ. އަޔާޒުގެ އެ ބެލުމުގައި ވަނީ ތަފާތުކަމެކެވެ. ހުވަފެނުގައި އަޔާޒު އުޅުނީ ކޮންމެވެސް އެއްޗެއް ބުނަންހެން ވެސް އިފާއަށް ހީވިއެވެ. އަޔާޒުގެ މޫނުމަތިން ފެނުނު ކުލަވަރު މާނަ ކުރެވޭތޯ އިފާ ހަނދާނަށް ބާރުލަމުން ދިޔައެވެ. އެހެންނަމަވެސް އެއްވެސް ނަތީޖާއެއް ނުފެނުމުން ތެދުވެގެން ފާޚާނާއާ ދިމާއަށް ހިނގައިގަތް އިރު އެ މޫނުމަތީގައި ވަނީ ތަފާތު ކުލައެކެވެ.

ފެންވަރާ ރީތިވެލައިގެން އިފާ ކޮޓަރިން ނިކުތްއިރު މީހާ ފެންނަނީ މާބޮޑަށް ވެސް ތާޒާކޮށެވެ. މުޅި މީހާގެ ހަށިގަނޑުގައި ތަފާތު ފޮނި ރާގެއް ކުޅެމުންދާކަމުގެ އިޙުސާސުން މީހާއަށް ވަނީ އުފާވެރިކަން އިޙުސާސް ކުރެވިފައެވެ. އެކަން ދޭހަކޮށްދެނީ އިފާގެ މޫނުމަތީގެ ތާޒާކަމެވެ. ދެ ލޮލުގެ ވިދުމެވެ. މަޑުރާގަކަށް އިއްވަމުން ދިޔަ ނާނާއެވެ.

"މިއަދު އިރު އެރީ ކޮންފަރާތަކުންތަ! އަހަރެމެން މިތިބަގެން ހަނާވަނީ ވިއްޔަ މަސައްކަތާހެދި!"

ބަދިގޭގެ ދޮރުމައްޗަށް އިފާ އެރުމުން ޝައިބާ ސަމާސާ ރާގަކަށް ބުނެލިއެވެ. ޝައިބާ އުޅުނީ ވަޅޯމަސްތަކެއް ސާފުކުރުމުގައެވެ.

"ހާދަ ތާޒާވެލައިގެން!.... "

އިފާ ޙަރަކާތެއް ނުކޮށް ހުއްޓުނުތަނުގައި ހުއްޓުނު ގޮތަށް ޖިންސްގެ ދެޖީބަށް އަތް ޖަހާލައިގެން ހުރުމުން އުނދުން ކައިރީ ހުއްޓެމުން ޝައިބާ އަނެއްކާ ވެސް އިފާއާ ދިމާކޮށްލިއެވެ.

"ހީވަނީ މިރެއަށް ތައްޔާރުވަނީ އިފާހެން ...!"

އަޑަށް ސަމާސާކަން ގެންނަމުން ޝައިބާ ހުއްޓާނުލާ ކުރިއަށް ގެންދިޔައެވެ.

"އިފާ!...... ދެންވެސް ނުހުރެ ތި ފުށްކޮޅު މޮޑެލަބަލަ!"

އިފާގެ ނަމަށް ބާރުލަމުން ޝައިބާ ގޮވައިލިއެވެ.

ހޫނުކޮށްފައިހުރި ފެންޖަގު ހިފައިގެން އައިސް އިފާ އިށީނީ ފުށްމޮޑޭށެވެ.

"ކޮބާ މަންމަ! އަދި ސައި ނުބޮއެތަ އެންމެން މިތިބީ!"

ފޯނުން ގަޑި ބަލައިލަމުން އިފާ ސުވާލުކުރީ ޙައިރާންވެގެންނެވެ.

"އަހަރެމެން ސައި ނުބޮއެ ތިބެގެން ވެސް މިކައިވެނި މިރޭ ނިންމާލެވުނީމަ އެވީ!"

ޝައިބާ ވާހަކަ ދެއްކީ އަނެއްކާވެސް މަޖާވެ ހުރެގެންނެވެ.

"ކައިވެނި!..... ކޮން ކައިވެންޏެއް!" ފުށްގުޅަ ރީތިކުރަމުން އިފާ ސުވާލުކުރީ ޙައިރާންކަން އެކުލެވިފައިވާ އަޑަކުންނެވެ.

ޝައިބާ ވެސް އެނބުރި އިފާއަށް ބަލައިލީ ޙައިރާންކަމުގެ ނަޒަރަކުންނެވެ. ދެން ކުރަން ހުރި މަސައްކަތަށް މަޝްޣޫލުވީ ޖަވާބު ދެމުންނެވެ.

"ތިއްތިބެގެ!........ ތިއްތިބެ މިރޭ ފަރުއީން އާ އިންނަނީނު! އިފާއަކަށް ނޭނގެ؟"

ޝައިބާގެ ފުރަތަމަ ޖުމުލައާއެކު އިފާއަށް އައީ ހުއްޓުމެކެވެ. ފުރަތަމަ އަތަށެވެ. ދެން ހިތަށެވެ. ދެން މުޅި މީހާއަށެވެ. އިރުކޮޅެއް ވީއިރު އިފާގެ ދެލޮލުން ފުރޭނިގެން ކަރުނަ އޮހެމުން ދިޔައެވެ. އެއީ ޚުދު އިފާއަށް ވެސް ނޭނގިއެވެ.

ވާހަކަ ދައްކާ ދައްކާ ހުރި އިފާއަށް ޖަވާބު ދީދީ އިފާގެ ޚަބަރެއް ނުވުމުން ޝައިބާ ބަލައިލީ އިފާއަށެވެ. އޭރު އިފާގެ ލޮލުން ފޭބި ކަރުނަތައް މަޑުމަޑުން އަތުގެ ނުފުށުން އިފާ ފޮހެލަނީއެވެ. މި މަންޒަރު ފެނުމުން ޝައިބާ ހުރީ ބުނާނެ އެއްޗެއް ކުރާނެ ކަމެއް ނޭނގިފައެވެ. ވީކީއްކަން ކުރެވުނީ ކީއްކަން ބުނެވުނީ ކީކޭކަން ހަނދާން ކުރަމުން ޝައިބާ ހިނގައިގަތީ އިފާއާ ދިމާއަށެވެ. ފަރުވާތެރިކަމާއެކު އިފާގެ މޫނަށް ނަޒަރު ހުއްޓާލައިގެން ކުރިއަށް ދިޔަ ޝައިބާ، ކައިރިއަށް އަންނަކަން އެނގުމުން އިފާ އިސްޖަހައިލިއެވެ. ހިނިތުންވަމުންނެވެ. ނަމަވެސް އެ ހިނތުންވުމުގައި ހުރި މަސްނޫޢީ އަސަރު ޝައިބާ ދެނެގެންފިއެވެ.

އިފާގާތަށް އައިސް ހުއްޓުނު ޝައިބާ އިފާގެ މޫނު އުފުއްލާލާ އިފާގެ ދެލޮލަށް ރަނގަޅަށް ބަލައިލިއެވެ.

"ޑިއަރ! ރީއްޗަށް ބުނޭ ކީއްވީ!"

ޝައިބާގެ އަޑުގައިވަނީ އޯގާތެރިކަމެވެ. ޝައިބާ ވާހަކަ ދެއްކިއަސް ޖަވާބުދޭނެ ގޮތެއް އިފާއަށް ނޭނގޭތީ އިފާ އަނެއްކާ ވެސް އިސްޖަހައިލީއެވެ.

"ޝައި ވެސް އެއްވެސް ކަމެއް އިފާއަކަށް ސިއްރެއް ނުކުރަމެންނު! ވެގެންއުޅޭގޮތެއް ނޭނގެންޏާ ޝައި ވަރަށް ދެރަވާނެ!"

ޝައިބާ އެބުނީ ތެދެކެވެ. ޝައިބާގެ ހުރިހާ ސިއްރެއް އަބަދުވެސް ޙިއްސާކުރާފަރާތަކީ އިފާއެވެ. ކިތަންމެ ދުރުގައި ހުއްޓަސް އެކަން އޮންނަނީ އެހެންނެވެ.

"ނުވެޔޭ ކަމެއް!..... އެއްވެސް ކަމެއް ނުވޭ!"

އިފާ އުޅުނީ ކަމެއް ނުވާކަން ދައްކަން ވެގެންނެވެ. އެހެން ބުނި އިރު އަނެއްކާ ވެސް އިފާގެ ލޮލުން ތާޒާކަރުނަ ފާއްދާލައިފިއެވެ.

ރަޙުމަތްތެރިޔާގެ ހިތުގެ ހާލު ގާތްގަނޑަކަށް ޝައިބާއަށް ވިސްނިއްޖެއެވެ. އެހެންކަމުން މަޑުމަޑުން އިފާއާ ގާތަށް ޖެހިލާ އިފާގެ ގައިގާ މަޑުމަޑުން ބައްދައިލިއެވެ.

"އަރީޝްއާ ދެކުދިން މައްސަލަ ޖެހުނީތަ!"

ހުރި ގޮތަށް އިފާ ގަޔަށް ލައްކޮށްލައިގެން ހުރެ ޝައިބާ އެހިއެވެ. އިފާ ވެސް ނޫނެކޭ ބުނީ އެހެން އިނދެއެވެ.

"މީހަކު ދެކެ ލޯބި ވެވުނީތަ!"

މިފަހަރު ޝައިބާ ކުރި ސުވާލުން އިފާއަށް ތެޅިގަނެވުނެވެ. އަދި ނޫން ނޫން އޭ ބުނަމުން ގެންގުޅުނު ތަށިގަނޑު އެއްފަރާތުގައި ބަހައްޓަފައި ދުއްވައިގަތީ ބޭރަށެވެ.

އިފާ ދުވެފާއި ގޮސް ކޮޓަރިއަށް ވަންނަން ދެން ވެސް ޝައިބާ ހުރީ އިފާދިޔަ ދިމާއަށް ބަލަހައްޓައިގެންނެވެ.