ޔުއެފާ ޗެމްޕިއަންސް ލީގް ކުއާޓާފައިނަލުގައި އިނގިރޭސިވިލާތުގެ އާސެނަލް އާއި ސްޕެއިނުގެ ގަދަބާރު ރެއާލްމެޑްރިޑް ބައްދަލު ކުރަން ޖެހިއްޖެއެވެ.
އާސެނަލް އާއި ރެއާލްމެޑްރިޑް ބައްދަލު ކުރާ ކުއާޓާފައިނަލް ފުރަތަމަ ލެގް ކުޅޭނީ ކުރިއަށް އޮތް އޭޕްރީލް މަހުގެ 9 ވަނަ ދުވަހުގެ ރޭ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައެވެ. ދެވަނަ ލެގް ރެއާލްގެ ދަނޑުގައި ކުޅޭނީ 17 އޭޕްރީލް ގައެވެ.
ރެއާލް ކުއާޓާފައިނަލުން ޖާގަ ހޯދީ މައްސަލަ ބޮޑުވި ޕެނަލްޓީ ޝޫޓްއައުޓުގައި ވާދަވެރި އެތުލެޓިކޯ މެޑްރިޑުގެ މައްޗަށް 4-2 އިން ކުރި ހޯދައިގެންނެވެ. އާސެނަލް ކުއާޓާފައިނަލުން ޖާގަ ހޯދީ ދެލެގުގެ އެގްރިގޭޓުން ޕީއެސްވީގެ މައްޗަށް 9-3 ގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ.
އާސެނަލް އާއި ރެއާލް ޗެމްޕިއަންސް ލީގުގައި މިހާތަނަށް ބައްދަލުކޮށްފައި ވަނީ އެންމެ ފަހަރަކުއެވެ. އެއީ 2005/06 ސީޒަނުގެ ދެވަނަ ބުރުގައެވެ. ތިއޮރީ އޮންރީ ސެންތިއާގޯ ބެރްނަބާއޫގައި ޖެހި މަޝްހޫރު ލަނޑުން ރެއާލްގެ މައްޗަށް 1-0 ގެ އެގްރިގޭޓުން ކުރި ހޯދައި އެފަހަރު އާސެނަލް ކުއާޓާފައިނަލުން ޖާގަ ހޯދިއެވެ. އެމުބާރާތުގެ ފައިނަލުގައި އާސެނަލް ބަލިވީ ބާސެލޯނާ އަތުންނެވެ.