މާލެއަށް ރަށްރަށުން ދަތުރުކުރާ ލޯންޗް ފެރީތަކަށް ހެންވޭރު ފެރީ ޓަރމިނަލް ހުޅުވާލައިފިއެވެ.
ހެންވޭރު ފެރީ ޓަރމިނަލް ހުޅުވާލީ، އެމްޓީސީސީއިން އެކަމަށްޓަކައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވީ، މީގެ ކުރިން ރަށްރަށުން ދަތުރުކުރާ މީހުން ލޯންޗުތަކުން މާލެއަށް އަރައިފޭބުން އޮތީ ވަރަށް ދަތި ގޮތަކަށް ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް ހުޅުމާލެއާއި ހެންވޭރު ޓާމިނަލް ބޭނުން ކުރުމުގެ ފުރުސަތު ލޯންޗުތަކަށް ދެއްވުމަށް ނިންމެވީ ރައީސް ޑޮކްޓަރ މުހައްމަދު މުޢިއްޒުކަން ސައުދީގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
ހެންވޭރު ޓާމިނަލް ބޭނުން ކުރުމަށް އެދުމުގެ ފުރުސަތު މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ހަމަވިއިރު އެކަމަށް އެދިފައި ވަނީ 7 ފަރާތަކުން ކަމަށް ސައުދީ ވިދާޅުވިއެވެ.
ސައުދީ އިތުރަށް ވިދާޅުވީ، ހުޅުމާލޭ ފެރީ ޓާމިނަލް ބޭނުންކުރަން މިހާތަނަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނެތް ނަމަވެސް، އެ ކަމަށް އެދި ޝައުގުވެރިކަން ފާޅުކުރާނަމަ އެ ޓާމިނަލް ވެސް ފެރީ ލާންޗުތަކަށް ދޫކުރަން އެމްޓީސީސީއިން ތައްޔާރަށް އޮތް ކަމަށެވެ.
އެމްޓީސީސީން ބުނީ މިހާރު ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކާއެކު މި ހިދުމަތް ފެށުމުން ދުވާލަކަށް ޖުމްލަ 15 ފެރީއަށް ޓާމިނަލްތަކުން ހިދުމަތް ދެވޭނެ ކަމަށެވެ. އެއީ ގާތްގަނޑަކަށް 2000 ފަސެންޖަރުންނެވެ. އެމްޓީސީސީން ޓާމިނަލްގެ ހިދުމަތް ދޭނީ ދަތުރުވެރިން ފުރުމާ ދޭތެރޭ މަޑުކޮށްލުމަށް ޓާމިނަލް އެތެރެ ވަކިބައެއް ހާއްސަ ކޮށްގެންނެވެ. އަދި ދަތުރުވެރިންނަށް ފާހާނާ އާއި ބޯފެން ލިބޭނޭ އިންތިޒާމުވެސް އެމްޓީސީސީއިން ވަނީ ހަމަޖައްސައި ދީފައެވެ.