ވެރިކަންކުރާ ޕީއެންސީގެ ނަމުގައި ސައްހަ ނޫން މެސެޖްތަކެއް ދައުރުވާތީ ސަމާލުވުމަށް އެޕާޓީން އިލްތިމާސްކޮށްފިއެވެ.

ޕީއެންސީން މި ކަމަށް އިލްތިމާސް ކޮށްފައިވަނީ އެ ޕާޓީން މިއަދު ނެރުނު ބަޔާނުގައެވެ.

އެ ބަޔާނުގައި ޕީއެންސީން އިތުރަށް ބުނެފައިވަނީ އެ ޕާޓީގެ ނަމުގައި އެކި ފަރާތްތަކަށް މައުލޫމާތު ހޯދަންކަމަށްބުނެ މެސެޖުތަކެއް ފޮނުވަމުންދާކަން އެ ޕާޓީގެ ސެކެޓްރިއޭޓްގެ ސަމާލުކަމަށް އެކިއެކި ފަރާތްތަކުން ގެނެސްފައިވާ ކަމަށެވެ.

އަދި ޕާޓީގެ ބޭނުމަށް ރަށްރަށުން އެއްވެސް މައުމޫލާތެއް ހޯދާނަމަ އެކަން ކުރާނީ ސީދާ ޕާޓީގެ ސްޓިއަރިން ކޮމިޓީ އާއި ޕާޓީގެ މައި އޮފީހުގެ އިތުރުން ޕާޓީގެ ރަސްމީ މަސްއޫލިއްޔަތެއް އޮތް ފަރާތަކުން ގުޅައިގެން ނުވަތަ ޕާޓީގެ ރަސްމީ ޕްލެޓްފޯމްތަކުން ކަމަށްވެސް އެ ޕާޓިން ބުންޏެވެ.

މީގެއިތުރުން ސިޔާސީ ބޭނުމަކަށް މިޕާޓީގެ ނަމުގައި ސައްހަނޫން މެސެޖުތައް ފޮނުވުން ފަދަ ދަށުދަރަޖައިގެ އަމަލުތައް ހަރުކަށި އިބާރާތުން ކުއްވެރިކޮށް އެފަދަ އަމަލުތައް ކުރާ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށާއި ވޕާޓީގެ މެންބަރުންނާއި އާންމު ރައްޔިތުން އެފަދަ ސައްހަ ނޫން މެސެޖްތަކަށް އިޖާބަ ނުދިނުމަށް ޕީއެންސީން ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި އެފަދަ މެސެޖެއް ލިބިއްޖެ ނަމަ ވަގުތުން ޕާޓީގެ ރަސްމީ އިދާރާ އަށް އެކަން އެންގުމަށްވެސް އެޕާޓީން އެދިފައިވެއެވެ.