ސިއްހީ ހިދުމަތްދޭ 4 މަރުކަޒެއްގައި އައު އިމާރާތް ތަރައްގީކުރުމުގެ މަޝްރޫއުތައް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
އެމްޓީސީސީން މި ކަން ހާ،މަކޮށްފައިވަނީ މިއަދު އެ ކުންފުނިން ނެރުނު ޕްރެސް ރީލީޒެއްގައެވެ.
އެ ޕްރެސް ރީލީޒްގައި އެމްޓީސީސީން އިތުރަށް ބުނެފައިވަނީ މި މަޝްރޫއުތައް އެ ކުންފުންޏާ ހަވާލު ކޮށްފައިވަނީ ހެލްތު މިނިސްޓްރީން ކަމަށެވެ.
އެގޮތުން އެ މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި އެކުންފުނީގެ ފަރާތުން ސޮއިކޮށްފައިވަނީ މެނޭޖިންގ ޑިރެކްޓަރ (ރިޓަޔަރޑް) ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލްފާޞިލް އަހުމަދު ސައުދީއެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އަލްފާޞިލް އިސްމާއީލް އަބްދުﷲއެވެ.
އެމްޓީސީސީއަށް ހަވާލުކުރި މި މަޝްރޫއުގައި ސިއްހީ މަރުކަޒުގެ އައު އިމާރާތް ތަރައްގީ ކުރަން ހަމަޖެހިފައިވާ 4 އިމާރާތަކީ:
- ތ. ވިލުފުށި ހޮސްޕިޓަލް
- ވ. ފެލިދޫ ހޮސްޕިޓަލް
- ށ. މާއުނގޫދޫ ސިއްހީ މަރުކަޒު
- އަދި ނ. ފޮއްދޫ ސިއްހީ މަރުކަޒެވެ.
މި މަޝްރޫއުގެ ދަށުން ތ. ވިލުފުށި ހޮސްޕިޓަލާއި ވ. ފެލިދޫ ހޮސްޕިޓަލަށް 37 އެނދު އެކުލެވޭ 76،175 އަކަމީޓަރުގެ މެއިން ބިލްޑިންގ އަކާއި 2563 އަކަމީޓަރުގެ ސާވިސް ބްލޮކަކާއި، 7147 އަކަމީޓަރުގެ އެކޮމަޑޭޝަން ބްލޮކެއް ހިމެނޭ އައު އިމާރާތެއް އިތުރު ކުރެވިގެން ދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ށ. މާއުނގޫދޫ ސިއްހީ މަރުކަޒާއި ނ. ފޮއްދޫ ސިއްހީ މަރުކަޒަށް 16 އެނދުގެ ޖާގަ އެކުލެވޭ 15650 އަކަމީޓަރުގެ އިމާރާތެއް އިތުރު ކުރާނެ ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.
ތ. ވިލުފުށި އަދި ވ. ފެލިދޫ ހޮސްޕިޓަލްގެ އައު އިމާރާތް ތަރައްގީ ކުރުމުގެ މަޝްރޫއު 540 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 105.13 މިލިއަން ރުފިޔާ އަދި 105.3 މިލިއަން ރުފިޔާއަށެވެ.
އަދި 360 ދުވަސް ތެރޭގައި ނިއްމުމަށް، މާއުނގޫދޫ. ފޮއްދޫ ސިއްހީ މަރުކަޒު އެކުންފުންޏާ ހަވާލުކޮށްފައިވާއިރު މި ދެ މަޝްރޫއުއަކީ 27.2 އަދި 26.8 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.