(ދެން އެ ހަނދުވަރުން ލިބޭނެ އުފަލެއް ނެތެވެ.)

ނިރު، ޝާހީން މުޙައްމަދު

"އަރީޝްއާ ދެކުދިން މައްސަލަ ޖެހުނީތަ!"

ހުރި ގޮތަށް އިފާ ގަޔަށް ލައްކޮށްލައިގެން ހުރެ ޝައިބާ އެހިއެވެ. އިފާ ވެސް ނޫނެކޭ ބުނީ އެހެން އިނދެއެވެ.

"މީހަކު ދެކެ ލޯބި ވެވުނީތަ!"

މިފަހަރު ޝައިބާ ކުރި ސުވާލުން އިފާއަށް ތެޅިގަނެވުނެވެ. އަދި ނޫން ނޫން އޭ ބުނަމުން ގެންގުޅުނު ތަށިގަނޑު އެއްފަރާތުގައި ބަހައްޓަފައި ދުއްވައިގަތީ ބޭރަށެވެ.

އިފާ ދުވެފާއި ގޮސް ކޮޓަރިއަށް ވަންނަން ދެން ވެސް ޝައިބާ ހުރެވުނީ އިފާދިޔަ ދިމާއަށް ބަލަހައްޓައިގެންނެވެ.

އެ ދުވަހުގެ މެންދުރު ކުރީގެ އެއްވެސް އިރެއްގައި އިފާ އެއްގޮތަކަށް ވެސް ކޮޓަރިއަކުން ނުނިކުމެއެވެ. ޝައިބާ ދެތިން ފަހަރު ގުޅުމުން ވެސް ކޮޓަރި ހުޅުވާކަށް އެއް ބަހެއް ނުވިއެވެ. އެހެންނަމަވެސް މެންދުރުވެގެން ޝައިބާ ބުނެގެން ހައްވަގޮސް އިފާއަށް ގޮވަން ފެށީމާ ދޮރު ހުޅުވައިލިއެވެ. ޝައިބާ ހުރީ އެ ވަގުތަށް ތައްޔާރުވެގެން ކަމުން ހުޅުވުނު ދޮރުން ޝައިބާ ވަނީ އެތެރެއަށެވެ.

މަންމަ ބޭރުގައި މަޑުކޮށްލާށޭ ބުނަމުން ޝައިބާ ދޮރު ލެއްޕީއެވެ.

އިފާ ހުރީ ޝައިބާ ދޮރު ލައްޕަންދެން ވެސް ދޮރުފަތުގެ ފަހަތުގައި ކޮޅަށެވެ. އިސްދަށަށް ޖަހައިގެންނެވެ. ދޮރު ލެއްޕުމަށްފަހު ޝައިބާ އިފާގެ ގައިގާ ބައްދައިލިއެވެ.

"ޑިއަރ، އަހަންނަށް މަޢާފު ކުރޭ! ތިއްތިބެ މީހަކާ އިންނަވާހަކަ،......... ތިއްތިބެ އުޅެނީ ފަރުއާ ރައްޓެހިވެގެން ވާހަކަ، ............... އަހަންނަށް ނުބުނެވުނީ އިފާ އަރީޝްއާ އިންނަން ހަމަ ޖެހިފައި އޮތުމުން. އެހެންނޫންނަމަ މާކުރިން ތިއްތިބެއާ ދުރުގައި ހުންނަން އިފާ ގާތު އަހަރެން ބުނީސް.!"

ޝައިބާގެ ވާހަކަ މިހިސާބަށް ދިއުމުން ޝައިބާ ދުރަށް ކޮއްޕާލުމަށްފަހު އިފާ ގޮސް އިށީނީ އެނދުގައެވެ. އެހެންނަމަވެސް އަނގައަކުން ނުބުނެއެވެ. މާ ދުރަށް ނަޒަރު ހުއްޓާލައިގެންނެވެ.

"އިފާ ފަހަރެއްގައި އެއްބަސް ވާން ބޭނުން ނުވެދާނެ !....... ނުވަތަ ބުނަން ބޭނުން ނުވެދާނެ، އެކަމަކުވެސް ........ އެކަމަކުވެސް އިފާގެ މޫނުމަތިން ތިއްތިބެއާ ގަޔާވާކަން އަހަންނަށް އެނގޭތާ ކިތަންމެ ދުވަހެއް!... ތިއްތިބެ ފެނުމުން އިފާ ލަދުގަންނަކަން، .... ސިއްރު ސިއްރުން ތިއްތިބެގެ އަންނައުނު ދޮވެ އިސްތިރި ކުރާކަން ވެސް އެނގޭ! މިއީ ޝައުޤެއް ނެތި މީހުން ނުކުރާނެ ކަންތައް، އަނެކާގެ ބުނުމަކާ ނުލާ!....... ތިއްތިބެގެ ބުނުމަކާ ނުލާ ތިއްތިބެއަށް މީރު ކާއެއްޗެހި ކައްކައިދީ ހެދީ ތިއްތިބެ ދެކެ ލޯބި ވާތީ!....... އެއީ ލޯބިކަން އިފާއަށް ނޭނގުނަސް އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ!"

ޝައިބާ ހިނދުކޮޅަކަށް ހުއްޓައިލިއެވެ. އަދި ގޮސް އިފާއާ ޖެހިގެން އެނދުގައި އިށީނެވެ. އަދި އިފާގެ އަތްތިލަ ނަގާ އުނގުމަތީ ބާއްވަމުން އިނގިލިތަކަށް ފިތާލިއެވެ.

"އަހަންނަށް މަޢާފުކުރޭ! އަހަރެންގެ އެންމެ ލޯބިވާ ރަޙުމަތްތެރިޔާ ހިތާމަ ކުރާތަން ދެކޭކަށް އަހަންނަކަށް ފަސޭހައެއް ނޫން! އަދި އެއަށް ވުރެ ދެރަވާކަމަކީ އަހަރެންގެ ރަޙުމަތްތެރިޔާގެ ހިތަށް ތަސައްލީއެއް ހޯދައިދޭން އަހަންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތީމަ!"

ކުއްލިއަކަށް އިފާ އޮޅުލައިގަތީ ޝައިބާ ގައިގައެވެ. ޝައިބާގެ ވާހަކައިން ޒަޚަމްވެފައިވާ އިފާގެ ހިތުގައި ލޮނުމިރުސް އުނގުޅައިލި ފަދައެވެ. ދެ ރަޙުމަތްތެރިން ވެސް ރުޔެވެ. އެކަމަކު ވެސް ޝައިބާ، އިފާއަށް ހިތްވަރު ދެމުން ދިޔައީ އަޔާޒަށް ވުރެ އިފާ މާލޯބިވާ މީހަކު އިފާއަށް އަދި ލިބޭނެކަމުގެ ޔަގީންކަން ދެމުންނެވެ.

"އިފާގެ މަދީކޯއްޗެއް! ރީތިކަން، މުއްސަނދިކަމާ ތަނަވަސްކަން، ތައުލީމު، އަދި މިހާރު ތިއީ ގެވެހި ގޭތެރޭގެ މަސައްކަތް ކުރަންދަންނަ ކުއްޖެއް! ވީއިރު ........ އަހަރެން އަބަދު ވެސް ދުޢާކުރާނަން...... އިފާގެ ލޯބި އިފާއަށް........ ކޮންމެވެސް ގޮތަކަށް ދެއްވުން!"

އަސުރަށް ގޮވުމުން އަސުރު ނަމާދުކޮށްލައިގެން އިފާވެސް ޝައިބާ މެންނާއެކު އަޔާޒުގެ ކައިވެނީގެ ރަސްމިއްޔާތަށް ހެދިކާ ހަދަން އެހީވެދީ އުޅުނެވެ. އެހެންނަމަވެސް ގިނަ ވަގުތު އިފާ ހޭދަކުރީ އިއްޒާ އުރާލައިގެންނެވެ. ބައެއް ފަހަރު ފޯނު ހިފައިގެން ދުރަށް ގޮސް ވާހަކަ ދައްކަން ހުންނަތަން ވެސް ފެނެއެވެ. އެއީ ކުރިން އިފާގެ ފަރާތުން އެއްވެސް ވަރަކަށް ފެންނަކަމެއް ނޫނެވެ.

އަޔާޒުގެ ކއިވެނި ކުރުން އޮތީ ފަރުއީންމެންގެ ގޭގައެވެ. އިރު އޮއްސި އަށަކުން ކައިވެނި ކުރަން ހަމަ ޖެހިފައި އޮތުމުން ހަތެއް ޖެހިއިރު އަޔާޒުގެ އާއިލާ އެންމެން އެގެއަށް ޖަމާވެއްޖެއެވެ. އިފާއަކީވެސް ވަގުތީގޮތުންނަމަވެސް އެ އާއިލާގެ މެންބަރެކެވެ. އެހެންކަމުން އިފާ ވެސް އެ ޙަފުލާގައި ބައިވެރި ވެއެވެ.

ކައިވެނީގެ ރަސްމިއްޔާތަށް ގާޒީންނާ ހެކިވެރިންނާ ކައިވެނީގެ އަރޫޝުން ހާޒިރު ވި އިރު އިފާ ހުރީ ތަންކޮޅެއް ދުރުގައެވެ. އެމަންޒަރު ރީތިކޮށް ފެންނާނެ ތަނެއްގައި އަޔާޒުގެ އެ އުފާވެރި މޫނަށް ހިތްފުރޭވަރަށް އިފާ ބެއްޔެވެ. އެ ރީތި ހިނިތންވުމާ އެ ހިތްގައިމު ދެ ތުންފަތާ އިފާއަށް އަޔާޒުގެ އެންމެ ރީތި އެ ހިތްގައިމު އިނގިލިތަކާ އަތުކުރިއެވެ. ކައިވެނީގެ ރަސްމިއްޔާތަށް އަޔާޒު ލައިގެން ހުރީ އަތްދިގު ގަމީހަކަށް ވިޔަސް ގަމީހުގެ އަތް އޮތީ އުޅަބޮއްޓާހަމައަށް އޮޅލާފައެވެ. ބުނާކަހަލައެވެ. އިފާއެވެ. މިއީ އެ ފިރިހެންވަންތަ އަތުކުރިއަށް އިފާއަށް ބާލާލަން ލިބޭނެ އެންމެ ފަހު ފުރުސަތެވެ. އެހެން މީހެއްގެ ފިރިއަކަށް ވުމުގެ ކުރިންނެވެ.

ހިތުގައި އުފެދެމުންދާ އުދާސް ބޭރުކޮށްލަން އިފާ ކިތަންމެ ހާވެސް ބޭނުމެވެ. ހިތް ކުދިކުދިވެ ޅިޔަ އެޅިގެން ދަނީ އެންމެ ލޯބިވާ މީހާ އެހެން އަންހެނެއްގެ ހަލާލު ފިރިމީހާއަށް ވާތަން ބަލަން ހުންނަން ޖެހުނީތީއެވެ. މިރެއަށް ފަހު އެރީތި ހަށިގަނޑު އެއީ އެހެން އަންހެނެއްގެ މިލްކެކެވެ. އެ ހަށިގަނޑުން ހޫނާ އަރާމު ލިބި ގަންނާނީ އެހެން އަންހެނެކެވެ. އިފާއަކަށް އެތާކު ނުހުރެވުނެވެ.

ބާރަށް ހިނގާފައި އެހޯލުން ނިކުމެގެން އައި އިފާ މަޑުވެސްކޮށްލީ ޝައިބާމެންގެ ގޭގެ ދޮރުމަތީގައެވެ. އަތުގައި އޮތް ފޯނުން ގަޑި ބަލާލުމަށްފަހު އިތުރަށް ޙަރަކާތްތައް އަވަސްކޮށްލިއެވެ.

ފޮއްޓަށް ލާންގެންގުޅުނު ހެދުންތަކާ ރީތިވާ ސާމާނު އެޅުމަށްފަހު ފޮށިލައްޕައިލިއެވެ. ދެން ފޮށިދަމަމުން ހިނގައިގަތީ އެ ގެއިން ނިކުންނާށެވެ. ސިޓިންގރޫމުގެ ދޮރާހަމައިން ހުއްޓި އިރުކޮޅަކު ހުއްޓެވެ. ދެން ފަސްއެނބުރިލާ ގޭގެތެރެއަށް ނަޒަރުހުއްޓައިލިއެވެ. އެއަށްފަހު ފޮށި އަތުން ދޫކޮށްލުމަށްފަހު އަޔާޒުގެ ކޮޓަރިއާ ދިމާއަށް ހިނގައިގަނެވުނީ އިޚުތިޔާރުން ބޭރުގައެވެ. އެ ކޮޓަރީގެ ތަޅުގައި ހިފާ އަނބުރާލުމުން ދޮރު ހުޅުވުނީ އެއްވެސް މަނާކަމެއް ނެތިއެވެ.

އިފާ އެކޮޓަރިއަކަށް ނުވަދެއެވެ. ކޮޓަރިތެރެއަށް ބަލަހައްޓައިގެން ހުރީއެވެ. އެއީ އެ ކޮޓަރީގެ އެނދު، އަޔާޒުގެ ނިދާ އެނދު، އިފާގެ އަތުން އެތައްފަހަރަކު ތަންމަތި އަޅައިދިން އެނދު ހުރި ކޮޓަރިއެވެ. އިފާ އެކަން ކުރިކަން އެނގޭ އެއްވެސް މީހަކު ނުހުންނާނެއެވެ. ޝައިބާ ބުނިގޮތަށް އަޔާޒުގެ ކޮންމެކަމެއް އިފާ ކޮށްދިނީ އިފާ ހިތުން މުޅި ދުނިޔެއަށް ވެސް ސިއްރުންނެވެ. އެކަމަކު އެކަން ސިއްރު ނުކުރެވުނީ އަމިއްލަ ހިތަށެވެ. ދެލޯ ތެމެން ފެށުމުން އިފާ އެންމެ ފަހު ނަޒަރު ކޮޓަރިތެރެއަށް ހިންގައިލުމަށްފަހު ބާރުބާރަށް ދޮރުލާއްޕާލާފަ ބޭރަށް ހިނގައިގަތެވެ.

ބައެއް ފަހަރު ފޮށި ދަމަމުން ދޮންވެލި މަގުތަކުގައި، ދަމާފަ ދާން އުދަނގޫ ތަންތަނުގައި ފޮށި ހިއްލާލައިގެން އިފާއަށް ބަނދަރާ ދިމާއަށް ނުކުމެވުނު އިރު ލޯންޗުގެ މީހުން ތިބީ އިފާ ލަސްވެގެންނެވެ.

ލަސްވެގެން އެއްގަޑި އިރު ދުއްވޭއިރު އިފާއަށް އެއަރޕޯޓް އޮތްރަށަށް ދެވޭނެއެވެ. ފްލައިޓްގެ ޗެކިންގ އަށް ކިރިޔާ އިފާއަށް ފޯރާނީއެވެ. އެއީ އިފާ ބޭނުން ވެސް ވާގޮތެވެ.

ޝައިބާ ހުރީ އިފާއަށް ވާނުވާ ބަލަބަލައެވެ. އެހެންނަމަވެސް ކައިވެނީގެ ރަސްމިއްޔާތު ފެށުނުތަނާ އިފާ ޝައިބާގެ ލޮލަށް ގެއްލުނީއެވެ. ޝައިބާއަށް އިފާ ހޯދަން އުޅެވޭނެ ވަގުތު ވެސް ޙާލަތުގެ ގޮތުން ނުލިބުނެވެ. އުންމީދުކުރީ ޙަފުލާގެ ކޮންމެވެސް ހިސާބެއްގައި އިފާ އުޅޭނެ ކަމަށެވެ.

ހަފުލާގެ ވަކި ހިސާބަކުން ޝައިބާ އުޅެގަތީ އިފާ ހޯދުމަށެވެ. އުޅެ އުޅެ އިފާ ފެންނަ ގޮތެއް ނުވިއެވެ. ޝަނޫން އަތަށް އިއްޒާ ދިނުމަށްފަހު ދުވެ ގެއަށް ވެސް އައެވެ. އޭގެ ކުރިން ދެތިން ފަހަރަކު ގުޅާވެސް ލިއެވެ. އިފާގެ ފޯނު އޮތީ ނިންވާލާފައެވެ. ގެއަށް އައިސް އިފާ އުޅޭތޯ ކޮޓަރި ވެސް ބެއްޔެވެ. ފާޚާނާވެސް ބެއްޔެވެ. ޝައިބާއަށް ފާހަގަ ނުކުރެވުނީ އިފާގެ ޓޮއިލެޓަރީސް އެއްވެސް އެއްޗެއް ނެތްކަމެވެ. ވާނީ ވެސް އެހެންނެވެ. ޝައިބާ ބެލީ ހަމަ އެކަނި އިފާ ހުރިތޯ ވިއްޔާއެވެ. އިފާ ގޭތެރޭގައި ޢާންމުކޮށް ލާންގެންގުޅޭ ފައިވާން ވެސް ކޮޓަރީގެ ދޮރުމަތީ ހުއްޓެވެ. ވީއިރު އިފާ ކޮބައިހެއްޔެވެ؟

ހަދާނެ ނަހަދާނެ ގޮތެއް ޝައިބާއަކަށް ނޭނގުނެވެ. އެންމެ ފަހުން ޝައިބާ ގުޅީ ޝަނޫންއަށެވެ. އެކަމަކު ގުޅުނީ އަޔާޒަށެވެ.

"އަޅެ ޝަނޫން! އިފާ ހޯދާ ހޯދާ ނުފެނުނޭ! ތިއްތިބެ ކައިވެނި ކުރީމަ އިފާ އެހެރީ ނުލާހިކު ދެރަވެފަ! މިއަދު ނުވެސް ކައި އެހެރީ ރަނގަޅަށް! ވަރަކަށް ރުއި! ޝަނޫން، އަޅެ ކިހިނެއް ހަދާނީ ވެސް!"

ޝައިބާގެ ވާހަކަ ނުނިމެނީސް އަޔާޒު ފޯނު ކަނޑައިލިއެވެ. ދެވަނަ ފަހަރަކު ގުޅަން އުޅެފަ އަނެއްކާ ވެސް ގުޅުނީ އިފާއަށެވެ. ނާއުންމީދާ މާޔޫސް ކަމުންޝައިބާ ހުރީ ބިރުގެންފައެވެ. އެހެންނަމަވެސް ފިނޑި އަމަލެއް އިފާ ނުކުރާނެއެވެ. އެއަށްވުރެ ބޮޑަށް އިފާގެ މައްޗަށް ޝައިބާއަށް އިތުބާރު ކުރެވެއެވެ.

ޙަފުލާ ނިންމި ގޮތަށް ޝައިބާ ދިއުމުން ޝަނޫން ވެސް ސައިގެ ކަންތައް އަވަސްކޮށްލައިގެން އިއްޒާ އުރާލައިގެން ނިކުތީ ގެއަށް ދިއުމަށެވެ. އެވަގުތަކީ ދެވަނަ ފަހަރަކު ވެސް ޝައިބާ އިފާ އުޅުނު ރޫމަށް ވަން ގަޑިއެވެ. ފޯނު އެނދުމަތީ ބާއްވައިގެން އެނދުގައި ޝައިބާ އިށީނދެ އިނީ ރަޙުމަތްތެރިޔާގެ ހާލާ މެދު ފިކުރު ކުރުމުގައެވެ. އިފާ ކައިރީ އެރަށަށް ޗުއްޓީއަށް އަންނަން ނުބުނެވުނު ނަމައޭ ޝައިބާ ހިތަށް އެރި ފުރަތަމަ ފަހަރަކީ އެއީއެވެ.

އެނދުމައްޗަށް އެއްލައިލި ފޯނު ވައިބްރޭޓްވާ އަޑަށް ޝައިބާއަށް ސަމާލުކަން ދެވުނީ ވެސް އިރުކޮޅެއް ފަހުންނެވެ. މާ ބޮޑު ވިސްނުމަކާ ވެސް ނުލާ ފޯނަށް ނަޒަރު ހުއްޓައިލީ ޝަނޫން ކަން ކަށަވަރުވާތީއެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި ފުންމައިގެން ގޮސް ފޯނު ނަގައި ހަލޯއޭ ބުނެވުނީ ވަރަށް ބާރަށެވެ.

"ކޮ... ކޮނ.....ކޮންތާކު ޑިއަރ! ... އާރ ޔޫ...."

"އެއްވެސް ސުވާލެއް އަހަންނާ ނުކުރައްޗޭ!"

ޝައިބާގެ ވާހަކަ މެދު ކަނޑާލަމުން އިފާ އަމުރު ވެރި ރާގަކަށް އިއްވިއެވެ.

"ހަމަ އެކަނި އެންމެ ކަމެއް ސާފުކޮށްދީ ޕްލީޒް!"

ޝައިބާގެ އަޑު ކުރެހިގެން ވާހަކަ ވެސް ނުދެއްކުނެވެ.

"އަހަރެން މިއިނީ ފްލައިޓްގަ! މާލެ ގޮއްސަ ގުޅާނަން!"

އަޑަށް ހަމަ ޖެހުން ގެންނަން އިފާ މަސައްކަތް ކުރަމުންދާކަން ޝައިބާއަށް އެނގެއެވެ.

"ބުނެބަލަ ހެޔޮހާލުގަތަ ތިހިރީ! އޭރުން ހަމަޖެހިގެން މިރޭ ވެސް މަށަށް ނިދާލެވޭނީ!"

ޝައިބާގެ ޖަވާބަށް އިފާ ހީނލި އަޑު ޝައިބާއަށް އިވުނެވެ.

"އެ ކޮޅަށް ދެވުނީމަ ގުޅާނަން! ބައި!"

އިފާ ފޯނު ކަނޑައިލިއެވެ. ހަމަ އެކަނި ކަނޑައިލީކީ ނޫނެވެ. ނިއްވާ ވެސް ލީއެވެ. ޝައިބާއަށް ޔަގީނެވެ. އަދި ފްލައިޓް ނައްޓާލާކަށް ނޫޅޭނެއެވެ.

އިފާ ގެއަށް ދިޔައީ އޭގެ ކުރިން މާލެ ދާ ވާހަކަ މަންމަ ގާތު ބުނެ ވެސް ނުލައެވެ. އެހެންކަމުން ގެއަށް ދާން ޖެހުނީވެސް ޓެކްސީއެއްގައެވެ.

އިފާގެ މަންމައަށް ގޮވަމުން އިފާ ގޮސް ހުއްޓުނީ މަންމަގެ ކޮޓަރީގެ ކުރިމަތީގައެވެ.