ކޮވިޑް-19 އާ ކޭސްތައް އިތުރުވަމުންދާތީ، ބަލި ފެތުރުން ހުއްޓުވަން ފްރާންސްގެ ވެރިރަށް ޕެރިސް އަލުން ލޮކްޑައުން ކުރާތީ، އެތައްހާސް ބަޔަކު ފޮށިތަންމަތި ބަނދެގެން ޕެރިސް ދޫކޮށް ފްރާންސްގެ އެހެން ރަށްތަކަށް ފުރަން ފަށައިފިއެވެ.

ޕެރިސް ލޮކްޑައުން ކުރާކަން އިއުލާން ކުރެއްވީ ފްރާންސްގެ ބޮޑުވަޒީރު ޔޮން ކަސްޓިކްސް، މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޕެރިހުގެ އިތުރުން، ފްރާންސްގެ އުތުރާއި ދެކުނުގެ އެތައް ހިސާބުތައްވެސް ލޮކްޑައުން ކުރަން ނިންމަވާފައިވާކަން ބޮޑުވަޒީރު އިއުލާން ކުރެއްވިއެވެ.

މިފަހަރު އަޅާ ލޮކްޑައުންގެ އަސަރު، ފްރާންސްގެ މުޅި އާބާދީގެ ބޮޑުބަޔަކަށް ކުރާނެ ކަމަށް ވެއެވެ.

ކުރިން ލޮކްޑައުންކުރި ދެފަހަރާ ޚިލާފަށް މިފަހަރު ހިންގާ މަސްދުވަހަށް ދެމިގެންދާ ލޮކްޑައުންގައި ހިސާބެއްގެ ލުއިތައް ދިނުމަށް ފްރާންސްގެ ސަރުކާރުންވަނީ ނިންމާފައެވެ.

އެގޮތުން، މިފަހަރު ލޮކްޑައުން ކުރި ނަމަވެސް، ސްކޫލްތައް ބަންދު ނުކުރަން ވަނީ ހަމަޖައްސާފައެވެ.

ހަމަ އެއާއެކު، އައުޓްޑޯ އެކްސަސައިޒް ކުރުމަށް ކުރިން ފަހަރުތަކުގައި ވަކި ގަޑިތަކެއް ކަނޑައެޅި ނަމަވެސް، މިފަހަރު އެކަން ލިމިޓްކޮށްފައެއް ނުވެއެވެ.

ވެރިރަށް ޕެރިހާއި، އެހެނިހެން ސަރަހައްދުތައް މަސްދުވަހަށް ލޮކްޑައުން ކުރަނީ، ފްރާންސްގެ ގަޑިން ހުކުރު ދުވަހުގެރޭ މެންދަމުން ފެށިގެންނެވެ.

މިކަމާހެދި، ލޮކްޑައުންގެ ހާލަތުގައި އުޅެން ބޭނުންނުވާ އެތައްހާސް ބަޔަކުވަނީ ތޮއްޖެހުންބޮޑު ޕެރިސް ދޫކޮށް ފުރައިގެން ގޮސްފައެވެ. އަދިވެސް މީހުންދަނީ ފުރަމުންނެވެ.

ގިނަމީހުން ގޮސްފައިވަނީ، ލޮކްޑައުންގެ ފިޔަވަޅުތައް ނާޅާ ސަރަހައްދުތައް ކަމަށްވާ ބްރިޓަނީއާއި، އެޓްލާންޓިކް އައްސޭރިފަށުގެ ސަރަހައްދާއި، ލިއޯންފަދަ ސަރަހައްދުތަކަށެވެ.

ފްރާންސްގެ ނޭޝަނަލް ރެއިލް އޮޕަރޭޓަރުގެ ތަރުޖަމާނު ބުނެފައިވަނީ، ކުރިން އާންމު ގޮތެއްގައި 60 ނުވަތަ 70 ޕަސެންޓް ފުރޭ ރޭލު ދަތުރުތައް މިހާރު ފުލްވެފައިވާ ކަމަށެވެ.

ފްރާންސްގެ ހެލްތު މިނިސްޓަރ އޮލިވިއަރ ވެރާން ވިދާޅުވީ، މިއީ، ޕެރިހާއި އަދި ފްރާންސްގެ އެހެން ސަރަހައްދުތައް ލޮކްޑައުން ކުރާނެ އެންމެ ފަހު ފަހަރަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ވެކްސިން ޖެހުމުގެ ކެމްޕެއިން ވަރަށް ބާރަށް ކުރިއަށް ދިއުމާއެކު، އިތުރު ލޮކްޑައުންއަކަށް ދާންނުޖެހި، ބަލީގެ ހާލަތު ރަނގަޅު ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.