މެކްސިކޯއަށް "ވެކްސިން ލޯނެއް" ދިނުމަށް އެއްބަސްވެވަޑައި ގެންނެވުމުން، މެކްސިކޯގެ ރައީސް އެންދްރޭސް މަނުއެލް ލޮޕޭޒް، އެމެރިކާގެ ރައީސް ޖޯ ބައިޑެންއަށް ޝުކުރު އަދާކުރައްވައިފިއެވެ.
އެމެރިކާއިން މެކްސިކޯއަށް ދޭން ނިންމީ 2.7 މިލިއަން ޑޯޒްގެ ވެކްސިން ލޯނެކެވެ.
މެކްސިކޯގެ ރައީސް، އެމެރިކާގެ ރައީސް ބައިޑެންގެ އަރިހުން ވެކްސިން ލޯނަކަށް އެދިވަޑައި ގެންނެވީ، މެކްސިކޯގެ ރައްޔިތުންނަށް ވެކްސިން ޖެހުމަށް ކުރިއަށް ގެންދާ ޕްރޮގްރާމަށް ބޭނުންވާ ވެކްސިން މަދުވެގެންނެވެ.
އެމެރިކާ ސަރުކާރުން ފުރަތަމަ ނިންމީ 2.5 މިލިއަން ޑޯޒްގެ ވެކްސިން ދިނުމަށެވެ. ނަމަވެސް، ފަހުން އެ އަދަދު 2.7 މިލިއަން ޑޯޒަށް އިތުރުކޮށް ދީފައިވާކަމަށް، ވީރަކްރޫޒްގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން މެކްސިކޯގެ ރައީސް އެންދްރޭސް މަނުއެލް ލޮޕޭޒް ވިދާޅުވިއެވެ.
އެމެރިކާއިން މެކްސިކޯއަށް ދިނުމަށް އެއްބަސްވީ އެސްޓްރަޒެނެކާގެ ވެކްސިނެވެ. މެކްސިކޯގެ ރައީސް އެދިވަޑައިގެންނެވީ ވެސް އެސްޓްރަޒެނެކާގެ ވެކްސިނަށް ކަމަށް ވެއެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައި އެސްޓްރަޒެނެކާގެ ވެކްސިން ޖަހަމުން ގެންދާއިރު، އެ ވެކްސިނަށް އެމެރިކާއިން އަދި ހުއްދަ ދީފައެއް ނުވެއެވެ.
އެސްޓްރަޒެނެކާއިން އެމެރިކާގައި ކުރިއަށްގެންދިޔަ އެންމެފަހު މަރުހަލާގެ ކްލިނިކަލް ޓްރައިލްސްގެ މައުލޫމާތާއެކު، އެސްޓްރަޒެނެކާއިން އެ ވެކްސިން، އިމަޖެންސީ ބޭނުމަށް އެމެރިކާގައި ބޭނުން ކުރުމުގެ ހުއްދައަށް ވަރަށް އަވަހަށް އެދޭނޭ ކަމަށް ވެއެވެ.
މެކްސިކޯގެ ރައީސް އެންދްރޭސް މަނުއެލް ލޮޕޭޒް ވިދާޅުވީ، އެމެރިކާއިން ފޮނުވާ ވެކްސިން ޝިޕްމަންޓް އަންނަ ހަފްތާ ތެރޭގައި ލިބޭނޭ ކަމަށެވެ.
އެންދްރޭސް މަނުއެލް ލޮޕޭޒް ވިދާޅުވީ، ވެކްސިންގެ ލޯނަކަށް ބައިޑެންގެ އަރިހުން އޭނާ އެދިވަޑައިގެންނެވީ މީގެ ދެމަސްކުރިން ފޯނުން ވާހަކަފުޅު ދައްކަވަމުން ކަމަށެވެ.
އެހެންކަމުން، އޭނާގެ އެދިވަޑައިގަތުމަށް އެމެރިކާ ސަރުކާރުން ވެކްސިން ދޭން ނިންމުމުން، އެންދްރޭސް މަނުއެލް ލޮޕޭޒްވަނީ ޚާއްސަގޮތެއްގައި ރައީސް ޖޯ ބައިޑެންއަށް ޝުކުރު އަދާކުރައްވާފައެވެ.
މެކްސިކޯއަށް "ވެކްސިން ލޯނެއް" ދިނުމަށް އެމެރިކާއިން ނިންމިއިރު، މިމަހުގެ ކުރީކޮޅު އެމެރިކާ ސަރުކާރުން ބުނެފައިވަނީ، މެކްސިކޯއަށްވެސް އަދި އެހެން ގައުމަކަށްވެސް އެމެރިކާއިން މިވަގުތު ވެކްސިން ނުދޭނޭ ކަމަށެވެ.
އެމެރިކާގެ ފުރަތަމަ އަމާޒަކީ، އެގައުމުގެ ރައްޔިތުންނަށް ވެކްސިން ދިނުން ކަމަށްވެސް ބުނެފައި ވެއެވެ.
ނަމަވެސް، ވައިޓްހައުސްގެ ތަރުޖަމާނު ޖެން ޕްސާކީވަނީ، މެކްސިކޯއަށް ވެކްސިން ދިނުމަށް ބައިޑެންގެ ސަރުކާރުން ނިންމިކަން ކަށަވަރު ކޮށްދެއްވާފައެވެ.