ށ. ނޫމަރާގައި އަލަށް އިމާރާތްކުރާ އިންޖީނުގެ އާއި އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ.

އެތަނުގެ ބިންގާ މިއަދު އަޅުއްވައި ދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސައީދު މުޙައްމަދާއި ނޫމަރާ ކައުންސިލްގެ ރައީސް ހަސަން ޢަބްދުﷲ އެވެ.

މިއީ ރަށްރަށުގައިހުރި އިންޖީނުގެތައް ރިލޯކޭޓު ކުރުމަށް ސަރުކާރުން ހިންގަމުންދާ މަޝްރޫއުގެ ދަށުން ކުރިއަށްދާ މަޝްރޫއެކެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ސްކައިވަން ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑާއެވެ. މަސައްކަތް ނިންމަން އެއްބަސްވެފައިވާ މުއްދަތަކީ 270 ދުވަހެވެ.

މިއެއްބަސްވުމުގައި ފެނަކަ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އެމްޑީ އަޙުމަދު ސައީދެވެ. ސްކައިވަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އެމްޑީ ޝިޔާމް އަލީ އެވެ.

ފެނަކަ އެމްޑީ އުތުރަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އިއްޔެވަނީ ހއ. މާރަންދޫއާއި، ތަކަންދޫ ފެނަކަ އައު އޮފީހުގެ ބިންގާ ވެސް އަޅައިފައެވެ.