އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑްހަރސްޓްގެ ކޯހަކުން ގދ. ފަރެސްމާތޮޑާ ޒުވާނަކު އެއްވަނަ ހޯދައިފިއެވެ.

މި ފަޚުވެރި މިވަނަ ހޯދީ އެމްއެންޑީއެފްގެ އޮފިސަރ ކެޑޭޓް ފިރުޝާނާ ތައުފީގެވެ. އޭނާއަކީ ފަރެސްމާތޮޑާ މާތޮޑާ އަވަށު، ސަންރައިޒް، މުޙައްމަދު ތައުފީގާއި ރިޔާސާ މުޙައްމަދުގެ ކުއްޖެކެވެ.

މިއީ އިނގިރޭސިވިލާތުގެ އެ އެކެޑަމީގެ ތަމްރީނެއްގައި ދިވެހި ކަނބަލަކު ބައިވެރިވި ފުރަތަމަ ފަހަރެވެ. އޭނާ ހޯދި މި ފަޚުވެރި ކާމިޔާބަށްޓަކައި ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީއާއި ޗީފްއޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ އޭނާއަށް މަރުޙަބާ ވިދާޅުވެފައެވެ.

ސާޖަންޓް ފިރުޝާނާގެ މި ކާމިޔާބީއަކީ މުޅި އެމްއެންޑީއެފްއާއި ރާއްޖެ ވެސް ފަޚުރުވެރިވާ ކާމިޔާބީއެއް ކަމަށް ޖެނެރަލް ޝަމާލް ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ހުންނަވާ އިނގިރޭސި ސަފީރު ވެސް ވަނީ ފިރުޝާނާއަށް މަރުހާ ވިދާޅުވެފައެވެ.

މީކޯހުން އޭނާ ހޯދާފައި ވަނީ "ބެސްޓް އިންޓަރނޭޝަނަލް ސްޓޫޑެންޓް އެވޯޑް" އެވެ. މިކޯހުގައި އިނގިރޭސި ވިލާތުގެ އިތުރުން ރާއްޖެއާއި، ބޫޓާނާއި، އިރާގުން ވަނީ ބައިވެރިވެފައެވެ. ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑްހަރސްޓް އަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ތަނެކެވެ.