ކޮވިޑް-19 ބަލީގެ ހާލަތު އިތުރަށް ގޯސްވާން ފެށުމުން ޔޫރަޕްގެ ބައެއް ގައުމުތައް އަލުން ލޮކްޑައުން ކުރަން ފަށައިފިއެވެ.

ފްރާންސާއި، ޕޯލެންޑާއި، ޔޫކްރެއިންގެ ބޮޑު ބައެއް ހޮނިހިރު ދުވަހުން ފެށިގެން ލޮކްޑައުން ކޮށްފައި ވާއިރު، މުޅި ޕޯލެންޑްވަނީ ލޮކްޑައުން ކޮށްފައެވެ.

ފްރާންސްގެ ވެރިރަށް ޕެރިސް ހިމެނޭގޮތުން، އެ ގައުމުގެ ބޮޑުބައެއް ހުކުރު ދުވަހުގެރޭ މެންދަމުން ފެށިގެން ލޮކްޑައުން ކޮށްފައި ވާއިރު، ޔޫކްރެއިންގެ ވެރިރަށް ކިޔޭވްވަނީ އެއްކޮށް ލޮކްޑައުން ކޮށްފައެވެ.

ގިނަ ފިހާރަތަކާއި ވިޔަފާރިތައް ބަންދުކޮށްފައިވާއިރު، އާންމުންނަށް އަންގާފައިވަނީ ގޭގައި ތިބެގެން މަސައްކަތް ކުރުމަށެވެ.

ޔޫރަޕްގެ ބައެއް ގައުމުތައް އަލުން ލޮކްޑައުންކޮށް އަދި އެހެން ގައުމުތަކުންވެސް މިފަދަ ފިޔަވަޅުތައް އަޅަން ތައްޔާރުވަމުންދާއިރު، ގިނަ ގައުމުތައް މިހާރު ތަޖުރިބާ ކުރަމުންދަނީ ކޮވިޑް ބަލީގެ ތިންވަނަ ރާޅެވެ.

ބަލީގެ ހާލަތު ގޯސްވަމުންދާއިރު، ޔޫރަޕްގެ ގައުމުތަކުގައި ވެކްސިން ޖެހުމަށް ޔޫރަޕިއަން ޔޫނިއަނުން ކުރަމުންދާ މަސައްކަތަށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ބޭނުންވާ ވަރަށް ވެކްސިން ލިބޭގޮތެއް ނުވެއެވެ.

ކޭސްތައް ވަރަށް ބޮޑަށް އިތުރުވާން ފެށުމުން، ފްރާންސުން ވެރިރަށް ޕެރިހާއި، އުތުރުގެ ސަރަހައްދުތައް މަސްދުވަހަށްވަނީ ލޮކްޑައުން ކޮށްފައެވެ.

ލޮކްޑައުންގެ ދަށުން، ޒަރޫރީ ވިޔަފާރިތައް ފިޔަވައި، އެހެން ހުރިހާ ވިޔަފާރިއެއްވަނީ ބަންދުކޮށްފައެވެ. ނަމަވެސް، ސްކޫލްތައް ބަންދުކޮށްފައެއް ނުވެއެވެ.

ލޮކްޑައުން ކޮށްފައިވާ ސަރަހައްދުތަކުން އެއްވެސް މީހަކު ގެއިން ބޭރަށް ދާނަމަ އެކަމަށް ޚާއްސަ ފޯމެއް ފުރިހަމަ ކުރަންޖެހޭ ގޮތަށްވަނީ ހަދާފައެވެ.

ފްރާންސްގެ ސަރުކާރުން ބުނެފައިވަނީ، ލޮކްޑައުންގެ މިފިޔަވަޅުތައް އަޅަން މަޖުބޫރުވީ، ބަލިމީހުން ގިނަވެ، ހޮސްޕިޓަލްތަކުގެ އަސީޔޫތަކަށް ކުރަމުންދާ ޕްރެޝަރ ކުޑަކުރުމުގެ ގޮތުން ކަމަށެވެ. ބަލިމީހުން ގިނަވެ އައިސީޔޫތައް މިހާރު ފުރެން ގާތްވެފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.

އަނެއްކޮޅުން، ޖަރުމަނުގެ ސިއްހަތާބެހޭ އެންމެ އިސް އިދާރާއިން ބުނެފައިވަނީ، އެގައުމުގައިވެސް އަލަށް ބަލިޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މަތިވަމުން އަންނަ ކަމަށެވެ.

އެހެންކަމުން، ޖަރުމަނުންވެސް ވަރަށް އަވަހަށް އިތުރު ހަރުކަށި ފިޔަވަޅުތަކެއް އަޅާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

ޖަރުމަނުގެ ލީޑަރ އެންޖެލާ މާކެލް ހުކުރު ދުވަހު ވިދާޅުވެފައިވަނީ، ބަލި ފެތުރުން ހުއްޓުވަން އިތުރު ފިޔަވަޅުތައް އަޅައި އަދި ހަރުކަށި ލޮކްޑައުންއަކަށް ދާން ޖެހިއްޖެނަމަ ވެސް އެކަން ކުރައްވާނޭ ކަމަށެވެ.