ދެކުނު އޭޝިޔާގެ ގައުމުތަކުގެ ތެރެއިން އެންމެ ފަގީރު ގައުމުތަކުގެ ރައްޔިތުންނަށް ބޭނުންވާ ވެކްސިން ގަތުމަށް ފަންޑު ދިނުމަށް ހަމަޖެއްސިގޮތް ވޯލްޑް ބޭންކުން ހާމަކޮށްފިއެވެ.

ވޯލްޑް ބޭންކުން ފަންޑު ހަމަޖެއްސީ އަފްޣާނިސްތާން، ބަނގްލަދޭޝް އަދި ނޭޕާލަށެވެ.

އެގޮތުން، އަފްޣާނިސްތާނަށް ދިނުމަށް ކަނޑައަޅާފައިވަނީ 113 މިލިއަން އެމެރިކާ ޑޮލަރެވެ. މީގެތެރޭގައި، އެމެރިކާގެ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަނުންދޭ 60 މިލިއަން ޑޮލަރުވެސް ހިމެނެއެވެ.

އަފްޣާނިސްތާނަށް ދިނުމަށް ކަނޑައެޅި 113 މިލިއަން ޑޮލަރު ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ، ވެކްސިން ގަތުމުގެ އިތުރުން، ކޮވިޑަށް ޓެސްޓްކުރުން ވަރުގަދަކޮށް އަދި ބަލިމީހުންނަށް ފަރުވާ ދިނުމުގެ ކަންކަން ވަރުގަދަ ކުރުމުގެ އިތުރުން، ކޮވިޑްގެ ސަބަބުން އިގްތިސާދަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކަމަށް ވޯލްޑް ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަންގެ އެހީތެރިކަމާއެކު، ވޯލްޑް ބޭންކުންވަނީ ބަނގްލަދޭޝްއަށް 500 މިލިއަން ޑޮލަރު އަދި ނޭޕާލަށް 75 މިލިއަން ޑޮލަރު ދިނުމަށްވެސް ނިންމާފައެވެ.

އަފްޣާނިސްތާނާއި، ބަނގްލަދޭޝްއާއި ނޭޕާލް ހިމެނެނީ، އޭޝިޔާގެ ގައުމުތަކުގެ ތެރެއިން ޖީޑީޕީގެ ނިސްބަތުން އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައެވެ.

މިފަދަ ގައުމުތަކަށް މާލީ އެހީތެރިކަން ދިނުމުގެ އިތުރުން، ވެކްސިން ޖެހުމުގެ މަސައްކަތާއި، ސިޔާސަތުތައް ކަނޑައެޅުމުގައި އެ ގައުމުތަކަށް ޓެކްނިކަލް ސަޕޯޓް ދިނުމުގެ އިތުރުން، ނޮލެޖް-ޝެއާރިންގ ވޯކްޝޮޕްތައްވެސް ބާއްވާނޭ ކަމަށް ވޯލްޑް ބޭންކުން ބުނެފައި ވެއެވެ.

އަފްޣާނިސްތާން، ބަނގްލަދޭޝް އަދި ނޭޕާލަށް ދޭން ކަނޑައެޅި މާލީ އެހީއާއެކު، ވެކްސިން ގަތުމަށާއި، ޓެސްޓްކުރުމުގެ ކެޕޭސިޓީ އިތުރު ކުރުމާއި، ފަރުވާދިނުމުގެ ގާބިލްކަން އިތުރު ކުރުމަށް މިހާތަނަށް ތަރައްގީވަމުން އަންނަ ގައުމުތަކަށް ވޯލްޑް ބޭންކުންވަނީ 12 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ ވެދީފައެވެ.