ސައުތު އެފްރިކާއަށް ގަތް އެސްޓްރަޒެނެކާގެ ހުރިހާ ވެކްސިނެއް ބޭރު ގައުމުތަކަށް ވިއްކައި ހުސްކޮށްލައިފިއެވެ.

ސައުތު އެފްރިކާ ސަރުކާރުގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެގައުމުގެ ރައްޔިތުންނަށް ޖެހުމަށް ގަތް އެސްޓްރަޒެނެކާގެ ކޮވިޑް ވެކްސިންތައް ގައުމުތަކަށް ވިއްކައި މިހާރު ހުސްކޮށްލައިފި ކަމަށެވެ.

ނަމަވެސް، ސައުތު އެފްރިކާއިން އެ ވެކްސިން ވިއްކި ގައުމުތަކުގެ ތެރޭގައި އެފްރިކަން ޔޫނިއަން ނުވަތަ އެފްރިކާ ބައްރުގެ އެއްވެސް ގައުމެއް ނުހިމެނޭ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އެކަމަކު، ވެކްސިން ގަތީ ކޮން ގައުމަކުންކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ސައުތު އެފްރިކާއިން، އެގައުމުގެ ރައްޔިތުންނަށް ޖެހުމަށް ގަތް އެސްޓްރަޒެނެކާގެ ވެކްސިން އެހެން ގައުމުތަކަށް ވިއްކާލީ، އެ ވެކްސިން، ސައުތު އެފްރިކާއިން ފެނިފައިވާ ކޮވިޑް ވައިރަހުގެ ވޭރިއެންޓްގެ ކިބައިން ދިފާއުކޮށް ނުދޭކަމަށް ބުނެއެވެ.

އެސްޓްރަޒެނެކާގެ ވެކްސިނުން، ބަލިން ދިފާއުކޮށްދޭ މިންވަރަކީ ގާތްގަނޑަކަށް %17 ވަރު ކަމަށްވެސް ބުނެފައި ވެއެވެ.

ސައުތު އެފްރިކާގެ ސައިންސްވެރިން މިކަން ތަހްލީލުކޮށް ހޯދިއިރު، އެ ވެކްސިން ގެންދިޔައީ ޖަހަމުންނެވެ.

ނަމަވެސް، މިދިޔަ ފެބްރުއަރީމަހުގެ ތެރޭގަ ވަނީ ވެކްސިން ޖެހުން ހުއްޓާލާފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ވެކްސިން އެކްސްޕާޓުން ރެކޮމެންޑް ކުރުމުންވެސް ސައުތު އެފްރިކާއިން ބުނީ، އެ ވެކްސިން ޖެހުމަކީ ބޭކާރުކަމެއް ކަމަށެވެ.

ސައުތު އެފްރިކާގައި އެންމެ ގިނަ މީހުންނަށް ކޮވިޑް ބަލި ޖެހިފައިވަނީ، އެ ގައުމުން ފެނިފައިވާ ވޭރިއެންޓުގެ ސަބަބުންނެވެ.