ރެޑްބުލް ކުންފުނީގެ އޯނަރުގެ ދަރިފުޅު ބާރަށް ފެރާރީ ކާރުގައި ގޮސް ޖައްސާފައި ފުލުހަކު މަރާލި މައްސަލާގައި އޭނާ ތައިލެންޑަށް ގެނައުމަށް އިންޓަރޕޯލްގެ ރަތް އިންޒާރު ނެރެފިއެވެ.

ރެޑްބުލް ކުންފުނީގެ ބާނީ، ޗާލިއޯގެ ކާފަ ދަރިފުޅު ވޯރާޔޫތު ޔޫވީދްޔަ، ވަނީ މިމައްސަލަ ބަލަމުން ދަނިކޮށް ޕްރައިވެޓް ޖެޓެއްގައި ފިލައިގެން ގައުމަށް ބޭރުވެފައެވެ.

ކިޔާލަން: ރެޑްބުލް މައްސަލާގައި ތައިލެންޑްގެ ޖުޑީޝަރީ އިސްލާހުކުރަން ޖެހިއްޖެ

ކުރިން އޭނާ ހުރީ ސިންގަޕޯރގައެވެ.

މިމައްސަލަ ނުބަލާން ފަސްޖެހި ޖެހި ތިބުމަށްފަހު ތައިލެންޑްގެ ސަރުކާރު ބަދަލުވުމާ ގުޅިގެން، އަދި މީހުން ސަރުކާރަށް ނަފަރްތުގެ ބަސްތައް ރައްދުކޮށް ބޮޑު މީހާއަށް ބޮޑުކޮށް އިންސާފު ލިބޭކަމަށް ބުނުމުން ސަރުކާރުން ވަނީ މައްސަލަ ތަހުގީގުކުރުމަށް ނިންމާފައެވެ.

އިތުރަށް، ވޯރާޔޫތުގެ މައްސަލަ ދިމާވީ ތައިލެންޑްގައި މީހުން ކޮންމެ ދުވަހަކު މުޒާހަރާ ކުރާ ދުވަސްވަރަކާވެސް މެއެވެ.

ވޯރާޔޫތު، ރޭގަނޑުގެ ވަގުތެއްގައި ޑްރަގް ނަގައިގެން ހުރެ، ބާރަށް ކާރެއް ދުއްވާފައި ގޮސް ލައިގަތުމުން 2012 ސެޕްޓެމްބަރު 3 ގައި ވީ އެކްސިޑެންޓްގައި ފުލުހުންގެ އޮފިސަރަކު މަރުވިއެވެ. މި އެކްސިޑެންޑް ކޮށްލާފައި އޭނާ އެތަނުން ފިލައިގެން ދިޔައީއެވެ. މިއަދާހަމައަށްވެސް އޭނާ ހައްޔަރުކޮށްފައެއް ނުވެއެވެ.

ރަނގަޅަށް ކަންތައްތައް ގޮސްފިނަމަ، ނިމޭނީ ވޯރާޔޫތު، 20 އަހަރަށް ޖަލަށް ލެވިގެންނެވެ. އެއީ، ބާރަށް ދުއްވާފައި މީހަކު މެރުމަށް ލިބޭ 15 އަހަރާއި އެކްސިޑެންޓްގައި ހަލާކަށް ހުށަހެޅުނު މީހާއަށް އެހީ ނުވުމުން ލިބޭ 5 އަހަރެވެ.

ކެމެރާތަކުން ދައްކާ ގޮތުން އެސޮރު ދުއްވީ، ގަޑިއަކު 175 މޭލު ބާރު މިނުގައެވެ.