މިޔަރުގެ މަސްވެރިކަން ކުރަން ތިބި ބަޔަކު މިއަދު އަތުލައިގެންފިއެވެ. ފުލުހުން ވިދާޅުވީ، އދ. މަންދޫ ކައިރީގައި އެމީހުން މިޔަރު މަސްވެރިކަން ކުރަން ތިބި ކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 11:30 އެހައިކަންހާއިރު ކަމަށެވެ. އެ މަޢުލޫމާތު ލިބުމުން އެ ދޯނި "ލޮކޭޓު" ކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.

ފުލުހުން ވިދާޅުވީ މިޔަރު މަސްވެރިކަން ކުރަމުންދިޔަ ދޯނީގައި 4 މީހުން ތިބި ކަމަށެވެ. ދޯނި ހުއްޓުވައި އެމީހުން އަތުލައިގެންފައި ވަނީ މާވަރުފަޅު ކައިރިން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އެ ދޯނި ހުއްޓުވައި ބަލައި ފާސްކުރި އިރު މިޔަރާއި މިޔަރު އުރަހައާއި ލޮނު އަޅާފައި ހުރި މިޔަރު މަސް ފެނިފައިވެއެވެ. ފުލުހުން ވިދާޅުވީ އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މިޔަރަކީ ހިމާޔަތް ކޮށްފައިވާ އެއްޗެކެވެ. އެ ހިފުމާއި އެކްސްޕޯޓު ކުރުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ. ފުލުހުން އަތުލައިގަތް މީހުން މިހާރު ތިބީ ކޮންތާކު ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި އެ ދޯނިން ފެނިފައިވަނީ ކިތައް މިޔަރު ކަމެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.