ބޮލީވުޑްގެ ތަރި ކާތިކް އާރިއަން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. އިންސްޓަރ ގްރާމް މެދުވެރިކޮށް އޭނާ ވަނީ މި ވާހަކާ އޭނާގެ ފޭނުންނާ ހިއްސާ ކޮށްފައެވެ.
ބޮޑު "ޕްލަސް ސައިން" އެއްގެ ފޮޓޯއެއް ޕޯސްޓްކޮށް އޭގެ ކެޕްޝަނަކަށް އޭނާ ލިޔެފައިވަނީ "އަހަރެން ޕޮޒިޓިވް ވެއްޖެ. އަހަންނަށްޓަކައި ހެޔޮ ދުއާ ކޮށްދީ،“ މިހެންނެވެ. ގިނަ ބަޔަކު އެ ޕޯސްޓަށް ކޮމެންޓް ކުރިއިރު އެންމެންވެސް ވަނީ އޭނާއަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ދުއާ ކޮށްފައިއެވެ.
އިންޑިއާގައި މިދިޔަ އަހަރުގައި ލޮކް ޑައުން އުވާލިފަހުން ކާތިކް ދަނީ މެދު ކެނޑުމެއްނެތި އެކި ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރަމުންނެވެ. މިދިޔަ ހޮނިހިރު ދުވަހު އޭނާ ވަނި ޑިޒައިނަރ މަނީޝް މަލްހޮތުރާ ގެ އެދުމުގެ މަތިން މުމްބައިގައި ބޭއްވުނު ލެކްމީ ފެޝަން ވީކްގެ ރޭމްޕްގައި ވެސް ހިނގާފައިއެވެ. ކިއާރާ އަދްވާނީ ވަނީ ޝޯ ސްޓޮޕާއެއްގެ ގޮތުގައި މި ހަފްލާގައި ބައިވެރިވެފައިއެވެ.
މިދިޔަ އަހަރު ލޮކް ޑައުން ތެރޭ ކާތިކް ވަނީ އެކްސްޕާޓުންނާ ވާހަކަ ދައްކާއި ކޮވިޑަށް މީހުން ހޭލުންތެރިކުރުމުގެ މަސައްކަތް ވެސް ކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނި "ކޮއި ޕޫޗޭގާ'' ގެ ނަމުގައި ވީޑިއޯ ސީރީޒް އެއް ވެސް ފަށާފައިއެވެ.
10 ދުވަސް ތެރޭ ދަމާކާގެ ޝޫޓިން ނިންމާލުމަށްފަހު ކާތިކް ވަނި ބޫލް ބުލައިއްޔާގެ ޝޫޓިން ފަށާފައިއެވެ. މި ފިލްމުކީ އަނީސް ބަޒްމީ ޑައިރެކްޓު ކުރާ ފިލްމެކެވެ. ބޫލް ބުލައިއްޔާ 1 ޑައިރެކްޓް ކުރީ ޕްރިޔަދަރްޝާންއެވެ.
ކާތިކް އާރިޔަން ގެ ކުރިއަށް ހުރި ފިލްމު ތަކުގެ ތެރޭގައި ބޫލް ބުލައިއްޔާ 2 ހިމެނެއެވެ. މި ފިލްމުން ކާތިކް ގެ އިތުރުން ފެނިގެން ދާނީ ކިއާރާ އަދްވާނީ އަދި ތާބޫ އެވެ.
ދޯސްތާނާ 2 އަކީ ވެސް ކާތިކް މަސައްކަތް ކުރަމުން އަންނަ ފިލްމެކެވެ. އެ ފިލްމުން ކާތިކް ގެ އިތުރުން ފެނިގެންދާނީ ޖާންވީ ކަޕޫރް އަދި ލަކްޝް ލަލްވާނީއެވެ.
މީގެ އިތުރުން ލަކްޝްމަން އުތޭކަރްގެ ލުކާ ޗުޕީ 2 އަކީ ވެސް ކާތިކުގެ ކުރިޔަށް އޮތް ފިލްމެކެވެ.