"ދިރާގުޕޭ" މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހަމަޖައްސައިފިއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މީރާ އަދި ދިރާގު ގުޅިގެން ތައާރަފް ކުރި މި ޙިދުމަތުގެ ތެެރެއިން ޓެކްސް ފިޔަވާ އެހެނިހެން ފައިސާ ބަލައިގަތުމަށް މީރާ އިން ޚާއްސަކޮށްފައިވާ މީރާގެ އޮންލައިން ޚިދުމަތް "ވާރުޕޭ " އިން "ދިރާގުޕޭ" މެދުވެރިކޮށް ފައިސާ ދެއްކުމުގެ ޙިދުމަތް ހަމަޖެހިފައިވާ ކަމަށް މީރާ އިން މައުލޫމާތުދެއެވެ.

މި ޚިދުމަތް ތައާރަފުކޮށްފައިވަނީ، މިކަމަށްޓަކައި މިއަދު މީރާގައި ބޭއްވި ހާއްސަ ހަފްލާގައި، މީރާއާއި ދިރާގުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.. މި އެއްބަސްވުމުގައި މީރާގެ ފަރާތުން ސޮއިކުރައްވާފައިވަނީ މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، އަލްފާޟިލާ އަސްމާ ޝަފީޢު، އަދި ދިރާގު ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ދިރާގުގެ ޗީފް ފައިނެންޝަލް އޮފިސަރ، ރޮބިން ވޯލްއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް ވިދާޅުވީ، މި ޚިދުމަތަކީ މީރާއިން ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މީރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތައާރަފުކޮށްފައިވާ ޚިދުމަތެއް ކަމަށެވެ. މިދުވަސްވަރަކީ އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައް ކުރުން އިތުރުވަމުން އަންނަ ދުވަސްވަރެއްކަމުން، ގިނަ ފަރާތްތަކުން މި ފަދަ ޚިދުމަތްތައް ބޭނުންކުރަމުންދާތީ، އެ ފަދަ ފަރާތްތަކުން މީރާއިން ޚިދުމަތް ހޯދުމަށް ފަސޭހަ ވެގެންދާނެ ކަމަށް ޑެޕިއުޓީ ކޮމިޝަނަރ ވިދާޅުވިއެވެ.

އަދި، ކުރިއަށްއޮތްތަނުގައި، މިފަދަ ޚިދުމަތް ފޯރުކޮށްދޭ އިތުރު ފަރާތްތަކާއި ގުޅިގެން، މި ފަދަ ގިނަ ޚިދުމަތްތައް ތައާރަފުކުރުމަށް މަސައްކަތްކުރަމުންދާކަމަށާ މި ޚިދުމަތް ތައާރަފުކުރުމަށްޓަކައި ދިރާގުގެ ފަރާތުން މީރާއަށް ލިބުނު އެއްބާރުލުން ފާހަގަކޮށް އެކަމަށް ޓަކައި ޝުކުރުދެންނެވިއެވެ.

މި ހަފްލާގައި ދިރާގުގެ ޗީފް ފައިނޭންޝަލް އޮފިސަރ ރޮބިން ވޯލް ދެއްކެވި ވާހަކަފުޅުގައި، މީރާގެ ޕޭމަންޓް ޕާޓްނަރ އެއްގެ ގޮތުން ފަސޭހަ، ރައްކާތެރި އަދި އިތުބާރު ހިފޭ ޚިދުމަތެއް ދިރާގު ޕޭ މެދުވެރިކޮށް ފޯރުކޮށްދެވުމަކީ ވަރަށް އުފާކުރައްވާ ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން މީރާގެ ކަލެކްޝަން ސެންޓަރތަކަށް ކަސްޓަމަރުން ދާން ނުޖެހި، ފަސޭހަކަމާއެކު ފައިސާދެއްކުމުގެ އިތުރު އިންތިޒާމެއް ހަމަޖެހިގެންދާނެކަމަށް ވިދާޅުވިއެވެ.

ވާރުޕޭގެ ޚިދުމަތަކީ މީރާގެ ވެބްސައިޓުން އަދި މީރާގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ލިބޭ ޚިދުމަތެކެވެ.ވާރުފޭ ޚިދުމަތް މެދުވެރިކޮށް ކުންފުނިތަކުގެ އަހަރީ ފީ އާއި، އެއްގަމު އުޅަނދު އަދި ކަނޑު އުޅަނދުގެ އަހަރީ ފީއާއި، ޓްރެފިކާގުޅޭ ގޮތުން ކުރާ ޖޫރިމަނާއާއި، މުދަލު ޒަކާތާއި، އެއަރޕޯޓް ސެކިއުރިޓީ ފާސް ޕޭމަންޓް އަދި މިނޫންވެސް ގިނަ ފައިސާ ދެއްކޭނެ ކަމަށް މީރާއިން މައުލޫމާތުދެއެވެ.