ޔަމަނުގެ ވެރިރަށް ސަންއާއާއި، ޔަމަނުގެ ބިމުގެ ބޮޑުބައެއްގައި ވެރިކަން ކުރަމުން އަންނަ ހޫޘީންނަށް، ސައުދީ އަރަބިއްޔާ އިސްވެއޮވެ އުފައްދާފައިވާ އަރަބި ކޯލިޝަނުން ދެމުންގެންދާ ހަމަލާތައް ހުއްޓާލުމުގެ ޕްލޭނެއް، ސައުދީ އަރަބިއްޔާއިން ހޫޘީންނަށް ހުށަހަޅައިފިއެވެ.

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ސައުދީ ފޮރިން މިނިސްޓަރ ޕްރިންސް ފައިސަލް ބިން ފަރްހާން އާލް ސުއޫދު ވިދާޅުވީ، ސައުދީ އަރަބިއްޔާއިން ހުށަހެޅި ޕްލޭނަކީ މުޅި ޔަމަނުގައި ހަމަލާތައް ހުއްޓާލުމުގެ ޕްލޭނެއް ކަމަށެވެ.

އދގެ ބްލެސިންއާއެކު ސައުދީން ހުށަހެޅި ޕްލޭންގައި ސަންއާގައި އޮންނަ ޔަމަނުގެ އެންމެބޮޑު އެއަރޕޯޓް އަލުން ހުޅުވުންވެސް ހިމެނެއެވެ.

މި ޕްލޭނަށް ހުޘީން އެއްބަސްވުމާއެކު، އެއަށް އަމަލުކުރަން ފެށޭނެ ކަމަށް، ސައުދީ ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

ހަމަލާތައް ހުއްޓާލުމާމެދު ގޮތެއް ނިންމުން މިހާރުއޮތީ ހޫޘީންގެ އަތްމަތީގައި ކަމަށްވެސް ޕްރިންސް ފައިސަލް ބިން ފަރްހާން ވިދާޅުވިއެވެ.

ހަމަ އެއާއެކު، ސައުދީ އަރަބިއްޔާގެ ރައްޔިތުންނާއި، އެގައުމުގެ ބޯޑަރާއި، ގައުމު ދިފާއުކުރުމަށް ހޫޘީންނާ ކުރިމަތިލާން ޖެހިއްޖެ ކޮންމެ ވަގުތަކަށް ސައުދީ އޮންނާނީ ތައްޔާރަށް ކަމަށްވެސް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

ހޫޘީން އިސްކުރަންވީ އެމީހުންގެ މަސްލަހަތުތޯ ނުވަތަ އީރާނުގެ މަސްލަހަތުތޯ، ހޫޘީން ގޮތެއް ނިންމަންޖެހޭ ކަމަށްވެސް ޕްރިންސް ފައިސަލް ވިދާޅުވިއެވެ.

ސައުދީން ހުށަހެޅި ޕްލޭންގައި، ޔަމަނުގެ އެންމެބޮޑު ކަނޑުގެ ބަނދަރު ކަމަށްވާ ހުދައިދާ މެދުވެރިކޮށް ޔަމަނަށް ބޭނުންވާ ތެލާއި ކާބޯތަކެތި އެތެރެކުރަން ފެށުންވެސް ހިމެނެއެވެ.

ހަމަ އެއާއެކު، ސައުދީ އަރަބިއްޔާގެ މަދަދާއެކު ޔަމަނުގެ ދެކުނުގެ އަދަންގައި ގާއިމްކޮށްފައިވާ އަބްދް ރައްބު މަންސޫރު ހާދީގެ ސަރުކާރާއި، ޔޫޘީންނާ ދެމެދު ސިޔާސީ މަޝްވަރާތައް ފެށުމަށްވެސް ހުށަހަޅާފައި ވެއެވެ.

ސައުދީގެ ޕްލޭނަށް ހާދީގެ ސަރުކާރުން ވަގުތުންވަނީ މަރްހަބާ ކިޔާފައެވެ.

ނަމަވެސް، ސައުދީ އަރަބިއްޔާއިން ހުށަހެޅި ޕްލޭނަށް ހޫޘީން ބުނެފައިވަނީ، އޭގައި ހިމެނެނީ މިދިޔަ އަހަރު ދުވަހު ދެފަރާތުން އެކި ފަހަރުމަތިން ވާހަކަ ދައްކަމުން އައި ކަންކަން ކަމަށާއި، އޭގައި އާ އެއްވެސް ކަމެއް ނުހިމެނޭ ކަމަށެވެ.

ސަންއާ އެއަރޕޯޓާއި، ހުދައިދާ ކަނޑުގެ ބަނދަރު ބްލޮކްކޮށް ހުރަސްއަޅަން ސައުދީން އަޅާފައިވާ ހުރިހާ ފިޔަވަޅުތައް އުވާލަން ހުޘީން ކުރާ ޑިމާންޑަށް ޕްލޭންގައި އައު ގޮތެއް ހުށަހަޅާފައި ނުވާކަމަށްވެސް ހޫޘީން ބުނެފައި ވެއެވެ.

ސައުދީ އަރަބިއްޔާއިން އެންމެ ފުރަތަމަ ކުރާންވީ ކަމަކީ، ޔަމަނާމެދު ގެންގުޅޭ އަނިޔާވެރިކަން އެއްކޮށް ދޫކޮށްލުން ކަމަށާއި، އެއަރޕޯޓްތަކާއި، ކަނޑުގެ ބަނދަރުތައް ހުޅުވުމަކީ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުޅުވުމުގެ ހައްގު ލިބިގެންވާ ތަންތަން ކަމަށާއި، ފިއްތުންތައް ކުރިމަތިކުރާ ހަތިޔާރަކަށް އެފަދަ ތަންތަން ހަދައިގެން ނުވާނޭ ކަމަށްވެސް ހޫޘީންގެ ތަރުޖަމާނު މުހަންމަދު އަބްދުއްސަލާމް ބުނެފައި ވެއެވެ.