ތައިލެންޑުން ޑިވެލޮޕްކުރި ކޮވިޑް-19 ވެކްސިން، އިންސާނުން ބޭނުންކޮށްގެން ޓެސްޓްކުރަން ފަށައިފިއެވެ.

ތައިލެންޑުން އުންމީދުކުރަނީ މި ވެކްސިން އަންނަ އަހަރު އާންމުކޮށް ލިބެން ހުންނާނޭ ކަމަށެވެ.

އިންސާނުން ބޭނުންކޮށްގެން މި ވެކްސިންގެ ކްލިނިކަލް ޓްރައިލްސް ފެށުމާ ގުޅިގެން ތައިލެންޑުގެ ހެލްތު މިނިސްޓަރ އަނޫޓިން ޗާރންވިރަކުލް ވިދާޅުވެފައިވަނީ، ތައިލެންޑްގައި ކޮވިޑް ވެކްސިނެއް އުފެއްދުމަކީ ވެކްސިނާމެދު ސަރުކާރުން ގެންގުޅޭ ޕޮލިސީއަށް އިތުރު އިޚްތިޔާރުތަކާއި، މިނިވަންކަމެއް ލިބިގެންދާނޭ ކަމެއް ކަމަށެވެ.

ތައިލެންޑްގައި މިހާރު ބޭނުން ކުރަމުން ގެންދަނީ އެސްޓްރަޒެނެކާގެ ކޮވިޑް ވެކްސިނެވެ.

އެސްޓްރަޒެނެކާގެ 61 މިލިއަން ޑޯޒްގެ ވެކްސިން ގެންގޮސް، ތައިލެންޑުން ގެންދަނީ އުމުރުން ދުވަސްވީ މީހުންނަށް ވެކްސިން ދެމުންނެވެ.

ތައިލެންޑް ސަރުކާރުން އަމާޒު ކަނޑައަޅާފައިވަނީ، މިއަހަރު ނިމުމުގެކުރިން އާބާދީގައި ހިމެނޭ އުމުރުން ދުވަސްވީ މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަށް ވެކްސިންދީ ނިންމުމަށެވެ.

އެސްޓްރަޒެނެކާގެ ވެކްސިން، ތައިލެންޑްގެ ވެކްސިން ކުންފުނިންވެސް ޖޫންމަހު އުފައްދަން ފަށާނެއެވެ. ތައިލެންޑްގެ ރަސްގެފާނު ހިންގަވާ މި ވެކްސިން ކުންފުންޏަކީ އެސްޓްރަޒެނެކާގެ ޕާޓްނަރ ކުންފުންޏެކެވެ.

ތައިލެންޑްގައި އަމިއްލަ ވެކްސިން ޑިވެލޮޕްކޮށް އުފެއްދުމަށް މަސައްކަތް ކުރަމުން ގެންދަނީ، ތައިލެންޑްގައި ޑޮކްޓަރީ ބޭސް އުފައްދާ ގަވަރމަންޓް ފާމަޝޫޓިކަލް އޮގަނައިޒޭޝަން-ޖީޕީއޯއާއި، މަހިޑޯލް ޔުނިވަރސިޓީގެ ޓްރޮޕިކަލް މެޑިސިންސް ޑިޕާޓްމަންޓާއި، އެމެރިކާގެ އަމިއްލަ ޖަމާއަތެއް ގުޅިގެންނެވެ.

މަހިޑޯލް ޔުނިވަރސިޓީ ކައުންސިލްގެ ޗެއަރމަން ޕިޔަސަކޮލް ސަކޮލްސަޓަޔަޑޯރން ވިދާޅުވީ، ތައިލެންޑުން ތައިލެންޑްގެ ރައްޔިތުންނަށް އުފައްދާ ވެކްސިން އަންނަ އަހަރު ބޭނުންކުރަން ފެށޭވަރު ވާނެ ކަމަށެވެ.

މަހިޑޯލް ޔުނިވަރސިޓީގެ ޑީން ބަންގްޖޮންގް މަހައިސަވަރިޔާ ވިދާޅުވީ، އިންސާނުން ބޭނުންކޮށްގެން ފަށާ ޓްރައިލްސްގައި 460 ވޮލަންޓިއަރުން ބޭނުން ކުރެވެނޭ ކަމަށެވެ. އޭގެތެރެއިން ފުރަތަމަ ފޭސްގައި ބޭނުންކުރެވޭނީ 210 ވޮލަންޓިއަރުން ކަމަށްވެސް ޑީން ވިދާޅުވިއެވެ.

ތައިލެންޑްގެ ޗުލަލޮންގްކޯރން ޔުނިވަރސިޓީންވެސް ކޮވިޑް ވެކްސިނެއް ޑިވެލޮޕް ކުރަމުން އެބަގެންދެއެވެ.

ތައިލެންޑުން ވެކްސިން ޓްރައިލްސް ފެށިއިރު، ތައިލެންޑްގެ އަވަށްޓެރި ޖަޕާނާއި ޓައިވާނުންވެސް މިހާރުވެސް އުޅެނީ ކޮވިޑް ވެކްސިނެއް އުފެއްދުމުގެ މަގުމަތީގައެވެ.

ވިއެޓްނާމުން މިދިޔަ ހަފްތާގައި ބުނެފައިވަނީ، އެގައުމުން އުފެއްދި ވެކްސިން މިއަހަރުގެ ފަހުކޮޅު ބޭނުންކުރަން ފެށޭނެ ކަމަށެވެ.