ޗައިނާއިން ސައިނޯފާމް ވެކްސިންގެ ދެ ލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައިވާއިރު އެ ދެ ލައްކަ ޑޯޒް ބަލާ އެއް ލައްކަ ޑޮލަރު ހަރަދުކޮށްފައި ދާން ޖެހުމަކީ ދެރަކަމެއް ކަމުގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެއެވެ.

މިހާރު ޖަހަމުންދާ ސައިނޯފާމް ވެކްސިނަކީ ހެޔޮ އެދޭ ފަރާތަކުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ސައިނޯފާމްގެ 10 ހާސް ޑޯޒް އެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް ޓެގްކުރައްވާ ކުރެއްވި ޓްވީޓްގައި މެމްބަރު ޝަހީމް ވިދާޅުވީ ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިން ބަލާދިއުމަށް ރާއްޖެއިން 100،000 ޑޮލަރު ހަރަދުކޮށް ފްލައިޓެއް ޗާޓާކޮށްގެން ދާންޖެހުމުން ހިތާމަކުރާކަމަށެވެ.

ޗައިނާއިން ވަނީ އެގައުމުން އުފެއްދި ސިނަފަރމް ވެކްސިންގެ ދެ ލައްކަ ޑޯޒު ރާއްޖެއަށް ހަދިޔާ ކުރާނެކަން އިއުލާން ކޮށްފައެވެ.