ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ)އިން ފުލުހުންނަށް 3000 ސޭފްޓީ ގޮގްލްސް ހަދިޔާކޮށްފިއެވެ.

އެސް.ޓީ.އޯގެ ފަރާތުން މި ސޭފްޓީ ގޮގްލްސްތައް ފުލުހުންނަށް ހަދިޔާކޮށްދެއްވީ އެކުންފުނީގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރެވެ. އަދި ފުލުހުންގެ ފަރާތުން މިތަކެއްޗާ ޙަވާލުވެވަޑައިގަތީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ.

އެސްޓީއޯ އިން ބުނީ ފުލުހުންނަށް ހަދިޔާކުރި މި 3000 ސޭފްޓީ ގޮގްލްސްއަކީ ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް، ޕީ.ޕީ.އީއާއެކު ބޭނުންކުރެވިދާނެ ގޮގްލްސްތަކެއްކަމަށެވެ. އަދި މިތަކެއްޗާއެކު ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރެވިގެންދާނެކަމަށް އެކުންފުނިން ފާހަގަކުރައްވާފައިވެއެވެ.

ކޯވިޑް-19އާ ދެކޮޅަށް ފުލުހުންގެ މުއައްސަސާއިން ކުރަމުންދާ މަސައްކަތްތަކުގައި ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން އެސް.ޓީ.އޯއިން ވަނީ މިިދިޔަ އޯގަސްޓްމަހު ފުލުހުންގެ ލެބޯޓްރީއަށް ކޯވިޑް-19އަށް ޓެސްޓްކުރުމަށް ބޭނުންކުރާނެ ޕީ.ސީ.އާރް މެޝިނެއްވެސް ހަދިޔާކޮށްފައެވެ.