ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ހަދާފައިވާ ފިޔަވަތި އިމާރާތް މަރާމާތުކުރުމަށްފަހު އެތަން ހުޅުވައިފިއެވެ.

އެތަން ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފައިވަނީ ވަރޗުއަލްކޮށް މިއަދުއެވެ. މިމަޝްރޫއަށް ޚަރަދު ކޮށްފައިވަނީ އިންޑިއަން ގްރާންޓް އެސިސްޓެންސްގެ 106 މިލިއަން ރުފިޔާގެ ދަށުން 1.9 މިލިއަން ރުފިޔާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

އެތަން ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާއި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ސްޓޭޓް މިނިސްޓަރުން ކަމަށްވާ އާއިޝަތު ރަޝީދު އަދި ޒިފްލީނާ ހަސަނެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، އިޖްތިމާއީ-އިގްތިސާދީ ގޮތުން ނާޒުކު ހާލަތުގައި ތިބޭ ކުޑަކުދިންނަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ސަރުކާރުގެ ޒިންމާއެއްކަމާއި، މި މަޝްރޫއަކީ އަކީ މިދެންނެވި ޒިންމާގެ ތެރެއިން ސަރުކާރުން ހިންގި މަޝްރޫއެއްކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން އިމާރާތުގެ ސަލާމަތީ ކަންކަން ހަރުދަނާކުރެވި، އިމާރާތުގައި މިހާރު ބޭނުންކުރާ ފަރުނީޗަރު އާކުރެވި، ކުދިންގެ އާންމު ބޭނުންތަކަށް ބޭނުންކުރާނެ ޖާގަ ތައްޔާރުކުރެވުނެވެ. މި މަޝްރޫޢުގެ ސަބަބުން ފަޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެކުދިން ގަޔާވާ ހިތްފަސޭހަ މާހައުލެއް ޤާއިމުވެގެންދާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

މި މަޝްރޫއު ހިންގުނީ ހިލޭ އެހީގެ ގޮތުގައި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް މާޗް 2019 ގައި ދިން 6.9 މިލިއަން ޑޮލަރު (106 މިލިއަން ރުފިޔާ)ގެ އެހީގެދަށުންނެވެ. މި އެހީގެ ބޭނުމަކީ އިޖްތިމާއީ-އިގްތިސާދީ ކުރިއެރުންތަކަށް ދިވެހިރާއްޖޭގައި ހިންގޭ މަޝްރޫއުތަކަށް ޚަރަދުކުރުމެވެ.