ހޮންގްކޮންގާއި މަކާއުއިންވެސް ފައިޒަރ/ބަޔޯއެންޓެކްގެ ވެކްސިން ޖެހުން ވަގުތީގޮތުން ހުއްޓާލައިފިއެވެ.
ހޮންގްކޮންގާއި، މަކާއުއަކީވެސް ޒާތީ ވެރިކަމެއް ކުރާ ޗައިނާގެ ދެ ސިޓީއެވެ.
އެ ދެ ސިޓީން ފައިޒަރގެ ވެކްސިން ޖެހުން ވަގުތީގޮތުން ހުއްޓާލީ، ފައިޒަރ ވެކްސިންގެ އެއް ބެޗް ޕެކްކުރުމުގައި މައްސަލަތަކެއް ފާހަގަ ކުރެވިގެން ކަމަށް ވެއެވެ.
ހޮންގްކޮންގ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވެކްސިން ޖެހުން ހުއްޓާލީ އެއްގޮތަކަށްވެސް އެ ވެކްސިންގެ ރައްކާތެރިކަމާމެދު ޝައްކުތަކެއް އޮވެގެން ނޫން ކަމަށެވެ.
ނަމަވެސް، ވެކްސިންގެ އެއް ބެޗްގައި، ޕެކްކުރުމުގެ މައްސަލައެއް އުޅޭކަމުގެ ރިޕޯޓްލިބިގެން އެކަން ތަހްގީގުކޮށް ބެލުމަށް ކަމަށް ބުނެފައި ވެއެވެ. އަދި އެއީ، ރައްކާތެރި ފިޔަވަޅެއްގެގޮތުން ކުރި ކަމެއް ކަމަށްވެސް ބުނެފައި ވެއެވެ.
ހޮންގްކޮންގާއި މަކާއުއިންވެސް ފައިޒަރ ވެކްސިން ޖެހުން ވަގުތީގޮތުން ހުއްޓާލީ ޗައިނާގެ ފޯސަން ފާމަޝޫޓިކަލް ކުންފުނިން އެ ދެ ސިޓީގެ ސަމާލުކަމަށް އެކަން ގެނައުމުންނެވެ.
ފޯސަންއަކީ، ޗައިނާގެ ރަށްތަކަށް ފައިޒަރގެ ވެކްސިން ފޯރުކޮށްދޭ ކުންފުންޏެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މައްސަލަ ޖެހިގެން އުޅެނީ ޗައިނާއަށް ގެންދިޔަ ފައިޒަރ ވެކްސިންގެ 210102 ބެޗްގެއެވެ. އެ ބެޗްގެ ވެކްސިން ޕެކްކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ވެއެވެ.
އެކަމަކު، ވެކްސިން ޖެހުން ހުއްޓާލިއިރު، މި ބެޗްގެ ވެކްސިން އާންމު އެތައްބަޔަކަށް ވަނީ ޖަހާފައެވެ.
ހޮންގްކޮންގެ އިތުރުން، މަކާއުއިންވެސްވަނީ މިކަމާ ގުޅޭގޮތުން ބަޔާނެއް ނެރެފައެވެ. ބަޔާނުގައި ޕެކޭޖިންގައި އުޅެނީ ކޮން ކަހަލަ މައްސަލަތަކެއް ކަމަށް ބުނެފައެއް ނުވެއެވެ. ހަމައެކަނި ބުނެފައިވަނީ، މިއީ ވެކްސިންގެ ރައްކާތެރިކަމާ ގުޅޭ މައްސަލައެއް ނޫން ކަމަށެވެ.
ސިޔާސީ މަސްރަހް ވަރަށް ބޮޑަށް ނުތަނަވަސްވެފައިވާ ހޮންގްކޮންގެ އާންމުންނަށް ފެބްރުއަރީމަހު އެންމެ ފުރަތަމަ ޖަހަން ފަށާފައިވަނީ ސިނޮވެކްގެ ވެކްސިންނެވެ. ފައިޒަރގެ ވެކްސިން ޖަހަން ފަށާފައިވަނީ މި މާޗްމަހުގެ ތެރޭގައެވެ.
މަސްރަހު ނުތަނަވަސް ވެފައި އޮތުމުން، ހޮންގްކޮންގ ސަރުކާރުން ބޭނުންވި ސްޕީޑްގައި ވެކްސިން ޖެހުން ކުރިއަކަށް ނުދެއެވެ. އާންމުން ވެކްސިން ޖަހާކަށް ނުދެއެވެ. ފެބްރުއަރީން ފެށިގެން މިހާތަނަށް ވެކްސިން ޖެހިފައިވަނީ އާބާދީގެ އެންމެ %5 އަށެވެ.