ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭ ސިޓީ މޭޔަރުކަމަށް ޕީޕީއެމް ޓިކެޓުގައި ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒުއަށް މިއަދުވެސް އޭސީސީއަށް ހާޒިރުވުމަށް އަންގައިފިއެވެ.

ޕީޕީއެމްއިން ބުނެފައިވަނީ މުއިއްޒުއަށް އޭސީސީއަށް ހާޒިރުވުމަށް އަންގާފައިވަނީ މިއަދު ހަވީރު 04:00 އަށް ކަމަށެވެ.

މުއިއްޒު ވަނީ މިމަހުގެ 23 ވަނަދުވަހުވެސް އޭސީއަށް ހާޒިރު ކޮށްފައެވެ.

މުޢިއްޒު އޭސީސީއަށް ހާޒިރުކުރި ކުރުމަކީ ސިޔާސީ ގޮތުން އެކޮމިޝަނުން ކުރިކަމެއްކަމަށް ދޭހަވާގޮތަށް އޭނާ ވާހަކަ ދައްކާފައިވާކަމަށް ބުނެ އޭސީސީން ނެރުނު ނޫސްބަޔާނެއްގައި ވަނީ، އެކޮމިޝަނުން ތަޙުޤީޤުކުރަމުންދާ މައްސަލަތަކާ ގުޅިގެން މީޑިއާތަކަށް މަޢުލޫމާތު ދިނުމުގައި، ތަޙުޤީޤުތަކަށް ހާޒިރުކުރާ ފަރާތްތަކާއި އެފަދަ ފަރާތްތައް ހާޒިރުކުރާ ދުވަސްތަކުގެ މަޢުލޫމާތަކީ، އާންމު އުސޫލުން ކޮމިޝަނުން ދެމުންދާ މަޢުލޫމާތެއް ނޫންކަމަށެވެ.

އެގޮތުން، ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ކޮމިޝަނަށް ހާޒިރުކުރާކަން މީޑިއާއަށް ދީފައިވަނީ ކޮމިޝަނުން ނޫންކަމަށާއި، އެހެން ފަރާތަކުން އެކަން މީޑިއާއަށް ހިއްސާކޮށް، ކޮމިޝަނުގެ ތަޙުޤީޤަށް ހާޒިރުކުރާ ކުރުމަކީ ސިޔާސީ ވަކި ވިސްނުމެއްގައި ކުރާކަމެއްކަން ދޭހަވާގޮތަށް ދެކެވޭ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތެކެއް ކަމުގައިވެސް އޭސީސީން ބުނެފައިވެއެވެ.