މެދު ރާއްޖެތެރޭ ރަށެއްގައި ކުޑަ ކުއްޖެ ރޭޕްކުރި ކަމަށް އާއިލާއިން ތުހުމަތު ކުރާ މައްސަލާގައި ތުހުމަތު ކުރެވޭނެ ހެއްކެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

އެ މައްސަލައިގެ ތުހުމަތު ފުލުހަކަށާއި، ޓިޗަރެއްގެ އިތުރުން އިތުރު ބަޔަކަށްވެސް ކުރެވެއެވެ. އާއިލާ އިން ތުހުމަތު ކުރަނީ އުމުރުން 14 އަހަރުގެ އެ ކުއްޖާ ގޭންގަކުން ރޭޕްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މާޗު މަހުގެ ތިން ވަނަ ދުވަހު، އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިމަހުގެ 11 ވަނަ ދުވަހު ހުށަހެޅުނު ކަމަށެވެ.

"މި މައްސަލާގައި ވަކި މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ހެކި މިހާތަނަށް ތަހުގީގަށް ލިބިފައި ނުވޭ،" ފުލުހުން މިއަދު ބުންޏެވެ.

ޖެންޑާ މިނިސްޓްރީން ބުނީ 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިމަހުގެ 10 ވަނަ ދުވަހު އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ ކުއްޖާ މިހާރު ވަނީ ރައްކާތެރި މާހައުލެއްގައި، މި މައްސަލައިގެ މިނިސްޓްރީން ފުލުހުންނާއެކު މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި މައްސަލާގައި ރޭ އެރަށުގައި މުޒާހަރާވެސް ކޮށްފައި ވެއެވެ.