ޔޫއެސް އާރމީ ޕެސިފިކްގެ ޑެޕިއުޓީ ކޮމާންޑިންގ ޖެނެރަލް، މޭޖަރ ޖެނެރަލް މެކް ޑެނިއެލް، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި އޭނާ ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ބަންޑާރަކޮށީގައި މިއަދު ބޭއްވެވި މި ބައްދަލުކުރެއްވެވުމުގައި ޔޫއެސް އާރމީ ޕެސިފިކް ކޮމާންޑާއި ގުޅިގެން އެމްއެންޑީއެފްގެ އިންސާނީ ވަޞީލަތް ތަރައްޤީ ކުރުމަށް ކުރިއަށްގެންދެވޭނެ އެކިއެކި އަސްކަރީ ތަމްރީނުތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވެމުގައި މޭޖަރ ޖެނެރަލް މެކް ޑެނިއެލްގެ އަރިހުގައި ރާއްޖެ ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

ޔޫއެސް އާރމީ ޕެސިފިކްގެ ޑެޕިއުޓީ ކޮމާންޑިންގ ޖެނެރަލްގެ މަޤާމުގައި ހުންނެވި މޭޖަރ ޖެނެރަލް މެކް ޑެނިއެލް އަކީ އޮސްޓްރޭލިއަން އާމީގެ އެކިއެކި ސްޕެޝަލް އޮޕަރޭޝަންނަލް ކޮމާންޑުތަކުގެ ކޮމާންޑަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން ސްޕެޝަލް އެއަރ ސަރވިސް ރެޖުމަންޓާއި ސްޕެޝަލް އޮޕަރޭޝަން ކޮމާންޑްގެ ކޮމާންޑަރ ކަން ވަނީ ކުރައްވާފައެވެ.

މި ދަތުރުފުޅަކީ މިމަހުގެ 25 އިން 30 އަށް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެކެވެ.

-ޚަބަރު އެމްއެންޑީއެފް