ޗައިނާއާއެކު އެއްވެސް ހާލެއްގައި ކުމަތިލުމަކަށް ދާން ބޭނުން ނުވާކަމަށް، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ވަރަށް ސާފުކޮށް ދަންނަވާފައިވާނޭ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ބައިޑެން ވިދާޅުވީ، ބަރަކް އޮބަމާގެ ވެރިކަމުގައި އޭނާ އެމެރިކާގެ ނައިބް ރައީސަކަށް ހުންނެވި ދުވަސްވަރު، ޗައިނާގެ ރައީސާއެކު "އެތައް އެތައް ގަޑިއިރެއް" ހޭދަކުރައްވާފައި ވާނޭ ކަމަށާއި، ޝީ ޖިންޕިންއާއެކު ހޭދަކުރެއްވި ވަގުތުތަކުން އެނގިވަޑައިގެންނެވި ކަމަކީ، ޗައިނާގެ ރައީސަކީ ޑިމޮކްރަސީއަކީ މުސްތަގްބަލެއް އޮތް އެއްޗެއް ނޫންކަމަށް ގަބޫލުކުރައްވާ ބޭފުޅެއްގެގޮތުގައި ކަމަށެވެ.

ވައިޓްހައުސްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ، ޗައިނާގެ ރައީސަކީ ރަޝިޔާގެ ރައީސް ޕޫޓިންއާ އެއްފަދަ ބޭފުޅެއް ކަމަށެވެ.

އެބޭފުޅުން ގަބޫލުކުރައްވަނީ، މުސްތަގްބަލު އޮތީ ގަދަބާރުންކުރާ ވެރިކަމެއްގައި ކަމަށާއި، މިޒަމާނުގެ ދުނިޔޭގައި ޑިމޮކްރަސީއަކީ މަސައްކަތްކުރާނެ ނިޒާމެއް ނޫންކަމަށެވެ.

ބައިޑެން ވިދާޅުވީ، ޗައިނާގެ ރައީސަކީ "ސްމާޓް" ބޭފުޅެއް ކަމަށާއި، ނަމަވެސް އޭނާގެ ހަށިކޮޅުގައި "ޑިމޮކްރަސީގެ އެންމެ ކަށިކޮޅެއްވެސް" ނެތް ކަމަށެވެ.

ބައިޑެން ވިދާޅުވީ، އެމެރިކާގެ މުސްތަގްބަލަށް އޭނާ ގެންގުޅުއްވަނީ ތަފާތު ތަސައްވުރެއް ކަމަށެވެ. އެ ތަސައްވުރަކީ، ޗައިނާއާ ވާދަ ކުރުމަށްޓަކައި އެމެރިކާގެ މަސައްކަތްތެރިންނަށާއި، ސައިންސަށް ބޮޑެތި އިންވެސްޓްމަންޓްތައްކުރުން ކަމަށެވެ.

ޗައިނާއާ ދެމެދު ވަރުގަދަ ވާދަވެރިކަމެއް އޮތްނަމަވެސް، ޗައިނާއާއެކު ކުރިމަތިލުމަކަށް ދާން އެމެރިކާއިން ބޭނުން ނުވާކަމަށް ބައިޑެން ޕްރެސް ކޮންފަރެންސްގައިވެސް ވިދާޅުވިއެވެ. އެމެރިކާއިން ބާރުއަޅަނީ ޗައިނާއިން ކުރާކަމެއް އިންސާފުވެރިކަމާއެކު ކުރުން ކަމަށްވެސް ވިދާޅުވިއެވެ.

ބައިޑެންވަނީ، ޓައިވާން، ހޮންގްކޮންގ، ސައުތު ޗައިނާ ކަނޑު، އަދި ޗައިނާގެ އުއިޣުރު މުސްލިމުންނާމެދު ހިންގާ ލާއިންސާނީ އަމަލުތަކަށް ޗައިނާ ޒިންމާދާރުކުރުވަން އެމެރިކާއިން އެމެރިކާގެ ބައިވެރިންނާ ގުޅިގެން މަސައްކަތް ކުރާނޭ ކަމަށެވެ.

ވެރިކަމާ ހަވާލުވެވަޑައިގެން ޗައިނާގެ ރައީސާއެކު 2 ގަޑިއިރު ވަންދެން ފޯނުން ވާހަކަފުޅު ދެއްކެވި ކަމަށާއި، ޗައިނާއިން އިންސާނީ ހައްގުތަކަށް އަރައިގަންނަނަމަ އެމެރިކާއިން މަޑުން ނޯންނާނޭ ކަމަށް ޝީ ޖިންޕިންއަށް ދެންނެވި ކަމަށްވެސް ބަޑެއިން ވިދާޅުވިއެވެ.