12 އަހަރުން ދަށުގެ ކުޑަކުދިންނަށް ވެކްސިން ދެވިދާނެތޯ ބެލުމަށް ފައިޒަރ/ބަޔޯއެންޓެކުން ޓެސްޓުތައް ފަށައިފިއެވެ.
ޓެސްޓުތަކަށްފަހު، 2022 ވަނަ އަހަރުގެ ކުރީކޮޅު އެ އުމުރުފުރާގެ ކުދިންނަށް ވެކްސިން ދޭން ފެށޭވަރު ވާނޭކަމަށް އުންމީދުކުރާ ކަމަށް އެދެ ކުންފުނިން ބުރާސްފަތި ދުވަހު ބުނެފައި ވެއެވެ.
ފައިޒަރ ކުންފުނީގެ ތަރުޖަމާނު ޝެރަން ކަސްޓިލޯ ވިދާޅުވީ، ޓްރައިލްސް ފެށުމުގެގޮތުން ވޮލަންޓިއަރުންގެ ފުރަތަމަ ގްރޫޕަށް ބުދަދުވަހު އިންޖެކްޝަން ޖަހާފައިވާ ކަމަށެވެ.
އެމެރިކާގެ ފައިޒަރ ކުންފުންޏާއި، ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން ޑިވެލޮޕްކޮށް އުފައްދާފައިވާ ވެކްސިން، އިމަޖެންސީ ބޭނުމަށް އެމެރިކާގައި ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
އެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އެމެރިކާއިން ދިނީ 16 އަހަރުން މަތީގެ މީހުންނަށް ޖެހުމަށެވެ.
މިދިޔަ ބުދަދުވަހުގެ ހެނދުނުގެ ނިޔަލަށް އެމެރިކާގެ 66 މިލިއަން މީހުންނަށް މި ވެކްސިން ޖަހާފައިވާ ކަމަށް، އެމެރިކާގެ ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ބުނެފައި ވެއެވެ.
ފައިޒަރ/ބަޔޯއެންޓެކުން ފެށި ޓެސްޓްތަކުގައި އުމުރުން 12 އަހަރުން ދަށުން ފެށިގެން އުމުރުން އެންމެ 6 މަހުގެ ކުދިންވެސް ބޭނުންކުރާނޭ ކަމަށް ވެއެވެ.
ފުރަތަމަ ފޭހުގައި 144 ކުދިންނަށް އެކި މިންވަރުގެ މައިކްރޯގްރާމް ހިމެނޭ ވެކްސިން ޑޯޒްތައް ދިނުމަށްފަހު، ފަހުގެ މަރްހަލާގައި 4،500 ކުދިން ބެނުން ކުރުމަށް ފައިޒަރއިންވަނީ ނިންމާފައެވެ.
ވެކްސިން ޑޯޒްތައް ދިނުމަށްފަހު ބަލާނީ، އޭގެ ރައްކާތެރި މިންވަރާއި، އިމިއުން ރެސްޕޮންސް އުފެދޭ މިންވަރާއި، ކުދިންގެ ހަށިގަނޑު ވެކްސިން ގަބޫލުކުރާ މިންވަރުގެ މައްޗަށް ކަމަށް ބުނެފައި ވެއެވެ.
ފައިޒަރ ކުންފުނިން މިހާރުވެސް ގެންދަނީ އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް އެ ކުންފުނީގެ ވެކްސިން ދެވިދާނެތޯ ބެލުމުގެ ޓެސްޓުތައް ހަދަމުންނެވެ. މި ޓެސްޓުތަކުގެ ނަތީޖާ ކުރިއަށްއޮތް ހަފްތާތަކުގައި ހާމަކުރެވޭވަރު ވާނޭ ކަމަށްވެސް ބުނެފައި ވެއެވެ.
ކޮވިޑް-19 އަށް ވެކްސިނެއް އުފައްދާފައިވާ އެމެރިކާގެ މޮޑަނާ ކުންފުނިންވެސްވަނީ، މިދިޔަ ހަފްތާގައި މިފަދަ ޓެސްޓްތަކެއް ފަށާފައެވެ.
އުމުރުން 16 އަހަރާއި 17 އަހަރުގެ ކުދިންނަށްވެސް ފައިޒަރގެ ވެކްސިން އެމެރިކާގައި ޖަހަމުން ގެންދާއިރު، މޮޑަނާގެ ވެކްސިން ޖެހުމުގެ ހުއްދަ ދީފައިވަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ.
އެމެރިކާގައި ކުޑަކުދިންނަށް ކޮވިޑް ވެކްސިން ޖެހުމަށް އެއްވެސް ހުއްދައެއް އަދި ދީފައެއް ނުވެއެވެ.