ހުދު ވިނިގާ އަކީ ވަރަށް ގިނަ ބޭނުންތަކަށް ބޭނުން ކުރެވޭ އަގުހެޔޮ ބާވަތެކެވެ. ނަމަވެސް ބައެއް މީހުނަށް ހީވެފައި އޮންނަނީ ވިނިގާ ބޭނުން ކުރެވެނީ ހަމަ އެކަނި ކެއުމުގެ ބާވަތްތައް ހެދުމަށް އެކަނި ކަމަށެވެ. އެހެންނަމަވެސް ހުދު ވިނިގާ ބޭނުންކޮށްގެން އެއްޗެހި ދޮވެ ސާފުވެސް ކުރެވެއެވެ.

މެޝިނު ސާފުކުރުން

ހުދު ވިނިގާ ބޭނުންކޮށްގެން މެޝިނުގައި ހުންނަ މިލަތަކާއި ހަޑިތައް ފިލުވައި ސާފު ކޮށްލެވެއެވެ. އަދި މެޝިނުގައި ފެން ހިފައިފައި ހުރުމުން ދުވާ ނުބައި ވަސްވެސް ކަނޑުވާ ލެވެއެވެ. މިގޮތަށް މެޝިނު ސާފުކުރުމަށްޓަކައި 3 ޖޯޑު ވިނިގާ އެޅުމަށްފަހު އެންމެ ބާރު ސްޕީޑްގައި އަނބުރާލާށެވެ. އޭރަށް މެޝިނުގައި ހުރި ކުނިތަކާއި ޖަރާސީމުތައް ފިލައިގެން ދާނެއެވެ. އަދި ނުބައި ވަހެއް ހުއްޓަސް އެ ވަސް ވެސް ފިލާނެއެވެ.

ކުޑަކުދިންގެ އަންނައުނު ދޮވުން

ކުޑަކުދިންނަށް ޚާއްޞަ ޑިޓަރޖެންޓް ބާޒާރުން ލިބެން ހުއްޓަސް އޭގައި ކެމިކަލް ހުންނާނެއެވެ. ކުޑަކުދިންގެ ހަމަކީ ވަރަށް ނާޒުކު ހަމެކެވެ. ބައެއް ކަހަލަ ކޯލާވާޓަރުންވެސް ބައެއް ކުދިންނަށް "އެލަޖީ" ގެ މައްސަލަތައް ކުރިމަތި ވެއެވެ. އެހެން ކަމުން ޑިޓަރޖެންޓްގައި ހުންނަ ކެމިކަލް އިން އެލަޖީގެ މައްސަލަތައް ތުއްތު ކުދިންނަށް ދިމާވުން އެކަށީގެން ވެއެވެ. މިކަމުގެ ހައްލެއްގެ ގޮތުން ވިނިގާ އަޅައިގެން އެއްޗިހި ދޮވެވިދާނެއެވެ. އެހެންކަމުން ގިނަ އެއްޗެހި އެއްފަހަރާ މެޝިނަށް އަޅާނަމަ، އެއް ޖޯޑު ވިނިގާ އަޅައިގެން ދޮވެލާށެވެ.

ލައްފިލުވުން

ލައްޖެހިފައި ހުންނަ އެއްޗިހި ލައްތައް ފިލުވުމަށް ވެސް ވިނިގާ ބޭނުން ކުރެވިދާނެއެވެ. އޭރަށް އެ އެއްޗެއްގެ އަސްލު ކުލަވެސް ނޮގޮސް ސާފު ވާނެ އެވެ. މިގޮތަށް ލައްފިލުވުމަށްޓަކައި ލައްޖެހިފައިވާ އަންނައުނު ވަކި އެއްޗަކަށް އަޅާށެވެ. އެއަށްފަހު ތާފަނާ ފެންފޮދަކާއި ވިނިގާ ޖޯޑެއް އަޅާށެވެ. ދެން އެއަށް އެއް ސަމުސާ ބޭކިން ސޮޑާ އެޅުމަށްފަހު 30 މިނެޓް ބަހައްޓާލާށެވެ. އޭރަށް ލައްތައް ފިލައި ސާފުވާނެއެވެ. އަދި މީގެ އިތުރަށް ވިނިގާ އަކީ ކުޑަކަމުދާ އެއްޗެހީގެ ވަސްވެސް ފިލުވައިދޭ އެއްޗެކެވެ.

އަންނައުނުގައި ހުންނަ ކުނޑި ފިލުވުން

ވިނިގާ އަޅައިގެން އަންނައުނު ދޮވުމުން އޭގައި ހުންނަ ކުނޑި ފިލައެވެ. ޚާއްޞަކޮށް ކަޅު ފަޓުލޫނު ފަދަ އެއްޗިހީގައި ހުންނަ ކުނޑިތައް ފިލުވަން މިއީ، ވަރަށް ފަސޭހަ ގޮތެކެވެ. ބުޅާ ކެހެރިފަދަ އެއްޗިހި ވެސް މި ގޮތަށް ދޮވުމުން ފިލާނެއެވެ.

ބެޑުޝީޓް ޖިންސުފަދަ ތަކެތި ދޮވުން

އަލަށް ގަންނަ ބެޑުޝީޓާއި ޖިންސުފަދަ ތަކެތި ދޮވުމަށް މަތިގަނޑެއްހައި ހުދު ވިނިގާ އެޅުމަށްފަހު މެޝިނު ޖައްސާލާށެވެ. މިގޮތައް ދޮވެލުމުން މި ތަކެތި މަޑުވާނެއެވެ. ހަރު ޖިންސު ފަދަ ތަކެތި ލައިގެން އުޅުމަށް ފަސޭހަ ވާނެއެވެ.

ބައެއް މީހުނަށް ހީވެފައި ވަނީ ވައިޓް ވިނިގާއިން އެއްޗިހި ދޮވުމުން ނުބައި ވަސް ދުވާނެ ކަމަށެވެ. ނަމަވެސް މިއީ ކުށްހީއެކެވެ. އެއްޗެހިން ނުބައިވަސް ދުވުމުގެ ބަދަލުގައި އެ އެއްޗިހީގެ ތާޒާކަން އިހުސާސް ވާނެއެވެ.