ފިލިޕީންސްގެ އެއަރފޯސް ތައްޔާރީ ހާލަތަށް ގެނެސްފިއެވެ.

ފިލިޕީންސްގެ އަސްކަރިއްޔާއިން އެއަރފޯސް ތައްޔާރީ ހާލަތަށް މިގެނައީ، ފިލިޕީންސް ކައިރިން ސައުތު ޗައިނާ ކަނޑުގައި އޮންނަ، ފިލިޕީންސުން މިލްކުވެރިކަމަށް ދައުވާކުރާ ފަރެއްގެ ކައިރީގައި ޗައިނާގެ މަސްބޯޓުތަކެއް ބަނދަރުކޮށްފައިވާ މައްސަލާގައެވެ.

މިކަމާހެދި، ފިލިޕީންސުން ތަކުރާރުކޮށް ޗައިނާއަށް ގޮވާލާފައިވަނީ އެ ފަރު ކައިރިން މަސް ބޯޓުތައް ދުރަށް ގެންދިއުމަށެވެ. ނަމަވެސް ޗައިނާއިން ފިލިޕީންސްގެ ގޮވާލުމަށް އަޅައެއް ނުލިއެވެ.

އެތައް ގައުމަކުން މައްސަލަ ޖައްސަމުން ގެންދާއިރުވެސް ޗައިނާއިން ގެންދަނީ މުޅި ސައުތު ޗައިނާ ކަނޑުގެ ސަރަހައްދުގެ މިލްކުވެރިކަމަށް ދައުވާކުރަމުންނެވެ.

ޗައިނާގެ ގާތްގަނޑަކަށް 220 މަސްބޯޓު، ފިލިޕީންސްގެ ރަށެއް ކަމަށްވާ ޕަލަވަން އައިލެންޑްސްގެ ހުޅަނގަށް އޮންނަ ވައިޓްސަން ރީފް ކައިރިން އެންމެ ފުރަތަމަ ފެނުނީ މިމަހުގެ ކުރީކޮޅުގައެވެ.

މިކަމާހެދި، ފިލިޕީންސްގެ ދިފާއީ ވަޒީރު ޑެލްފިން ލޮރެންޒާނާ ވަނީ، މިއީ، ފިލިޕީންސްގެ އިސްތިގްލާލަށް އަރައިގަތުމެއް ކަމަށް ވިދާޅުވެ އެ ބޯޓުތައް އެތަނުން ދުރަށް ގެންދިއުމަށް ޗައިނާއަށް އަމުރު ކުރައްވާފައެވެ.

ޗައިނާއިން އެންމެ ފުރަތަމަ ބުނެފައިވަނީ، މަސްބޯޓުތައް އެ ފަރުގެ ކައިރީގައި ބަނޑަހަ ޖަހައިގެން ތިބީ މޫސުން ގޯސްވުމުގެ ސަބަބުން ރައްކާތެރިވުމަށް ކަމަށެވެ.

މިމައްސަލައިގެ ޝަކުވާ ފިލިޕީންސްގެ ފޮރިން މިނިސްޓްރީން މިހާރުވަނީ ރަސްމީގޮތުން ޗައިނާ ސަރުކާރަށް ހުށަހަޅާފައެވެ.

އަދި މަސްރަހް އިތުރަށް ހޫނުވަމުންދާތީ، އެމެރިކާއާއި އޮސްޓްރޭލިއާ ފަދަ ގައުމުތަކުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފިލިޕީންސް ސަރުކާރުންވަނީ، ކަނޑުގެ ސިފައިންނާއި، ކޯސްޓް ގާޑުގެ ފައުޖުތައް އެ ސަރަހައްދަށް ފޮނުވާފައެވެ. އަދި ވައިގެ ސިފައިން ގެންދަނީ ޗައިނާގެ މަސްބޯޓުތަކުގެ ހަރަކާތްތަކަށް ފާރަލުމަށް އެހިސާބުން އުދުހެމުންނެވެ.

ދިފާއީ ވަޒީރު ޑެލްފިން ލޮރެންޒާނާ ވިދާޅުވީ، ފިލިޕީންސްގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލް ދިފާއުކޮށް ހިމާޔަތް ކުރުމާއި، ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި އޮތް ކަމަށެވެ.

ހަމަ އެއާއެކު، ފިލިޕީންސްގެ ކަނޑުގެ ސަރަހައްދުގައި ފޯރިމެރުމަށް ކަނޑުގެ ސިފައިންގެ އިތުރު ފައުޖުތަކާއި، އިތުރު ކޯސްޓް ގާޑު އުޅަނދުތައް ފޮނުވާނޭ ކަމަށްވެސް ދިފާއީ ވަޒީރު ވިދާޅުވިއެވެ.